ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދަނީ ކަންބޮޑުވާ މިންވަރަކަށްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީންގެ ޝަރިއަތް ކުރިއަށްދިޔައީ ކަންބޮޑުވާފަދަ ގޮތަކަށްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ބޭއްވި ރައީސް ޔާމީންގެ ޝަރީއަތްވެސް ކުރިއަށްގެންދިޔައީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ. އެގޮތުން ޝަރީއަތް ކުރިއަށްދިޔައިރު ގާނޫނީ ވަކީލުންގެ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބިވަޑައިނުގަންނަވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ލޮކްޑައުންގެ ތެރޭގައި މާފުށި އޮއްވާ، ރައީސް ޔާމިން މާފުށިން މާލެ ގެނެސް، އަދި މާލޭގައި ޝަރީއަތް ހިންގި އިރު ރައީސް ޔާމިންގެ ގާނޫނީ ވަކީލުންނަށް ރައީސް ޔާމީނާއި ބައްދަލު ކުރާކަށްވެސް އަދި އެ މާހައުލަކަށް ވެސް ވެންނެވޭ ގޮތެއް ނުވި. ޝަރީއަތުގެ މަޖިލީހުގައި ރައީސް އިންނެވީ ގިނިކަންޏާ، ގާނޫނީ ވަކީލުން ތިއްބެވީ މުޅިން އެހެން މާހައުލެއްގައި. އޮންލައިންކޮށް ގެންދެވޭ ގޮތެއްގައި. މިމައްސަލައިގައި ގާނޫނީ ވަކީލުންނާއި މަޝްވަރާކޮށް ވާހަކަދައްކާކަށް ވެސް ފުރުސަތެއް ނުދިން. ރައީސްގެ ސަޕޯޓަރުން އެއްވެދާނެތީ ޝަރީއަތުގެ ގަޑިވެސް ކުއްލި ގޮތަކަށް ވަނީ ބަދަލުކޮށްފައި" ޝަރީފް ވިދާޅުވިއެވެ.

ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތަށް އަލިއަޅުއްވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެމައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހައެއްކަ މަސްވެފައިވާއިރު، މައްސަލައިގައި ގޮތެއް ނުނިމި އޮތީ ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށެވެ.

"ކުރިން އަޑުއިވެމުންދިޔައީ ކައުންސިލް އިންތިހާބަށްފަހު ޝަރީއަތް ނިމޭނެކަމަށް. ނަމަވެސް ހައިކޯޓުން މިމައްސަލަ ލަސްކުރަމުންދަނީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ބޮޑު ކާމިޔާބީއެއް ލިބިދާނެތީ. ހައިކޯޓުގައި އޮތް މައްސަލައާމެދު ދެން ގޮތެއް ނިންމާނީ ކްރިމިނަލް ކޯޓުގައި މިހާރު އަލަށް ފަށައިގެން އުޅޭ މައްސަލައަށް ސަރުކާރުން ބޭނުންވާ ފަދަ ކުރިއެރުންތަކެއް ލިބުމުންކަމަށް ގަބޫލުކުރެވެނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު ގަބޫލް ކުރަންޖެހޭ ހަގީގަތަކީ ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމެއް ނޫންކަމެވެ. އަދި ރައީސް ޔާމިންގެ ޝަރީއަތް ކުރަމުންދާ ކޮންމެ ގާޒީއަކަށް ވަރަށް ބޮޑެތި ފުރުސަތުތައް ފަހިވެގެންދާ ތަން ފެންނަމުންދަކަމަށާއި ޔާމީންގެ ޝަރީއަތް ކުރަން ލިބޭ ކޮންމެ ގާޒީއަކަށް ޕްރޮމޯޝަން ލިބެމުންދާ މަންޒަރު ފެންނަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް އަދުލް އިންސާފުގެ ދާއިރާއަށް ވެސް ހުރަސްއެޅި، އަދި އެ ފަނޑިޔާރުން ވެސް އެކަމުގެ ގެއްލުން ލިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފުވެސް ހިމެނިވަޑައިގަންނަވާ ރައީސް ޔާމިންގެ ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހުކުމްތައް ކޮށްފައިވާ ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތައް އިދިކޮޅުގައި ތިއްބެވި އިރު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން