ޞާދިރު ޢަލީދީދީ   28 ނޮވެމްބަރު 2020 - 13:12
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 14

...............

[ދަރިފުޅާ، ކީއްވެތަ ދަރިފުޅަށް ނުނިދޭންވީ. ދަރިފުޅު އަމިއްލައަކަށްނު އަދުހަމާ ވަކިވީ. ދަރިފުޅު ތިގޮތަށް އުޅެންޏާ، މަންމަ ގޮސް އަދުހަމް ގާތު ހުރިހާ ވާހަކައެއް ކިޔައިދީފާނަން.] ޒައިނަބް އިންޒާރު ކުރިއެވެ.

[ނޫން....ނޫން..މަންމާ....އޭރުން އަދޫ މާދެރަވާނެ. އަހަރެން ދެން އަދޫގެ ހަނދާންތައް އާކޮށް ނުރޯނަން.] ނުރޯނަމޭ ބުނެވުނު ވަގުތުވެސް އޭނާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ.

[ދަރިފުޅު ބުނާނެ ނުރޯނަމޭ. މިހާރުވެސް ރޮއިރޮއި ދެލޯ ތިވަނީ ރަތްއަރާފައި....] ޒައިނަބް، ދަރިފުޅުގެ ބުރަކަށީގައި އަތް ކާއްތާލިއެވެ.

[މަންމާ...އަހަންނަށް ރޮވެނީ، އަހަރެންގެ ބަދުނަޞީބު ޙާލާ ދޭތެރޭ ވިސްނުނީމަ. އަހަންނަކީ ކިހާ ބަދުނަޞީބު މީހެއް.....އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވީ ކުއްލިއަކަށް....] ލަމްހާގެ ބަޑި ފަޅައިގެންދިޔައެވެ. ޒައިނަބަށްވެސް ކެތްކުރެވުނީ ހިނދުކޮޅަކަށެވެ. ދަރިފުޅާއެކު ރުއިމުގައި ބައިވެރިވާން އޭނާއަށްވެސް މަޖުބޫރު ވެއްޖެއެވެ. އޭރު ދޮރުމަތީގައި މަންޒަރު ބަލަން ފެންކަޅިވެފައި ޖާވީދުވެސް ހުއްޓެވެ.

[ދަރިފުޅާ ހިތްވަރުކުރޭ. އަދި ދަރިފުޅަށް ހިނގޭނެޔޭ.] ޖާވީދު އައިސް ލަމްހާއަށް ހިތްވަރުދިނެވެ. ނަމަވެސް، އެއީ ލަމްހާ ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. އޭނަޔަށް ހިނގޭނީ ފަހަރެއްގައޭ ޑޮކްޓަރ ބުނި އަޑު ސީދާ އޭނާގެ ކަންފަތުން އަހާފައިވެއެވެ.

އަދިވެސް މާއިޝާ އެހުރީ އަދުހަމްގެ އިންތިޒާރުގައެވެ.އަދުހަމް އައިސް އާ ކައިވެނީގެ އުފަލާއި ހިތްހަމަޖެހުން އޭނާއާާއެކު ޙިއްޞާކުރާނޭ ވަގުތަކަށެވެ. އެއީ އައު ކައިވެންޏަށްފަހު ކޮންމެ މީހަކުވެސް އިންތިޒާރު ކުރާނެ ވަގުތެވެ. އެ އުފާވެރި ރާޙަތް ލިބުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އައު ކައިވެނީގެ ރެޔަކީ ޢިއްފަތްތެރި އަންހެން ކުއްޖެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެޔެވެ.

މާއިޝާއަކީވެސް އެފަދަ އަންހެން ކުއްޖެކެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލުމަށްފަހު، އޭނާ އިންތިޒާރު ކުރަމުން އެދަނީ އެވަގުތަށެވެ. އޭނާ އުއްމީދު ކުރެއެވެ. އަދުހަމް އައިސް އޭނާއަށް ލޯބިދޭނޭ ކަމަށެވެ.

ތިނެއްޖަހާ ބޮޑުވިއިރުވެސް އަދުހަމެއް ނައެވެ. މާއިޝާ މާޔޫސްވެއްޖެއެވެ. ދެލޯ ފެންކަޅިވެއްޖެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާހުރެ ދެފައި ވާޅުވެއްޖެއެވެ.

[ތިންގަޑިބައިވީ...އަދިވެސް ނާދޭ....] ހިތާހިތާ މާއިޝާ މިހެން ބުނެފައި އެނދުގައި އިށީނެވެ. އަދުހަމް ދޮރު ހުޅުވާފައި އެތެރެއަށް ވަނީ އެވަގުތުއެވެ.

[މާއިޝާ އަދިވެސް ނުނިދަންތަ؟] އަދުހަމް ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. މާއިޝާ ބަލައިލީ އަދުހަމްގެ މޫނަށެވެ. އޭރު މާއިޝާގެ ދެލޮލަށްވަނީ ކަރުނައިގެ އަސަރު ފާޅުވެފައެވެ.

[އައު ކައިވެނީގެ ރޭ....ހަމަ ނިދަންވީތަ؟] މާއިޝާ ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރިއެވެ.

[ވަކި ޚާއްޞަ ރެޔަކީތަ މީ.....] އަދުހަމް ގަމީސް ބާލައި ކޮނޑުގައި އަޅުވާލުމަށްފަހު، ފާޚާނާއަށް ވަންނަމުން ބުންޏެވެ. އަދުހަމްގެ އެ ޖުމްލައިން މާއިޝާއަށް ކުރި އަސަރު ވަކިން ބޮޑެވެ. އެހެން ނަމަވެސް، އަދުހަމްގެ ކުރިމަތީގައި ރޯކަށް އަދި އޭނާ ބޭނުމެއް ނޫނެވެ.

އޭނާ ހިތްވަރުކުރިއެވެ. އަދުހަމް ފާޚާނާއިން ނުކުންނަންދެނެވެ. އަދުހަމް ފެންވަރައިގެން ނުކުތުމާއެކުހެން މާއިޝާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

[އަދުހަމް...މި އުފާވެރި ރޭ އަހަރެން ނިދަންވީތަ؟] މިޖުމްލައާއެކު މާއިޝާގެ ދެލޯ ކަރުނައިން ފުރިގެން ބަންޑުން ވެއްޖެއެވެ.

[އަހަރެން އުފަލެއްނުވޭ....އެހެންނޫނަސް، މީހުންތަކާ ސަލާމްކުރަން ކޮޅަށް ހުރެހުރެ ވަރަށް ބޮޑަށް ވަރުބަލިވެފައި މިހުރީ....އަހަރެންވެސް ބޭނުންވަނީ އަރާމްކޮށް ނިދާލަން.] އަދުހަމް ދިމާލަށް ބުންޏެވެ.

ނަމަވެސް، އަދުހަމް އެހެން ބުނުމަކުން، މާއިޝާގެ ހިތަކަށް ކުރިން ނުކުރާ އަސަރެއް އިޙްސާސެއް ނުކުރެވުނެވެ. އަދުހަމް ސީދާ ތެދުބަހުން ވާހަކަ ދައްކައި، އެއްވެސް ހުރަހެއްނެތި ހިތް މާއިޝާއަށް ދައްކާތީ، މާއިޝާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބޭމެއެވެ.

[އެންމެ ރަނގަޅު އަދޫ އަރާމްކޮށްލާ. އަހަރެންވެސް ނިދޭތޯ މަސައްކަތް ކުރާނަން.] މާއިޝާ އެނދުގެ އެއްފަރާތެއްގައި އޮށޯވެއްޖެއެވެ. އިރުކޮޅެއްފަހުން އަދުހަމްވެސް، އެ އެނދުގައި އޮށޯތެވެ. އޮށޯތްތާ މާގިނައިރުތަކެއްނުވެ އަދުހަމަށް ނިދުނު ކަމުގައިވިޔަސް، އެރޭ އެއްގޮތަކަށްވެސް މާއިޝާއަކަށް ނިދޭގޮތެއްނުވިއެވެ.

ގާތުގައި ނިދާފައި އޮތް ލޯބިވާ ފިރިމީހާއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އިރު އެރިއިރުވެސް އޭނާ އޮތީ އެފަދަ ހާލެއްގައެވެ.

އިރު ދުނިޔެއަށް ހެނދުނުވެއްޖެކަން އިޢްލާނު ކުރުމާއެކު، މާއިޝާ ތެދުވެގެން ދިޔައީ އަދުހަމަށް ނާސްތާ ތައްޔާރު ކުރުމަށްޓަކައެވެ.

ބަދިގެއަށް ވަންއިރު މަންމަ (މައިދައިތަ) ހުރީ ނާސްތާ ތައްޔާރު ކޮށްފައެވެ. އެހެންކަމުން، އޭނާ ލަދުވެސްގަތެވެ.

[މާލަހުންދޯ އަހަންނަށް މި ހޭލެވުނީ.] މާއިޝާ ބަދިގެއަށް ވަންނަމުން މަންމައާ ވާހަކަ ދެއްކިއެވެ.

[ނޫނޭ...ދަރިފުޅާ...އެ ބުނާ ލަމްހާއެއްގެ މަތިން ހަނދާންނެތޭ ވަރަށް އަދުހަމަށް ލޯބިދޭތި...އޭރު ލަމްހާއަށްޓަކައި އަދުހަމްގެ ހިތުގައި އަށަގެންފައިވާ ލޯބި، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅަށް ބަދަލުކުރެވިދާނެ.] ޙަސީނާ މާއިޝާގެ ބޮލުގައި ފިރުމާލިއެވެ. މިހާރު މާއިޝާގެ ހުރިހާވެސް ހިތްވަރަކީ ޙަސީނާއެވެ.

ނަމަވެސް، އަދުހަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ޙަސީނާ ގާތު ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ.

[އަންނާނަށް އަދުހަމަށް ގޮވާފަ...] މާއިޝާ ބަދިގެއިން ނުކުތެވެ.

މާއިޝާ ކޮޓަރިއަށް ވަންއިރުވެސް އަދުހަމް އޮތީ ގަދަ ނިދީގައެވެ.

[އަދޫ....ނުވައެއް ޖަހަނީ...] މާއިޝާ އަދުހަމްގެ ގައިގައި ކޮށްޓާލަމުން ގޮވާލިއެވެ. އަދުހަމް ފުންމައިގެން ތެދުވެއްޖެއެވެ. މިއީ ކުރިން ދުވަހަކުވެސްވީ ކަމެއް ނޫނެވެ. އޭނާއަކީ ކުރިން އަބަދުވެސް ހެނދުނު ހަތެއް ޖެހުމުގެ ކުރިން ތެދުވާ މީހެކެވެ. މަންމަވަނީ އެ އާދަ އޭނާގެ ކިބައިގައި އަށަގަންނުވާފައެވެ.

ކޮންމެ ދުވަހަކުވެސް ހަތެއްޖަހާއިރު މަންމަ ބެޑް ކޮފީއަކާއެކު އައިސް ދޮރުގައި ޓަކިޖަހާނެއެވެ. ޚިޔާލުތަކަކަށްފަހު، އަދުހަމް ގަޑިއަށް ބަލައިލިއެވެ. ނުވައެއްޖަހާ ބޮޑުވެއްޖެއެވެ.

ގިނައިން ނިދުމަކީ މީހާ ކަންނެތްކަމަށް ވާރުތަވާ އާދައެކޭ އަބަދުވެސް މަންމަ އޭނާ ގާތު ބުނެއެވެ. އެއީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެވެ. ދުވާލުގެ ވަގުތުތަކުގައި ނިދުމަށް އާދަވެއްޖެ ކޮންމެ މީހަކީވެސް ހިސާބެއްގެ ބަރުހެލިކަމެއް ޙިއްޞާކުރާނެ މީހެކެވެ. ރަނގަޅު ގޮތަކީ ރޭގަނޑުގެ ހިމޭންވަގުތު ހަމަޖެހިގެން ނިދުމުގައި އަށްގަޑިއިރު ނޫނީ ހަގަޑިއިރު ހޭދަކޮށްލުމެވެ. އޭރުން ހެނދުނު ހޭލާއިރު ކަންނެތްކަމާއި ބަރުހެލިކަމެއް ނުހުންނާނެއެވެ.

[އަހަރެން ފެންވަރައިގެން އެބަދަން.] އަދުހަމް ފާޚާނާއަށް ވަނެވެ. މާއިޝާ އަނެއްކާވެސް ނުކުތެވެ. އޭރު މަންމަ ބަދިގެތެރެ ސާފުކުރުމުގައި އަވަދިނެތި އުޅެއެވެ.

[ކޮބާ އަދުހަމް ހޭލައިފިތަ؟] މާއިޝާ ބަދިގެއަށް ވަނުމާއެކު ޙަސީނާ އެއްސެވެ.

]ފެންވަރަން ވަދެއްޖެ.] މާއިޝާ ބުންޏެވެ.

އޭގެ މާގިނައިރުތަކެއްނުވެ އަދުހަމް ފެންވަރައި ނިމިގެން އައިސް ކާގެއަށް ވަނެވެ.

[މަންމާ، މިއަދު ހެނދުނު އަހަންނަކަށް ކޮފީއެއް ނުދެމެއްނު. އެހެންވެ ވަރަށް ބަރުހެލިވެފައި މިހުންނަނީ.]

އަދުހަމް ކާމޭޒުދޮށުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

[މިހާރު ތިކަންތައްތަކަކީ މަންމަ ކުރަންޖެހޭ ކަމެއް ނޫނެއްނު. މަންމައަށް މާއިޝާ ގާތު ނުބުނެވި އޮތީމަ، މާއިޝާއަށް ނޭނގުނީދޯ މާއިޝާ.] އަދުހަމަށް ޖަވާބު ދިނުމަށްފަހު، ޙަސީނާގެ ވާހަކައިގައި މާއިޝާ ޝާމިލް ކުރިއެވެ. މާއިޝާ ބޯޖަހާލިއެވެ.

މަންމަ ޙަސީނާގެ އިރުޝާދާއެކު، ޖެހިގެން އައި ދުވަހު މާއިޝާ އަދުހަމްގެ އާދަތައް ދަސްކުރިއެވެ. މަންމަގެ އިރުޝާދާއެކު، ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ކާމިޔާބީގެ އަލި ސިގްނަލެއް އޭނާއަށް ލިބޭ ކަހަލައެވެ.

އެއީ އުފާވެރި މޫނަކާއެކު މާއިޝާގެ ތުންފަތުގައި ކުޅެލާ ހިނިތުންވުމެވެ. އޭނާ ކޮށްދޭ ކަމަކުން އަދުހަމް އުފާވަންޏާ އޭނާ ހިތްހަމަޖެހެއެވެ.

މިހާރު ލަމްހާގެ ކަމަކީ އަމިއްލަ ނުކުޅެދުންތެރި ޙާލާއި، ބީވެގެންދިޔަ ލޯތްބާ ދޭތެރޭ ވިސްނައި ހިތާމަކޮށް ރުއިމެވެ. މަންމަގެ ކުރިމަތީގައި ހިތްވަރުކުރި ނަމަވެސް، ކިރިޔާ އެކަނިވާއިރަށް އެހަނދާންތައް، އޭނާގެ ސިކުނޑިއަށް ފުނިޖެހެއެވެ. ދެލޯ ކަރުނުން ބަރުވެއެވެ.

އޭނާ ބޮޑަށް ދެރަވަނީ އޭނާގެ ދެލޯ ފަދައިން ލޯބިވާ ބައިވެރިޔާއާ ދާއިމަށް ވަކިވާން ޖެހުނީތީއެވެ. މިހާރު އޭނާ އެންމެ ލޯބިވާ މީހާއަކީ އެހެން މީހެއްގެ މިލްކެކެވެ. އޭނާގެ ފަރާތުން މިހާރު އެހެން މީހަކު އުފަލާއި ހިތްހަމަޖެހުން ލިބިގަންނަނީއެވެ.

[އަޅެ މި ޙާލުގައި އަހަރެން ހުއްޓާ ފެނިއްޖެއްޔާ އަދުހަމަށް ކިހިނެއްވާނެބާ؟] ލަމްހާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ސާދުނާއާއެވެ.

[އޭނަ ނިކަން ދެރަވާނެހެން ހީވަނީ.] ސާދުނާ ބުންޏެވެ.

[އަބަދު މިދެކެވެނީ އަހަރެންގެ އުފާތަކާއި ހިތާމަތަކުގެ ވާހަކަ. ބުނެބަލަ....އެއްކަލަ ޒަހީން ފަހަކުން ނުގުޅާތަ؟] ލަމްހާ ވާހަކަ ބަދަލުކޮށްލިއެވެ.

[އޫނ...އެވާހަކަ ދައްކަން ވެގެނޭ މިއައީ. އިއްޔެ ހަވީރު އާޓިފިޝަލް ބީޗުން ދިމާވި. ބުނި މިއަދު ހޮޓް ޗިލީއަށް ކޮފީއަކަށް އަންނާށޯ. އަހަރެން ބުނިން، ލަމްވެސް ގޮވައިގެން ދާނަމޭ....] ސާދުނާ ބުންޏެވެ. އުފާވެފައި ހުރެއެވެ.

[އަޞްލުވެސްތަ؟ އެކަމަކު....ކިހިނެއް...އަހަރެން ދާނީ...] ކުއްލިއަކަށް އަނެއްކާވެސް ލަމްހާގެ މޫޑު ސަކަރާތްވިއެވެ. ވާހަކައާއި ރާގު ބަދަލުވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން