ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޓުއަރިޒަމް ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުން ފެންނަނީ މުޅި ގައުމު ވިއްކާލާ މަންޒަރުކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަރަށް ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ނުލިބޭނެ ފަދަ ގޮތަކަށް ބިންތަކާއި ފަޅުތައް ވިއްކާލުމަކީ އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސްޓްރާޓާ އުސޫލުން ބިން، ފަޅު ނުވަތަ ވިލާތައް ވިއްކުމާއި، އިންޓަގްރޭޓެޑް ޓުއަރިޒަމްއަށް ހުޅުވާލައިގެން ބިން ނުވަތަ ފަޅު ދިގު މުއްދަތަށް ވިއްކުމާއި، ޕްރައިވެޓް ވިލާ އަޅަން ރާއްޖޭގެ އެކި ހިސާބުތަކުން ބިން ނުވަތަ ފަޅު ވިއްކުމާއި، ގޮތް ހުސްވެގެން ސަރުކާރަކުން ކުރާ ކަހަލަ ކަންކަން ކުރާ ތަން (ބަޖެޓުން) މިފެންނަނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދަށް އާމްދަނީ ވައްދާނެ ބިލެއް ގެނައުމުން، ފ. އަތޮޅު ވިއްކާލަނީއޭ ގޮވި އަޑު އިވުނު ކަމަށާއި ނަމަވެސް ޓޫރިޒަމް ގާނޫނަށް މިހާރު ގެންނަން ހުށައަޅާފައިވާ އިސްލާހުން ފެންނަނީ މުޅި ގައުމު ވިއްކާލާ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަޑު އިވުނު ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދަށް އާމްދަނީ ވައްދާނެ ބިލެއް ގެނައީމަ ފ. އަތޮޅު ވިއްކާލަނީއޭ ގޮވި އަޑު. އަޅުގަނޑަށް އެބަ ފެނޭ މިއިސްލާހުން މުޅި ގައުމު ވިއްކާލާ މަންޒަރު. އެވިއްކާލާ ޓްރާންސެކްޝަނުން އެކަނި، އެންމެ ފަހަރަކު އާމްދަނީ އެއް ލިބޭނީ. އޭގެފަހުން އާމްދަނީ އެއް ނުލިބޭނެ ގޮތަށް އިސްލާހު އޮތީ ބައްޓަންކޮށްފައި." ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ވިދާޅުވީ ގާނޫނަށް ސަރުކާރުން ގެންނަ އިސްލާހުގެ ސަބަބުން ޓުއަރިޒަމް އިންޑަސްޓްރީން މިހާރު ލިބޭ އާމްދަނީ ވެސް ނުލިބޭނެކަމަށެވެ. އަދި އިސްލާހުގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ބަންދުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއިސްލާހުގެ ސަބަބުން ބޭރު މީހުން ރާއްޖެ ހިސޯރުކޮށް، ދިވެހިންލައްވާ ގުލާނުކުރުވާނޭކަމަށެވެ. މިނޫން ގޮތްގޮތަށް އާމްދަނީ ލިބޭނެ ގޮތްތައް ބަޖެޓުގައި އެބަހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޝިޔާމު ވަނީ ބަޖެޓުން ޚަރަދުތައް ކުޑަކުރެވޭނެ ދާއިރާތައް ވެސް ވިދާޅުވެ ދެއްވާފައެވެ. ޝިޔާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅަށް އޮތް ބޮޑު ބަޖެޓާއި ޚާރިޖީ އޮފީހަށް އޮތް ބޮޑު ބަޖެޓާއި އިކޮނަމިކް މިނިސްޓްރީއަށް ކަނޑައަޅާފައި އޮތް ބޮޑު ބަޖެޓު އުނިކޮށްލުމުން ވެސް ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން