ޞާދިރު ޢަލީދީދީ   29 ނޮވެމްބަރު 2020 - 17:8
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 15

...............

[އޫނ...އެވާހަކަ ދައްކަން ވެގެނޭ މިއައީ. އިއްޔެ ހަވީރު އާޓިފިޝަލް ބީޗުން ދިމާވި. ބުނި މިއަދު ހޮޓް ޗިލީއަށް ކޮފީއަކަށް އަންނާށޯ. އަހަރެން ބުނިން، ލަމްވެސް ގޮވައިގެން ދާނަމޭ....] ސާދުނާ ބުންޏެވެ. އުފާވެފައި ހުރެއެވެ.

[އަޞްލުވެސްތަ؟ އެކަމަކު....ކިހިނެއް...އަހަރެން ދާނީ...] ކުއްލިއަކަށް އަނެއްކާވެސް ލަމްހާގެ މޫޑު ސަކަރާތްވިއެވެ. ވާހަކައާއި ރާގު ބަދަލުވެއްޖެއެވެ.

[ގޮނޑީގައި އަހަރެން ލަމް ގެންދާނަން. ލަމް ދާން އެއްބަސް ނުވަންޏަކާ، އަހަރެންވެސް ނުދާނަން.] ސާދުނާ ބުންޏެވެ.

[އެންމެ ރަނގަޅު...ސާދުނާ އަހަރެން ގެންދަންޏާ އަހަރެން ދާނަން.] ލަމްހާ ބުންޏެވެ.

ޒަހީން ބުނި ގަޑިއަށް ހަވީރު ސާދުނާ، ލަމްހާވެސް ގޮވައިގެން ހޮޓް ޗިލީއަށް ދިޔައެވެ. އޭރު ޒަހީން ހުސް މޭޒެއްގައި އެކަނިމާއެކަނި އިންތިޒާރުގައި އިނެވެ.

[އިންތިޒާރު ކުރާތާ ވަރަށްގިނައިރު ވެއްޖެތަ؟] ލަމްހާ ފުރޮޅުލީ ގޮނޑިން ބާލައި، ގޮނޑިއެއްގައި ބައިންދަމުން ސާދުނާ އެއްސެވެ.

[އެއްހާސް އަހަރު ވަންދެން އިންތިޒާރު ކުރަން ޖެހުނަސް އަހަރެން ފަހެއް ނުޖެހޭނެ. ކޯއްޗެއްތަ ގެންނާނީ؟] ޒަހީން ހިނިތުންވެލިއެވެ.

އެވަގުތު އެތާ އެއްފަރާތެއްގައި ހުރި މޭޒެއްގައި ކޮފީ ބޯން އިން އަދުހަމް ސާދުނާއަށް ފެނިއްޖެއެވެ. ސާދުނާ ލަމްހާގެ ގައިގައި ކޮއްޓާލިއެވެ. ލަމްހާއަށް އަދުހަމާ ދިމާއަށް ބަލައިލެވުނު ވަގުތަކީ، އަދުހަމަށްވެސް ލަމްހާ ފެނުނު ވަގުތެވެ. ލަމްހާ އިސްޖަހާލިއެވެ.

ދެން ފެނުނީ އަދުހަމް، އޭނާގެ ގާތުގައި ކޮފީބޯން އިން ޝިޔާޒްގެ ގައިގައި ކޮއްޓާލުމަށްފަހު، ލަމްހާ ދެއްކި ތަނެވެ. އޭރު ދެވަނަފަހަރަށް އެދިމާއަށް ބަލައިލަންވެސް ނުކެރިފައި ލަމްހާއަށް އިނދެވުނީއެވެ. އެހެންކަމުން، ލަމްހާއަށް އެންމެ މީރު އައިސްކްރީމަށް އޯޑަރުދިނީވެސް ސާދުނާއެވެ.

[އެއީކަންނޭނގެ އޭނަ އިންޑިޔާގައި ކައިވެނިކޮށްގެން އުޅޭ މީހަކީ.] ލަމްހާމެނާ ދިމާއަށް ބަލަން އިނދެފައި ޝިޔާޒް ލަފާކޮށްލިއެވެ. އަދުހަމްވެސް ހީކުރީ އެހެން ކަމަށެވެ.

[އެކަމަކު...އެއީ ކާކުތޯ ބަލައިލަންވާނެ. އޭނަ މިފަރާތަށް ބަލައިވެސްނުލައޭ.] އަދުހަމް ބުންޏެވެ. އަދުހަމަށް އެހެން ބުނެވުނު ވަގުތު ޒަހީން އެނބުރި އެދިމާއަށް ބަލައިލިއެވެ. ހަމައެޔާއެކު، އަދުހަމަށް ޙައިރާންކަން ލިބުނެވެ. ޒަހީނަކީ އޭނާގެ ކްލާސްމޭޓެކެވެ. ހިސާބަކަށް ރައްޓެހިވެސްވާނެއެވެ.

[ޒަހީން....!] އަދުހަމަށް ފުން ނޭވާއެއްލެވުނެވެ.

[އޭނަ ދަންނަންތަ؟] ޝިޔާޒް އެއްސެވެ.

[އާނ، ކްލާސްމޭޓެއް....އަހަރެން އޯ ލެވެލް ހެދި އަހަރު ވަރަށް އެއްކޮށް އުޅުނީވެސް. އަވަހަށް ހިނގާ މިތަނުން ދާން. އެހެން ނޫނީ އަހަންނަށް ޅައެއްޗެއް އެޅިދާނެ.] ވެއިޓަރު ގެނައި ބިލަށް އަދުހަމް ފައިސާ ދެއްކުމަށްފަހު، ތެދުވެގެން ހިނގައިގަތެވެ.

ވެދާނެއެވެ. އޭނާގެ ރައްޓެއްސަކު، އޭނާ އެންމެ ލޯބިވާ މީހާއާއެކު ހިތްއުފާކުރާ މަންޒަރު ބެލުމުގައި، އޭނާ ނުކުޅެދުނީއެވެ. ކޮންމެފަދަ މީހަކު ލަމްހާއާއެކު އުޅޭތަން ފެނުނަސް އޭނާ ޙަސަދަވެރިވާނެއެވެ. އެމީހަކަށް ޖެއްސުމާއި ތުރާކޮށް، އެއުފާތަކަށް ހުރަސްއެޅެން އޮތް ގޮތަކަށް ހުރަސްއަޅަން އޭނާ ބޭނުންވާނެއެވެ.

ނާކާމިޔާބު ލޯތްބަކީ ފަހަރެއްގައިވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް އަދުހަމް އުއްމީދުކުރި ތަޖްރިބާއެއް ނޫނެވެ.

ހާސްވެ ކަންބޮޑުވެފައި އިން ލަމްހާއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އަދުހަމް އެތަނުން ދިޔައީމައެވެ.

[ހިތް ހަލާކުވެއްޖެ. އަދުހަމް ފެންނާނެކަން އެނގުނުނަމަ، އަހަރެން ނައިމުސް.] މާޔޫސީ ރާގެއްގައި ލަމްހާ ބުންޏެވެ.

[ތިގޮތަށް ހިތްވަރު ދެރަނުކުރޭ. ލަމްހާ ތީ މާ ހިތްވަރުގަދަ މީހެއް ކަމަށް ހެދިގެން އުޅޭ މީހެއްނު.] ސާދުނާ ބުންޏެވެ.

[ހިތްވަރު ކުރާތީތާ މިހެން މިގޮނޑީގައި މިހާއިރުވަންދެން މިއިނދެވުނީ.] ލަމްހާ ވަށައިގެން އެނބުރި ހޯދާލިއެވެ.

[ކޯއްޗެއް ލަމްއަށް ގެންނާނީ؟ ޗޮކްލެޓްތައް، ވެނީލާތަ؟] ޒަހީން މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[ސާދުނާއަށް އެނގޭނެ، އަހަންނަށް މީރު އެއްޗެއްވިއްޔާ....] ލަމްހާ ބުންޏެވެ.

ލަމްހާއަށްވެސް އޯޑަރުދިނީ ސާދުނާއެވެ. ލަމްހާ އަމިއްލައަށް އޯޑަރު ނުދިނީ، ކޮންމެ އެއްޗެއް ގެނަޔަސް އަރުން އެތެރެކުރަން އޭނާއަށް އުނދަގޫވާނެތީއެވެ. ދުވަސްތަކަކަށްފަހު، އަދުހަމް ފެނުމުން، ލަމްހާގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ.

ޚިޔާލުތަކާއި ފިކުރުތައް އަދުހަމަށް ގޮސް ހުސްވެއްޖެއެވެ.

އެދުވަހު ގެއަށް އައިސް ވަންތަނާހެން ލަމްހާގެ އަތްދަބަސްތެރޭން ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. ލަމްހީ ހީކުރިއެވެ. ޔަޤީނެވެ. އެ ގުޅީ އަދުހަމެވެ. ދިމާވީ ހަމަ ލަމްހާ ހީކުރިގޮތަށެވެ. ފޯންކުރީ އަދުހަމެވެ.

[ޝުކުރިއްޔާ...ވަރަށް ބޮޑަށް ޝުކުރިއްޔާ. ރީތި ސިފައެއް ލިބިފައިވިޔަސް، ތީ ވަރަށް ރަޙުމްކުޑަ އަނިޔާވެރި ބޭވަފާތެރި އަންހެނެއް....ތެދުވެރިކަމުގެ ޒައްރެއްވެސް ނެތް...ތި ކެހިވެރިޔާގެ ޙަޤީޤަތް އެނގޭނަމަ، ޒަހީންވެސް ނީންނާނެ.] އަދުހަމް ފަތިވަރެއްހެން އަމުނާލިއެވެ.

ލަމްހާގެ މެޔަށް ހީވީ އަވިއަރައަރާ ހުރި ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާއަށް ދެލޯމަރާލެވުނެވެ. އެއާއެކު، އެދެލޮލުގެތެރޭން ކަރުނަ ފޫދިގެންފިއެވެ.

[އަދުހަމް....އަހަންނަށް މަޢާފްކުރޭ....] ލަމްހާގެ އަޑު ބޭރުވީ ކިރިޔާއެވެ. މިހާރު އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ތިފަދަ ކެހިވެރިޔަކަށް މީހެއްގެ މަޢާފެއް ބޭނުމެއް ނުވާނެ. އަހަރެން ކިހާ ފޮނި އުންމީދުތަކެއް ކުރި ލޯތްބެއް، ކަލޭ ކުދިކުދިކޮށްލީ....ކީއްވެބާ މާއިޝާކަހަލަ ތެދުވެރިޔަކު ދެކެ އަހަންނަށް ލޯބިނުވެވުނީ....] ކެތްތެރިކަން ކޮޅުންލައި ރޮވޭގޮތްވުމުން، އަދުހަމް ފޯން ކަނޑާލައިފިއެވެ. ހަމައެއާއެކު، ލަމްހާގެ ބަޑި ފަޅައިގެންދިޔައެވެ.

ބަދިގެފަރާތުގައި ހުރެފައި ޒައިނަބް އައީ ލަމްހާގެ ރުއިމުގެ އަޑަށެވެ. ޒައިނަބް އައިގޮތަށް އައިސް ދަރިފުޅުގެ ގައިގައި ހިފެހެއްޓިއެވެ.

[ކިހިނެއްވީ ދަރިފުޅާ؟] ކަންބޮޑުވެފައި ހުރެ މަންމަ އެއްސެވެ.

[މަންމާ....އަހަރެންގެ ހިތް ފަޅައިގެން...ދަނީ.....] ލަމްހާ ގިސްލަ ގިސްލާފައި ރޮމުން، މަންމަގެ މޭގައި ބޯއަޅާލިއެވެ. ދަރިފުޅުގެ އެޖުމްލައިން ޒައިނަބަށްވެސް ރޮވިއްޖެއެވެ.

[ނޫން...ތިހެން ނުބުނޭ ދަރިފުޅާ...ދަރިފުޅު ތީ ނިކަން ހިތްވަރުގަދަ ކުއްޖެއްނު....ދަރިފުޅަށް ހީވަނީތަ ދަރިފުޅަށް ނުހިނގޭނޭ...ދަރިފުޅަށް އަދި ހިނގޭނެ....] ޒައިނަބަށްވެސް ދަރިފުޅާއެކު ބާރަށް ރޮއިގަނެވުނެވެ.

[މަންމާ....އަހަރެން ދެރަވަނީ...ނުހިނގޭނެތީކީ ނޫން. އަދުހަމް...އަހަރެން ނޫން މީހަކަށް އިޙްސާސެއް ނުކުރެވޭނެ، އަހަރެން އޭނަދެކެ ލޯބިވާ މިންވަރެއް.] ލަމްހާގެ އަޑު އަންނަނީ ކެނޑިކެނޑިގެންނެވެ. މީހާވެސް ހީވަނީ ތުރުތުރު އަޅަމުންދާހެންނެވެ.

[ދަރިފުޅާ...މަންމަ އަދުހަމް ގާތަށް ދަންތަ. ދަރިފުޅު ތިގޮތަށް ރޯތަން ދެކޭކަށް މަންމައަކަށް ކެތެއް ނުވާނެ....] ރޮއިރޮއިފައި ޒައިނަބް ބުންޏެވެ.

[ނޫން...މަންމަ ގޮސްގެން ނުވާނެ......މަންމަ ގޮސް ޙަޤީޤަތް ކިޔައިދީފިއްޔާ، އޭނަ އައިސް އަހަންނާ ކައިވެނިވެސް ކޮށްފާނެ....އަހަރެންގެ ނުކުޅެދުންތެރިކަން އިޙްސާސް ކުރެވޭނީ، ކައިވެނިވެސް ކުރާތާ ދުވަސްކޮޅެއްފަހުން. އެފަދަ ދަނޑިވަޅެއްގައި އޭނަ އަހަރެން ދޫކޮށްފައިދާ ދުވަހަކުން ލިބޭނޭ ހިތްދަތިކަން މާބޮޑުވާނެ. އެދުވަސް ދެކެން ބޭނުމިއްޔާ މަންމަދޭ....]

[ދަރިފުޅާ ދެކޮޅަށް މަންމަ އެއްވެސް ކަމެއް ނުކުރާނަން. ދެން ނުރޮއި ހުއްޓާލާ.....] ޒައިނަބް ލަމްހާގެ ދެލޯ ފޮހެދިނެވެ.

އަދުހަމްގެ ކައިވެނީގެ ހިތްހަމަޖެހުން ލިބުނު ކަމުގައިވިޔަސް، އަދިއަދަށް ދާންދެންވެސް މާއިޝާއަށް ލިބުނު އުފަލެއް ނެތެވެ. މާއިޝާގެ ޙާލަތުވެސް ލަމްހާއެކޭ އެއްފަދައެވެ.

[ކައިވެންޏަށް މިހާރު ދެހަފްތާވީ. އެކަމަކު އަދިވެސް އަދުހަމް އަހަންނަކީ އަނބިމީހާ ކަމެއް ނުދަނޭ. ދުވަސްތައް ދިގުލާން ފެށީމާ ވަރަށް ދެރަވޭ....] މާއިޝާ ވާހަކަ ދެއްކީ ދިމްނާއާއެވެ.

[ވަރިވާންވީނު. އަބަދު ތިގޮތަށް ނަމެއްގައި އުޅުމުގެ ބޭނުމަކީ ކޮބާ....] ދިމްނާ ޚިޔާލުދިނެވެ.

[ބޭނުމަކީ ލޯބި ހޯދުން...ދެން މާގިނަ ދުވަހެއް ނުވާނެ.] ކޮންމެ ދުވަހަކާއި ރެޔެއްވެސް ފާއިތުވެދަނީ މާއިޝާ، އެ އުންމީދީ އިންތިޒާރުގައި ހުއްޓައެވެ.

[މިހާރުވެސް ދެފަރާތަށް ތިބެ ނަމަވެސް އެއްދާނުގައި ނިދުމުގެ ނަޞީބު ލިބޭ. އެއީވެސް ލިބޭ ހިތްހަމަޖެހުމެއް.] މާއިޝާ އިތުރުކޮށްލިއެވެ.

[ތިއަށްވުރެން ރަނގަޅުވާނެ، އޭނަގެ ފޮޓޯއެއް އެނދުމަތީގައި ބާއްވައިގެން އޮތަސް. އޭރުން ބޭނުންވެއްޖެ ހިނދެއްގައި ފޮޓޯގައި ބޮސްވެސް ދެވިދާނެވިއްޔަ.] ދިމްނާ މާއިޝާއާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ. މާއިޝާ ގާތަށް ހިނިއައެވެ.

[އަހަރެން ދެން ދަނީ.....ވިއްސާރަ ވައްތަރަކަށް ދުނިޔެމަތި ދައްކަނީ...] އުޑުމައްޗަށް ކަޅި ހިންގާލަމުން ދިމްނާ ދޮރާށި ހުޅުވާފައި ބޭރަށް ނުކުތެވެ.

ކަންތައްވީ ހަމަ ދިމްނާ ހީކުރިގޮތަށެވެ. އެރޭވީ ގަދަ ވިއްސާރައިގެ ރެޔަކަށެވެ. މާއިޝާގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށް މަގުފަހިކޮށްދިނީ، އެރޭގެ ބޯ ވިއްސާރައެވެ. އެރޭގެ އިޙްސާސް ކުރަންޖެހުނު ތެތް ފިނިކަމެވެ. ގުގުރީގެ އަޑަކީ އެންމެ ކުޑައިރުއްސުރެންވެސް މާއިޝާ ބިރުގަންނަ އަޑެވެ.

[މިރޭ އަހަރެން ހަނދާންވަނީ އެމަންޖެ.] މާއިޝާގެ މަންމަ ނަސީމާ ވާހަކަ ދެއްކީ، މާއިޝާގެ ބައްޕަ ފިރާޤާއެވެ.

[މިރޭ ހަމަގައިމުވެސް ގުގުރީގެ އަޑަށް ބިރުން އައިސް ހިފާކަށް ނަސީމާއެއް ނުހުންނާނެއެއްނު...ނުވިސްނަބަލަ. އަދުހަމް ނުލާހިކު ހެޔޮވާނެ.] ފިރާޤު ބުންޏެވެ.

މާއިޝާގެ ޢާއިލާއިން އަދުހަމަށް ނިކަން އިތުބާރު ކުރެއެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދުހަމްގެ ޙަވާލަށް ދޫކުރީ އެ ފުރިހަމަ އިތުބާރުގެ ދަށުންނެވެ. އެމީހުން ހީކުރެއެވެ. އަދުހަމް މާއިޝާއަށް ނިކަން ހެޔޮވާނެއެވެ. މާއިޝާ އިންތިހާއަށް ލޯބިވާނެއެވެ. މަންމައާއި ބައްޕަގެ ހަނދާންތަކުން އެއްކިބާވެވޭ ވަރަށް ލޯބިދޭނެއެވެ. ނަމަވެސް، ކައިވެންޏަށްފަހު އަދި މާޒީވެދިޔައީ މާއިޝާއަށް އެމީހުން އުންމީދުކުރިފަދަ އުފާވެރި ދުވަސްތަކެއް ނޫނެވެ. ވެއަތުވި ދުވަސްތަކުގައި މާއިޝާ ހޭދަކުރީ ހިތާމައާއި ހިތްދަތިކަން ބަދުރާސްތު ކުރުމުގައެވެ.

ނިދިޖެހިފައި އޮތް މާއިޝާއަށް ސިއްސައިގެން ގޮސް ހޭލެވުނީ، ގަދަ ވިއްސާރަޔާއެކު އިވުނު ބާރު ގުގުރީގެ އަޑަށެވެ. ޢާންމު ގޮތެއްގައިވެސް އޭނާ ޖެހިލުންވާ އެ އަޑު ކަންފަތުގައި ޖެހުމާއެކު، އޭނާ ތުރުތުރުއަޅައިގަތެވެ. އެހިނދު އޭނާއަށް ބަލައިލެވުނީ، އޭނާއާ ދާދިގާތުގައި (އެނދުގެ މަގަތުގައި) ގަަދައަށް ނިދާފައި އޮތް ފިރިމީހާ އަދުހަމަށެވެ. އަދުހަމް އޮތީވެސް ހީކަރުވައިގެންފައެވެ. އެކަން އެނގެނީ އޭނާ އޮތްގޮތުންނެވެ. ބިރުގެންފައި ހުރި މާއިޝާ ކުޑަކޮށް ބުރަކަށި ތެދުކޮށްލާ، އެނދުގެ ފަޑިއާ ދިމާ ފާރުގައި ހުރި ފަންކާގެ ރެގިއުލޭޓަރ އަނބުރައި، ފަންކާ އިތުރަށް ބާރުކޮށްލީ، އަދުހަމަށް އިތުރަށް ފިނި ބޮޑުކުރުމުގެ ޤަޞްދުގައެވެ. އެވަގުތު އަނެއްކާވެސް ބާރު ގުގުރީގެ އަޑު އިވުނެވެ. ފުންމައިގެން ކަހަލަ ގޮތަކަށް މާއިޝާއަށް ހިފުނީ އަދުހަމްގެ ގައިގައެވެ. އެހިނދު އަދުހަމްވެސް އޮތީ އިތުރު ހޫނަކަށް ބޭނުންވެފައިކަމުން، އިސާހިތު އަދުހަމްގެ ދެއަތްވެސް މާއިޝާ ވަށާލިއެވެ.

އޭގެފަހުން އެރޭ ނިމިދިޔައީ ދެހަށްޓަށްވެސް އުފަލާއި ހިތްހަމަޖެހުން ލިބުމަށްފަހުގައެވެ. މާއިޝާއަށްޓަކައި އެރޭގެ ވިއްސާރަވީ ރަޙުމަތުގެ ވިއްސާރަޔަކަށެވެ. އެ ވިއްސާރަ ރޭގެ ސަބަބުން ކުޑަހިނދުކޮޅެއްގެ ތެރޭގައި މާއިޝާގެ ދިރިއުޅުމަށް ފުރަތަމަފަހަރަށް ލޯބީގެ ހިތްހަމަޖެހުން ލިބުނީއެވެ.

ހެނދުނު ހޭލިގޮތަށް މާއިޝާ ހީވަނީ ދުނިޔެ ރަންވެގެން އުޅޭ މީހެއް ހެންނެވެ. ކޮށްފައި ނުކުރާނެ ކަމެއް ނޭނގިގެން އުޅޭފަދަ ޙަރަކާތްތަކެއްވެސް ބައެއްފަހަރު ކުރެއެވެ. އެހެން ދުވަސްތަކާ ޚިލާފަށް އަދުހަމް ހެނދުނު ނާސްތާ ކުރަން އައިއިރު، ނާސްތާއަށް ތައްޔާރު ކޮށްފައިވަނީވެސް އެހެން ދުވަސްތަކާ ތަފާތުކޮށެވެ. އެހެން ދުވަސްދުވަހު ޢާންމުކޮށް ހެނދުނަށް އެގޭގައި ހުންނާނީ ޕާނާއި ބަޓަރާއި ޖޭމާއި ބިހެވެ. ނަމަވެސް، މިއަދު ވަނީ އެކަން ބަދަލުވެފައެވެ. އަދުހަމަށް މީރުހެން ހީވާ ހުރިހާ އެއްޗެއްހެން މާއިޝާވަނީ ތައްޔާރުކޮށްފައެވެ.

[މިއަދު މޭޒުމަތި ހާދަ ތިޔާގި ދުވަހެކޭދޯ. އަނެއްކާ ދެކުދިންގެ މުނާސަބު ދުވަހަކީތަ؟] އެކަން ފާހަގަކުރީ އަދުހަމްގެ ބައްޕަ ޒުހޫރެވެ. މާއިޝާ ރަކިވިއެވެ. ހީވީ ބައްޕައަށް ރޭގެ ކަންތައް އެނގިގެން ވާހަކަ ދެއްކީހެންނެވެ.

[ނޫން...ނޫން...މިއަދު ހިތަށްއެރީ މޭޒުމަތި ތަންކޮޅެއް ރަނގަޅުކޮށްލާނީއޭ. ބައްޕަވެސް ސައިބޯން ފަށަންވީނު.] މާއިޝާ އިސްޖަހާލިއެވެ. އޭރު އަދުހަމް ހިނިއައިސްފައި އިނދެ ނާސްތާ ކުރަން ފަށައިފިއެވެ.

[އަހަރެން ސައިބޯހިތެއްނެތް...] ލަމްހާ ވާހަކަ ދެއްކީ، އޭނާގެ މަންމަ ޒައިނަބާއެވެ.

[ނޫނޭ ދަރިފުޅާ، ތިގޮތަށް ނުކައި ނޮބައި އުޅޭކަށް ނުވާނެ. ބައްޕަވެސް އެފަރާތުގައި ސައިބޯން އެބައިން. ހިނގާ....] ޒައިނަބް ލަމްހާ އިން ވީލްޗެއަރ ކޮއްޕަމުން ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

[މަންމާ....ކާގެއަށް ގެންދިޔަކަސް އަހަރެން ސައިބޯހިތް ނެތިއްޔާ ކިހިނެއްތަ ބޯނީ....] ލަމްހާ ބުންޏެވެ. ލަމްހާ އެހެން ބުނިއަޑު، ކާގޭގައި ނާސްތާ ކުރަން އިން ބައްޕަ ޖާވީދަށްވެސް އިވުނެވެ.

[ނޫނޭ...ދަރިފުޅުވާނެ ބައްޕަޔާއެކު ސައިބޯން....] ޖާވީދު ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން