ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން
ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން
މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި ރާ ވިއްކޭނެ ގޮތް ހެދުމަށް ގޮވާލި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެންމެފަހުން މައާފަށް އެދިވަޑައިގެންފިއެވެ.

ޝިޔާން މައާފަށް އެދިވަޑައިގެންފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު މުޅި މަޖިލީހުުގެ ކޮމިޓީގައި މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި ބަނގުރާ ލިބޭނެ ގޮތް ހެދުމަށް ގޮވާލާ އޭނާ ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވަނިކޮށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށްވެސް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ (ބަނގުރާ ވިއްކޭނެ ގޮތް) ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް ކަނޑުތެރޭގައި ވިޔަސް އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެރަށުން ބޭރުގައި ލިބޭނެ އިންތިޒާމް އޮންނަންޖެހޭ." ޝިޔާން ވިދާޅުވިއެެވެ.

ޝިޔާން ދެއްކެވި މިވާހަކައިގެ މައްސަލަ ބޮޑުވުމުން އޭނާ ވަނީ މީޑިއާއިން އޭނާ ދެއްކެވި ވާހަކަ އޮޅުވާލީކަމަށް ވިދާޅުވެ، މީޑިއާ ޒިންމާދާރުވުމަށްވެސް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނެއްކާވެސް ޝިޔާން މިވަނީ އެކަމަށް އަލި އަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާން ވަނީ މީޑިއާއިން އޭނާ ދެއްކެވި ވާހަކަ ވަރަށް ބޮޑަށް އޮޅޭގޮތަށް ރިޕޯޓްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ނުބައި ގޮތަކަށް ސިފަކުރެވުނު ރައްޔިތުންގެ ކިބައިން ޝިޔާން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

"މިދިޔަ ބުރާސްފަތިދުވަހު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި އަޅުގަނޑު ދެއްކި ވާހަކަ، ރާއްޖޭގައި ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ކައިރީގައި ރާ ވިއްކޭނެ ގޮތް ހެދުމާއި ގުޅޭގޮތުން އަޅުގަނޑު ދެއްކި ވާހަކަ މީޑިއާތަކުގައި އޮޅޭ ގޮތަށް ރިޕޯޓްކޮށްފައިވާތީ، އެކަން ނުބައި ގޮތަކަށް ސިފަކުރެވުނު، މާނަ ކުރެވުނު އެންމެހާ ދިވެހިރައްޔިތުންގެ ކިބައިން އަޅުގަނޑު މައާފަށް އެދެން." ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ދެއްކެވި ވާހަކަ ޒިންމާދާރުކަމާއެކު އަކުރުން އަކުރަށް އެ ވިޑިއޯ ކްލިޕް ވެސް ހިމަނައިގެން ގެނަސްދިނުމުންވެސް މީޑިއާ ގޯސްކޮށްފައި ރައްޔިތުންގެ ކިބައިން ޝިޔާން މަޢާފަށް އެދުނުއިރު، ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުންނާއި އާއްމު ރައްޔިތުން މިހަރު ވެސް ގެންދަވަނީ ޝިޔާން ދެއްކެވި ވާހަކަ ކުށްވެރިކޮށް، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.




ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

30-Nov-2020

ތިމާ ބުނެ ދޫކޮށްލި ބަހުގެ "އަޅަކަށް" ތިމާ ތިޔައޮތީ ވެފައެވެ


-2

ޗައިވާލާ

30-Nov-2020

މީ ރާ ބޮމުން އުފަންކުރި ބޯސަޅީ އެއް ކަމައްވެދާނެބާ.



ޓްރެންޑިން