ޞާދިރު ޢަލީދީދީ   30 ނޮވެމްބަރު 2020 - 14:31
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 16

...............

[މަންމާ....ކާގެއަށް ގެންދިޔަކަސް އަހަރެން ސައިބޯހިތް ނެތިއްޔާ ކިހިނެއްތަ ބޯނީ....] ލަމްހާ ބުންޏެވެ. ލަމްހާ އެހެން ބުނިއަޑު، ކާގޭގައި ނާސްތާ ކުރަން އިން ބައްޕަ ޖާވީދަށްވެސް އިވުނެވެ.

[ނޫނޭ...ދަރިފުޅުވާނެ ބައްޕަޔާއެކު ސައިބޯން....] ޖާވީދު ބުންޏެވެ.

އޭރު ޒައިނަބް ގޮނޑި ކޮއްޕަމުން އައިސް ކާގެއަށް ވަންނަނީއެވެ. ޖާވީދު ލަމްހާ ތެދުކޮށްގެން ގެނެސް، އޭނަ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި ބޭންދިއެވެ.

[އަޅެ...އަބަދުވެސް ތިގޮތަށް އެހީތެރިވާން މަންމައާއި ބައްޕަ ތިބޭނަންތަ؟....މަންމައާއި ބައްޕަވެސް ދުވަސްކޮޅަކުން އަހަރެންގެ ނުކުޅެދޭ ޙާލަތުން ފޫހިވެދާނެކަންނޭނގެ.] ލަމްހާގެ ލޮލުން ކަރުނަ އައެވެ.

[ދަރިފުޅާ.....] ލަމްހާގެ އެޖުމްލައިން ޒައިނަބާއި ޖާވީދަށް ހީވީ އެމީހުންގެ ބޮލުގައި ލަމްހާ ބާރު އެއްޗަކުން ޖެހީހެންނެވެ. ޒައިނަބް ވަގުތުން ފެންކަޅިވިއެވެ.

[ދަރިފުޅު ތިހެން ހީކުރީތީ މަންމައާއި ބައްޕަ ވަރަށް ދެރަވެއްޖެ. މި މަންމައާއި ބައްޕަ ދަރިފުޅުދެކެވާ ލޯބި ދަރިފުޅަށް އިޙްސާސް ނުކުރެވޭތީ....މަންމަމެނަށް ވަރަށް އަސަރުކޮށްފި.] ޒައިނަބަށް ހަމަ ރަނގަޅަށްވެސް ރޮއިގަނެވިއްޖެއެވެ.

[ސޮރީ....ސޮރީ....އަޅެ އަބަދުވެސް މަންމަމެން އަހަރެންދެކެ ލޯބިވާނަންތަ؟] ލަމްހާ ބައްޕަގެ ކޮނޑުގައި ބޯއަޅާލަމުން ރޯން ފެށިއެވެ.

[އާނ، ދަރިފުޅާ...އަބަދުވެސް މިބައްޕައާއި މަންމަ ދަރިފުޅުދެކެ ލޯބިވާނެ.] އޭރު ޖާވީދަށްވެސް ރޮވެނީއެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުންދެއެވެ. މިހާރު މާއިޝާއަށް އަންނަނީ އޭނާ އުންމީދުކުރި ހުރިހާ ލޯތްބަކާއި އުފަލެއް ލިބެމުންނެވެ. އަދުހަމް، މާއިޝާދެކެ ލޯބިނުވި ކަމުގައިވިޔަސް، ބޭރުފުށުން އޭގެ އިދިކޮޅު ދައްކައިގެން، އޭނާ މާއިޝާގެ ހިތްއުފާކޮށްދެއެވެ. އެއީ އޭނާގެ އަލަތު އަނބިމީހާ ކަމަށްވީތީއެވެ.

[މިހާރު ގުޅުން މުޅިން ބަރާބަރުވެއްޖެދޯ. ދެން އެންމެ ރަނގަޅުވާނީ އަވަހަށް ކުއްޖަކު ހޯދިއްޔާ.] އަދުހަމާއި އޭނާގެ ރަޙްމަތްތެރިޔާ ވާހަކަ ދައްކަން ތިބީ ބާޒާރުމަތީގައެވެ.

[ކުއްޖަކުވެސް ހޯދިދާނެ. އެކަމަކުވެސް ހިއެއްނުވޭ، ލަމްހާގެ މަޤާމް މާއިޝާއަށް ދެވޭނެހެނެއް. އަދިވެސް އަހަރެންގެ ހިތުގައި ރަނިކަން ކުރަނީ ލަމްހާ. ލޯބިވަނީ ލަމްހާދެކެ. ލޯބިވެރިޔަކީ ލަމްހާ....މާއިޝާއަކީ އެކަނި އަހަރެންގެ އަނބިމީހާ......] އަދުހަމް ބުންޏެވެ.

[އަދުހަމް މިހާރު ދެން ތިބުނާ ލަމްހާގެ ހަނދާން ނައްތާލަން ވެއްޖެއެއްނު. އެއީ މީހެއްގެ އަންބެއް. ތީ މީހެއްގެ ފިިރިއެއް.] ޝިޔާޒް ބުންޏެވެ.

[ތިހެން ބުނާހާ ފަސޭހައިން އޭނަގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. ކީއްވެތަ ޢުމުރުން އޮނަ ބައްތިރީސް އަހަރުވާއިރުވެސް ޝިޔާޒަށް ލޯތްބަކީ ކޯއްޗެއްކަން ނޭނގެނީ....ބޮލެކޭ ކިޔާފައި މީދާކޭ އުނބެއްދޯ ތިހުރީ.] އަދުހަމް ޝިޔާޒާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

އަދުހަމްގެ ޖީބުގައި އޮތް ފޯން ރިންގުވާން ފެށީ އެވަގުތުއެވެ. އަދުހަމް ޖީބުން ފޯނު ނެގުމަށްފަހު ބަލައިލިއެވެ.

[ލަމްހާ....!] އަދުހަމްގެ ޠަބީޢަތް ވަގުތުން ބަދަލުވިކަހަލައެވެ. މޫނުމައްޗަށް ހާސްކަމާއި ނުތަނަވަސްކަން ވެރިވެގަތެވެ.

[ދެންވެސް އަވަހަށް ނަގާބަލަ.....] ޝިޔާޒް އަދުހަމްގެ ކޮނޑުގައި ޖެހިގަތެވެ. އަދުހަމް ފޯނު ނެގިއެވެ.

[އަދުހަމް....އަހަރެން....] އެކޮޅުން ލަމްހާގެ އަޑުއިވުނެވެ. ހީވާގޮތުން ހުރިހާ ޙަޤީޤަތެއް އަދުހަމަށް ކިޔައިދޭން ލަމްހާ ބޭނުންވަނީއެވެ. ޙަޤީޤަތް ވަންހަނާކޮށްގެން ހުރެ ހިތްދަތިކަމުގައި ދިރިއުޅުން ނަގާލުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާއަށް ވިސްނުނީ ކަމަށްވެސް ވެދާނެއެވެ.

[ކުރިން އަހަންނަށް ދެވުނު އަނިޔާތަކުން ނުފުދިގެން އިތުރަށް ހިތްދަތިކަންދޭންތަ ތިގުޅީ.] ރުޅިއައިސްފައި އަދުހަމް ބުންޏެވެ.

[ތިހެން ނުބުނޭ އަދުހަމް...އަހަރެން ކޮންމެ ފިޔަވަޅެއްވެސް އެޅީ އަދުހަމްގެ އުފަލަށްޓަކައި.] ލަމްހާ ވާހަކަ ދެއްކި ގޮތުން އޭނާއަށް ރޮވިފައިވާކަން އެނގެއެވެ.

[އާނ...ތީ ތިކަހަލަ އަންހެނުންގެ ފާޑޭ....ތިއުޅެނީ ފިރިމީހާއާ މައްސަލައެއް ޖެހުނީމަ، އަހަރެން ވާ ވައްދަން. ނުވާނެ ތިކަމެއް. ހަނދާން ނައްތާލާ....އެކަމަކުވެސް ހަނދާންކޮށްދެން، އަދިވެސް އަހަރެން ލޯބިވަނީ ތި ކެހިވެރިޔާދެކެކަން.] އައި ރުޅީގައި އަދުހަމް އެކަނި ފޯން ކަނޑާލީއެއް ނޫނެވެ. ފޯން އޮފްވެސް ކޮށްލިއެވެ.

ލަމްހާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްދަތި ކަމެކެވެ. އިސާހިތު ދެލޯ ކަރުނައިން ފުރި، ކަރުނައިން މޫނުގެ ތާޒާކަން ކެނޑުނެވެ. ނަމަވެސް، މަންމައާއި ބައްޕައަށް އިވޭވަރަށް ރޯކަށް މިހާރު އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ސަބަބުން މަންމައާއި ބައްޕަ މިހާރުވެސް ތަޙައްމަލްކުރާ ހިތާމަތައް އޭނާއަށް އިޙްސާސް ކުރެވެއެވެ.

އޭނާގެ ޙާލާ ދޭތެރޭ ވިސްނާ ވިސްނާ މަންމަވެސް އެހުންނަނީ އެއްގޯސްވެފައެވެ.

[ދަރިފުޅާ....މަންމަ މިއުޅެނީ ދަރިފުޅު ގޮވައިގެން ހިނގާލަންދާން.] ކޮޓަރިން މަންމަގެ އަޑު އިވުމާއެކު، ލަމްހާ ދެލޮލާއި މޫނުގައިވާ ކަރުނައިގެ ތެތްކަން ކަނޑުވާލެވޭތޯ މަސައްކަތް ކުރިއެވެ.

[ދަރިފުޅު ހެނދުން ބަދަލުކުރާނަންތަ؟] ޒައިނަބް ލަމްހާއާ އަރާހަމަކުރަމުން ބުންޏެވެ.

[އުނހު....މިހެދުންވެސް ރަނގަޅެއްނު، ހިނގާދާން....] ލަމްހާ ބުންޏެވެ.

ޒައިނަބް ލަމްހާ އިން ގޮނޑި (ވީލްޗެއަރ) ކޮއްޕަމުން ދޮރާށި ހުޅުވާފައި ބޭރަށް ނުކުތެވެ. ލަމްހާ މަގުގެ ދެކޮޅު ބަލައިލިއެވެ. ހަމައެއާއެކު ފެނުނު މަންޒަރުން އޭނާއަށް ދެލޯމަރާލެވި އިސްޖަހާލެވިއްޖެއެވެ. ލަމްހާއަށް ފެނުނީ އެދިމާއަށް އަދުހަމްގެ ދެމަފިރިން އަންނަތަނެވެ. މާއިޝާ ހީވަނީ އަދުހަމްގެ ގައިގައި އެލިގަނެގެން އުޅޭހެންނެވެ. ފަހަރެއްގައިވެސް އެންމެ ލޯބިވާ މީހާއާ އެހެން އަންހެނަކު އެހާ ގާތްކޮށް އުޅޭތަން ދުށުމަކީ ލަމްހާއަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ.

[މަންމާ މިފެންނަ މަންޒަރު އަހަންނަށް ނުދައްކާ. އަހަރެން އިހަށް އެތެރެއަށް ވައްދަބަލަ....] ލަމްހާގެ ލޮލުން ކަރުނަ ފޭދިގަތެވެ. ޒައިނަބް އަދުހަމަށް ލަމްހާ ފެނުމުގެ ކުރިން ލަމްހާ ދޮރާށިން އެތެރެއަށް ވެއްދިއެވެ. ހަމައެޔާއެކު، ލަމްހާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާއަށް މަންމަގެ މޭގައި ބޯއަޅާލެވުމާއެކު، ބާރަށް ރޮއިގަނެވިއްޖެއެވެ.

[މަންމާ....މިފަހަރުވެސް ލޮލުން ކަރުނަހިލުވާނުލާވޭތޯ އަހަރެން ވަރަށް ހިތްވަރުކުރިން. އެކަމަކު އަހަރެން ވަރުބަލިވެއްޖެ މަންމާ...އަދުހަމާއި މާއިޝާ އެއުޅެނީ ކިހާ އުފަލުގައި....] ރޮއިރޮއިފައި ލަމްހާ ވާހަކަ ދެއްކިއެވެ.

[ދަރިފުޅު އަމިއްލައަކަށް ނޫންތަ އަދުހަމް ދޫކޮށްލީ. ދެން ހުއްޓާލާ....މަންމަ މިއަދު ދަރިފުޅު ގޮވައިގެން ވަރަށްގިނަ ތަންތަނަށް ދާނަން....] ޒައިނަބް ލަމްހާގެ ލޯ ފޮހެދިނެވެ.

[ދެން ނުރޯނަން....] ހިތްވަރު ކުރަން މަސައްކަތް ކުރަމުން ލަމްހާ ބުންޏެވެ. ޒައިނަބް ގޮނޑި ކޮއްޕަމުން އަނެއްކާވެސް ބޭރަށް ނުކުތެވެ. އެކަމަކު މިފަހަރު ނުކުތުމުގެ ކުރިން އޭނާ މަގަށް ނުކުމެ، މަގުގެ ދެކޮޅަށް ރަނގަޅަށް ބެލިއެވެ. ދަރިފުޅު ހިތްދަތިވާފަދަ މަންޒަރެއް ދައްކަން އޭނާ ބޭނުން ނުވާތީއެވެ.

އޭރު އަދުހަމްގެ ދެމަފިރިން، އެގެ ފަސްދީ ދިޔަތާ ކިތަންމެއިރެކެވެ. އެހެންކަމުން، ޒައިނަބް ލަމްހާ ގޮވައިގެން ދިޔައީ މަޖީދީ މަގުންނެވެ. ޒައިނަބަށް ހީވަނީކަންނޭނގެއެވެ. ލަމްހާގެ ހިތަށް އަސަރު ކުރާނީ އެކަނި އަދުހަމް ފެނުނީމައެވެ. އެކަމަކު ކުރީގެ ކްލާސްމޭޓުންނާއި އޮފީސްމޭޓުން ފެނުމުންނާއި، ދަންނަ ބައެއް ރައްޓެހިން އަމިއްލަ ބާރުގައި ހިނގާބިގާވެ އުޅެ އުފާކުރާ މަންޒަރު ފެނުމުން، ލަމްހާއަށް ކުރާނެ އަސަރު އޭނާއަށް އިޙްސާސްކުރެވޭނަމަ، އެއްވެސް ބަޔަކު ހިނގާބިގާވެ އުޅޭ މަގަކުން ލަމްހާ ގޮވައިގެން އޭނާ ދަތުރުކުރާކަށް ބޭނުންނުވާނޭކަން ކަށަވަރެވެ.

އެދުވަހު އެމީހުންދާ ކޮންމެ މަގަކުންވެސް ލަމްހާގެ ރައްޓެހިންނާ ދިމާވެއެވެ. ރައްޓެހިން އައިސް ޙާލު އޮޅުންފިލުވައި ހިތްވަރުވެސްދެއެވެ. ކިތަންމެ ފޮރުވައިގެން އުޅުނު ކަމުގައިވިޔަސް، އޭނާ އެންމެ ބޮޑަށް ހިތްދަތިވަނީ އެފަދަ ވަގުތުތަކުގައެވެ.

ބައެއް ނުދަންނަ ފިރިހެން ކުދިންވެސް އޭނައަށް ބަލައި ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރެއެވެ.

[އަޅެ އެހާ ރީތި ކުއްޖަކު....ނުކުޅެދޭ ކުއްޖަކަށް ނުވިނަމަ، އެއީ ހަމަ މިސް މޯލްޑިވްސް.....] ޒުވާން ފިރިހެން ކުއްޖަކު ބުނި އަޑު އިވުނެވެ. ޒައިނަބަށް ބަލައިލެވުނީ ދަރިފުޅުގެ މޫނަށެވެ. ހިތަށް ކޮށްފައިވާ ފުން އަސަރު، މަންމައަށް އިޙްސާސްވިޔަ ނުދިނުމަށްޓަކައި ލަމްހާ އިސްޖަހާލިއެވެ. އޭރުވެސް އެޒުވާނާގެ ކަޅި އަމާޒުވެފައިވަނީ ލަމްހާއަށެވެ. ދެން ޒައިނަބަށް ބަލައިލެވުނީ އެޒުވާނާގެ މޫނަށެވެ. އޭރު ޒައިނަބްގެ ދެލޯވަނީ ފެންކަޅިވެފައެވެ.

އެޒުވާނާއަށް އެކަން ފާހަގަކުރެވުނީކަންނޭނގެއެވެ. އޭނާ މަޑުމަޑުން ހިނގާފައި އައިސް ޒައިނަބްމެނާ ދާދި ގާތަށް ހުއްޓުނެވެ. އޭރު އިސްޖަހައިގެން އިން ލަމްހާގެ ދެލޮލުންވެސް ކަރުނަ ފޭދެނިކޮށް އެޒުވާނާއަށް ފެނުނެވެ.

[މާފުކުރައްވާ...އަޅުގަނޑަކީ މަގުމަތިން ފެންނަ މީހުނާ ކުރިން ދުވަހަކުވެސް ފޮށި ހަދާ މީހެއް ނޫން. އެކަމަކު ތިހާ ރީތި ކުއްޖަކު ތިޙާލުގައި ވަނިކޮށްފެނުމުން ހިތަށްތުރާވީ....މާތްރަސްކަލާނގެ އިރާދަފުޅުން ކުރިމަގުގައި ތި ރީތި އަންހެން ކުއްޖާގެ ޙާލު ބަދަލުވާނެ. ތީ ވަރަށް ނަޞީބުވެރި އުފާވެރި ކުއްޖަކަށްވުމަށް އެދި އަޅުގަނޑު ދުއާކުރާނަން.] އެ ޒުވާނާގެ ވާހަކަ އަޑުއަހަން ޒައިނަބަށް ހުރެވުނީ އާގަމަވެފައެވެ. އެއީ ހާދަ މާތް ކުއްޖެކޭ، އޭނާގެ ހިތަށްއެރިއެވެ.

[ޝުކުރިއްޔާ....އަހަރެމެންގެ ހިތުގައި ކޮއްކޮއާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް....ތީ ކޮން ނަމެއްކިޔާ ކުއްޖެއްތަ؟] ލޮލުގައިވާ ކަރުނައިގެ ތެތްކަން އަތުގެ ނުފުށުން ފޮހެލަމުން ޒައިނަބް ވާހަކަ ދެއްކިއެވެ.

[އަޅުގަނޑަށް ކިޔަނީ ޒީހާން. އަޅުގަނޑުގެ ގެޔަކީ ހެންވޭރު މަސްޓް. އެ ޒުވާނާ، އާދެ! ޒީހާން، އޭނާގެ އަމިއްލަ ތަޢާރަފެއްދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން