އެމަނިކުފާނު ދުއާ ކުރަށްވަނީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަށް ލުޔެއްލިބި މިނިވަންވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެންގެވި ނިޒާމާ ބެހޭ ނުކުތާ އަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުވެސް އެދެނީ ރައީސް ޔާމީނަށް ލުޔެއްލިބި މިނިވަންވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ރައީސް ޔާމިން މާފުށީ ޖަލުގައި އެހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ އަހަރު ފުރުމާއި ދިމާކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގައިވެސް މުޒާހަރާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލާފައި ވާކަމަށް ވެއެވެ. އެކަމަށް މެމްބަރަކު ފާޑުވިދާޅުވުމުން ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށެވެ. ރައީސް ޔާމިން އަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ފަސް އަހަރު ޖަލުގައި އޮންނަވަން ޖެހުނު ނަމަވެސް ޖަލުގައި އޮންނަވާނެ ކަމަށެވެ.

"ޔަގީން ކުރައްވާ ދިވެހިރާއްޖޭގެ ސިޔާސީ ވެރިއަކު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެން ކަންބޮޑުވޭ އަޅުގަނޑުމެން ކަންބޮޑުވުމޭ މިދެންނެވީ އެއީ ނާއިންސާފުން ކޮށްފައިވާ ހުކުމެއް ސީދާ ނަހަލާލު ހުކުމެއް އެއީ ދަށުކޯޓުގައި ހުރި ފަނޑިޔާރު އެހެރީ މަތީ ކޯޓަށް ލާފައި އެ ހުކުމް ޖެހީތީވެ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ދުއާކުރައްވަނީ ރައީސް ޔާމިީނަށް ލުޔެއް ލިބި އެމަނިކުފާނު މިނިވަންވުމަށް ކަމަށެވެ. ރައީސް ނަޝީދު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިން އެކަނި ޖަލުގައި އޮތުމަކީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން