މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފަޅާއަރުވާލެއްވުމަށްފަހު، ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ރާއްޖޭގެ ބައެއް މީޑިޔާ ތަކަށް ޒަކީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޒަކީ ވިދާޅުވީ އެމްޕީއެލްގެ ޗެއާމަންކަމުން އިއްޔެއިން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޒަކީ ޗެއާމަން ކަމުން އިސްތިއުފާ ދެއްވާފައިމިވަނީ މިހާތަނަށް މީޑިޔާ އަށް ހާމަނުވެ އޮތް އެމްޕީއެލްގެ 8 މިލިއަން ރުފިޔާގެ ޚިޔާނާތެއްގެ މައްސަލަ ފެންމަތިކުރެއްވުމަށްފަހު އެވެ.

ޒަކީ ކުރެއްވި ޓުވީޓެއްގައި، ވިދާޅުވީ އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ނުކުރެއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވި ކަމަށާއި ހަތަރު މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މި ޚިޔާނާތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެފައިވާ ކަމަށް ޒަކީ ވަނީ ތުހުމަތު ކުރައްވާފައެވެ. ޒަކީގެ އެވާހަކަ ތަކާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާއިރު، އެ ރިޕޯޓުން އިތުރު ކަންތައްތަކެއް ފާހަގަވެ، އިތުރު ތަހުގީގެއް މިހާރު ހިންގަމުންދާކަމަށާއި އެ ތަހުގީގުން ހާމަވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ހިޔާނާތުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުންފުނިން ހިންގި ތަހުގީގުތަކުން ހާމަވެފައިވާ މައުލޫމާތުތަކުގެ އަލީގައި އެ ހިޔާނާތް އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން