މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެެތި ދިރިއުޅެމުންދާ މީހުން ވަގުތީ ހިޔާތަކަށް ގެންދަން ފަށައިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެެތި ދިރިއުޅެމުންދާ މީހުން ވަގުތީ ހިޔާތަކަށް ގެންދަން މި ފެށީ މާލޭ މާރުކޭޓު ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތި އެތައް ބަޔަކު ނިދާ ކައި ބޮއެ ހަދަމުންދާ ވާހަކަތައް ފެންމަތިވެ އެކަން މީޑިޔާތަކުން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވަނިކޮށެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކަން ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅައި ރިޕޯޓްކޮށް މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މިދިޔަ އޭޕްރީލް މަހު މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން އޭރު ވަނީ ފަށާފައެވެ. 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް، އެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން