އަހުމަދު މަސްނޫމް   30 ނޮވެމްބަރު 2020 - 18:44
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް
"ގައުމަށް އޮތީ ކޮން ފައިދާއެއްތޯ؟ ގައުމަށް އޮތީ ކޮން ގެއްލުމެއްތޯ؟ އެކަންކަމުގެ މައްޗަށް ރިޔާއަތްކޮށްފައި ގޮތެއް ނިންމާނީ." މިއީ ރޭ ބޭއްވި އެމްއާރުއެމްގެ އަހަރީ ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުން އަޅައިގެން ތަންކޮޅެކެވެ.

ރާއްޖޭގައި ހުންނެވި އެފަދަ ދެވަނައެއް ނެތް ސިޔާސީ މުފައްކިރެއްކަމަށްވާ، ރައީސް މައުމޫން ވަރަށް އާދައިގެ ގޮތަކަށް މިވާހަކަފުޅު ދެއްކެވިޔަސް، މިއީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެމްއާރުއެމްގެ އަހަރީ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީމް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނިީ ވާހަކަފުޅުގެ ކުޑަ ބައެކެވެ. އެހެންކަމުން ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގެ މަހްފޫމް ސާފުކުރުމަކީ ދަތިކަމެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ކްލިޕްގައި މައުމޫން ވިދާޅުވި އެހެން ވާހަކަތަކަށް ބަލާލާއިރު، އެމްއާރުއެމްގެ އެންމެ މުހިއްމު އަސާސަކީ ހުރިހާ ކަމަކަށްވެސް ގައުމީ ނަޒަރަކުން ބެލުމުގެ އާދަ އަށަގެންނެވުންކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި އެމްއާރުއެމްޢަކީ ވަކި ބައެއްގެ ފައިދާއަށް މަސައްކަތްކުރާ ޕާޓީއެއް ނޫންކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވަކި ބައެއްގެ ފައިދާއަށް މަސައްކަތް ކުރާ ބައެއް ނޫން. އަދި ވަކި ބަޔަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއްވެސް ނޫން. އަޅުގަނޑުމެން ބަލާނީ އެންމެންގެ ފައިދާއަށް. ގައުމުގެ އެންމެންގެ ފައިދާއަށް. ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ބަލާނީ." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އެމްއާރުއެމްއިން ކުރާނެ އެންމެ ބޮޑު މަސައްކަތަކީ އެންމެންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދެވޭތޯ ބެލުންކަމަށެވެ.

"އެއީ އެންމެ ބޮޑު މަސައްކަތަކީ. ގައުމީ ނަޒަރަކުން ކަންކަމާއި މެދު ވިސްނުމުގެ އާދަ އަށަގެންނެވުން. ކޮންމެ ކަމެއް ދިމާވިޔަސް ބަލާނީ ގައުމަށް އޮތީ ކޮން ފައިދާއެއްތޯ. ގައުމަށް އޮތީ ކޮން ގެއްލުމެއްތޯ. އެކަންކަމުގެ މައްޗަށް ރިޔާއަތްކޮށްފައި ގޮތެއް ނިންމާނީ." މައުމޫން ވިދާޅުވިއެވެ.



ކަންތައްތަކަކަށް ރިޔާއަތްކުރެއްވުމަށްފަހު ރައީސް މައުމޫން ގޮތެއް ނިންމަވާ ހިސާބަށް ގޮސްގެން މިއުޅެނީ ކޮންކަމެއް ބާވައެވެ؟ މިއީ ހަމަގައިމުވެސް ގިނަ ބަޔަކު ކުރާނެ ސުވާލެކެވެ. އެމްއާރުއެމް ހިމެނޭ ކޯލިޝަނުން ވެރިކަން ކުރާ ގޮތް ކަމުނުދަނީތޯއެވެ؟ ނޫނީ ރައީސް ޔާމީންގެ ޕީޕީއެމްއާ ގުޅިގެން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރަނީ ބާވައެވެ؟ ހަމަގައިމުވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއެކު އެމަނިކުފާނަށް 2023ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތޭ ބުނުމުގެ ޖާގަ މިހާރު އަދި އެބައޮތެވެ. އެހެނީ ފެންނަން ބޮޑު މަންޒަރަކީ ކުރިއަށް ވެސް އެމަނިކުފާނުގެ މައްޗަށް އެތައް ހުކުމެއް އަންނާނެ ކަމުގެ ޔަގީން މަންޒަރެވެ. އެހެންކަމަށްވާނަމަ ރައީސް މައުމޫނަކީވެސް އިދިކޮޅު ފަރާތްތަކަށް "ޗޮއިސް"އެކެވެ. ނޫނީ ރައީސް މައުމޫން ރިޔާސީ ކެންޑިޑޭޓަކު ނެރުންވާނީއެވެ. ޔަގީންވާ ކަމަކީ ރައީސް މައުމޫންގެ ލީޑަރޝިޕްގައި ހިންގާ ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ބޭފުޅަކު ނުނެރެ ނުހުންނާނެ ކަމެވެ.

ރައީސް މައުމޫނަށް ވެސް އަދި އެފުރުސަތު އެބައޮތެވެ. އުމުރުފުޅުން ދުވަސް ވުމަކީ ވެރިކަމަށް ކުފޫ ހަމަނުވާ ނޫނީ ޝަރުތު ހަމަނުވާ ސަބަބެއް ނޫނެވެ. ގާނޫނީ ގޮތުން އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.

އަޑުތައް އިވޭ ގޮތުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނަމަ "ހައުސް އޮފް ކާމިނީ"އިން ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ރައީސް މައުމޫންގެ އެންމެ ހަގު ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނުކަމަށް "އެތެރެކޮއިލުން" އަންނަ ހަބަރުތައް ބުނެއެވެ. ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޣައްސާންގެ ބަދަލުގައި ރައީސް މައުމޫން އިންތިހާބަށް ނުކުންނަވައިފިނަމަ ވަރަށް ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބުކުރައްވާނެއެވެ. ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ ތާއީދު މައުމޫނަށް ނުލިބޭނެޔޭ އެކަކުވެސް ނުބުނާނެއެވެ.

ދެން އޮތް ސުވާލަކީ މަައުމޫން ވެރިކަމަށް ނުކުންނަވަންޏާ ނޫނީ މައުމޫންގެ ޕަޓީން ބޭފުޅަކު ވެރިކަމަށް ނެރެންޏާ މިހާރު އޮތް އެމްޑީޕީ ކޯލިޝަނަށް ވާނެ ގޮތެކާއިމެދު ކޮށްފާނެ ސުވާލެވެ. ކޯލިޝަނުގެ ވާހަކައަކީ އެހާހިސާބަށް ދާއިރު ދެއްކުމުގެ ބޭނުމެއްވެސް ނެތް ވާހަކައެކެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެ ކޯލިޝަންގެ ކަންތައް ނިމުނުތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. މީހުން ކިޔާނެ އެއްޗަކަށް، ރައްޔިތުން ހަދާނެ ގޮތެއް ނޭނގޭތީ އެންމެން ވެސް އަދި "ފިއްތާލައިގެން" ތިބީއެވެ. އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ފިޔަވައި ދެން ތިބި ވަޒީރުންނަށް ހަދަމުންދާ ގޮތާއި ގޮވަމުންދާ އެއްޗެއްސަށް ބަލާއިރު ކޯލިޝަން ރޫޅިފައިވާކަން ސާބިތުކޮށްދެއެވެ. އަނެއްކޮޅުން އެމްޑީޕީގެ އެންމެ އިސް މެމްބަރުން ރައީސް މައުމޫނަށް ގޮވާ އެއްޗެހި އަޑުއަހަންވެސް ނުކެރޭހާ ހުތުރެވެ. ދާދިފަހުން ރައީސް އޮފީހުގެ، ގާނޫނަށް ނުފެތޭ ވަޒީރެއް ކަމަށް ޝިފާޒު ނުވަތަ އެމްޑީޕީގެ ނަމުން ނަމަ ޝިއްޕެ ސަރުކާރަށް މުހާތަބު ކުރެއްވީ އެމްޑީޕީގެ ސަރުކާރު ކަމަށެވެ. އެހެންވީމާ ކޯލިޝަން އެއީ މިހާރު ނެތް އެއްޗެއްކަން ކަށަވަރު ވަނީއެވެ. ބޮޑާހާކަން ހުރީ ހަމައެކަނި ވަޒީރު ކަމުގެ މަގާމު ދަމަހައްޓަން މަރުފަލި ޖަހާކަމަށް ބުނާ އިމްރާނެވެ. އޭނާއަށް މިހާރު ވަނީ އެމްޑީޕީއަށް ދަޢުވަތު ވެސް ދީފައެވެ. އެހެންވީމާ އިމްރާނު އެންމެ ގާތީ ރީނދޫ ޕޯޑިއަމުން ފެނުމެވެ.

ކޮންމެއަކަސް ރައީސް މައުމޫނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ކަންކަން ނިންމަވާނީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކުއެވެ. އެގޮތަށް ނިންމަވާ ނިންމެވުންތަކުގެ ނަތީޖާވެސް އެހެރީ ފެންނާށެވެ. .މިހާރު އެންމެންވެސް އިންތިޒާރު ކުރަމުންދަނީ 2023 އަށް އެމަނިކުފާނު ނިންމަވާނެ ނިންމެވުމަކަށެވެ. އުމުރުފުޅުން 95 އަހަރުގައި، މައުމޫންގެ ގާތް ބޭފުޅެއްކަމަށްވާ މަހާތިރު މުހައްމަދު މެލޭޝިޔާގެ ވެރިކަމަށް ވަޑައިގެންނެއިރު، މަހާތިރަށްވުރެ އުމުރުފުޅުން ހަގު ރައީސް މައުމޫނަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އެކަމަށް ކަމުނުދާންވީ އަދި ކުފޫ ހަމަނުވާންވީ ސަބަބެއް ވެސް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ގައުމު

02-Dec-2020

ހޯހޯ .. ދެން ފުދިއްޖެ!!!! 30 އަހަރުން ފުދިއްޖެ.