އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކޮށްފިނަމަ އިންފްލޭޝަން މައްޗަށް ގޮސް ރާއްޖެ ބަނގުރޫޓްވެގެން ހިގައިދާނެ ކަމުގެ އިންޒާރު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 34.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓު 12.3 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެވިފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި ގުޅިގެން ޕީޕިއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ތަންފީޒު ކޮށްފިނަމަ ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މަތިވެ ރާއްޖެ ބަނގުރޫޓް ވެގެން ހިގައިދާނެ ކަމަށެވެ.

ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ވަރަށް ބޮޑުތަން ކުޑަކުރަންޖެހޭ ކަމަށާއި، އެހެން ނަމަވެސް ބަޖެޓް ފާސްކުރީ މިހާރުވެސް ހުރި މަގާމުތަކާއި އެކު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވައި ވޯޓް ހޯދުމަށް އެކި ކަހަލަ ޕްރޮޖެކްޓްތައް ބަޖެޓްގައި ހިމަނާފައިވާ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. އާދަމް ޝަރީފް ވަނީ ބަޖެޓް އަލުން ރިވައިސްކޮށް ހުށައެޅުމަށް ގޮވާލައްވާފައެވެ.

"ވަރަށް ކަންބޮޑުވޭ މިގޮތަށް ބަޖެޓް ފާސްވެގެން ދިޔައީމަ ރާއްޖެ ހައިޕަ އިންފްލޭޝަނަކަށް ގޮސް ރާއްޖެ ބަނގުރޫޓްވެގެން ހިގައިދާނެ ބަޖެޓެއް މިއީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާ ރައްޔިތުން މަޖިލިސް މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް)  ވިދާޅުވީ ފާސްކުރި ބަޖެޓާއެކު ޑޮލަރުގެ އަގު 22 ރުފިޔާ އާއި 25 ރުފިޔާ އަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ ލިބޭނެ އާމްދަނީއެއް ކަމުގައި ދެކެވަޑައިނުގަންނަވާ  ކަމަށް ސަލީމް ވިދާޅުވިއެވެ. ރައްޔިތުންގެ މުސާރަ ބޮޑުނުވެ، އާމްދަނީ އިތުރުނުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް ބޮޑުވުމުން މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން