ފައިޒާއިން އުފެއްދި ކޯވިޑް-19 ވެކްސިން ބެހެއްޓޭނެ އެއްވެސް ޤައުމެއް މި ސަރަޙައްދުގައި ނެތް ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިޒާ އިން އުފެއްދި ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށެވެ. ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70ޑިގްރީ ފިނިހޫނުމިނުގައި ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.

"ރާއްޖެއަށް ބަލާއިރު ކޮންމެވެސް ވަރަކަށް މޮޑާނާ ވެކްސިން ބެހެއްޓިދާނެ." ޑރ. ފައިސަލް ވިދާޅުވިއެވެ.

މޮޑާނާ ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނަކީ މައިނަސް 20 ޑިގްރީގައި ކަމަށްވެސް ފައިސަލް ފާހަގަ ކުރަށްވާފައިިވެއެވެ.



ފައިސަލް ވިދާޅުވީ މިވަގުތަށް ތައްޔާރީ މައިނަސް 2އާއި 8 ޑިގްރީއާއި ދެމެދުގެ ފިނިހޫނު މިނުގައި ބެހެއްޓޭ އޮކްސްފޯޑް ނުވަތަ ރަޝިޔާގެވެކްސިނަށް ކަމަށެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޯވިޑް-19 އިން ސަލާމަތްވުމަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 10 ވެކްސިނެއް އަންނަ އަހަރުގެ މެދުތެރޭގައި ލިބޭވަރުވާނެ ކަމަށް ދުނިޔޭގެ ފަރމަސޫޓިކަލް އިންޑަސްޓްރީ ގްރޫޕުން ވަނީ ބުނެފައެވެ. މިހާރު އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒާ އަދި ބައޯއެންޓެކްގެ އިތުރުން މޮޑާނާ އާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންތަކަކީ ކާމިޔާބު ވެކްސިންތަކެއްކަމަށް އެވެކްސިންތަކުގެ ޑާޓާތަކުން ވަނީ ދައްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު