ޞާދިރު ޢަލީދީދީ   1 ޑިސެމްބަރު 2020 - 14:5
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 17

...............

[ޝުކުރިއްޔާ....އަހަރެމެންގެ ހިތުގައި ކޮއްކޮއާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް....ތީ ކޮން ނަމެއްކިޔާ ކުއްޖެއްތަ؟] ލޮލުގައިވާ ކަރުނައިގެ ތެތްކަން އަތުގެ ނުފުށުން ފޮހެލަމުން ޒައިނަބް ވާހަކަ ދެއްކިއެވެ.

[އަޅުގަނޑަށް ކިޔަނީ ޒީހާން. އަޅުގަނޑުގެ ގެޔަކީ ހެންވޭރު މަސްޓް. އެ ޒުވާނާ، އާދެ! ޒީހާން، އޭނާގެ އަމިއްލަ ތަޢާރަފެއްދިނެވެ.

ޒީހާން ތީ މި މާލެއިން ވަރަށް މަދުން ނޫނީ ދިމާނުވާހާ އަޚްލާޤު ރަނގަޅު މާތް ފިރިހެން ކުއްޖެއް. އަޅުގަނޑަކީ ޒައިނަބް. ދެން މީ އަޅުގަނޑުގެ ދަރިފުޅު ލަމްހާ. އަޅުގަނޑުމެންގެ ގެއަކީ ހެންވޭރު ބަހާރު. ޒީހާން ވާނޭ އަޅުގަނޑުމެން ގެއަށް އަންނަން.] ތަޢާރަފް ދިނުމަށްފަހު ޒައިނަބް ޒީހާނަށް އެގެއަށް އައުމަށް ދަޢުވަތުވެސް ދިނެވެ.

[ޝުކުރިއްޔާ.....ލަމްހާ އަނެއްކާ އަޅުގަނޑަށް މަޢާފްކޮށްފިންތަ؟] ސަލާމް ކުރަން އަތްދިއްކުރަމުން ޒީހާން ބުންޏެވެ. ޒީހާންގެ ސަލާމުގައި ހިފައި ޖަވާބުދެމުން ލަމްހާ ބޯޖަހާލިއެވެ. ޒީހާން ދެން ދަނީއޭ ބުނެފައި ހިނގައިގެންފިއެވެ.

[ވަރަށް ރަނގަޅު އަޚްލާޤެއްގެ ވެރި ކުއްޖެއް.] ގޮނޑި ކޮއްޕަމުން، އެކަނި ލަމްހާއަށް އިވޭވަރަށް ޒައިނަބް ބުންޏެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ޒީހާނަކީ ޠަބީޢަތުގައިވެސް މަޑުމައިތިރި ގޮތެއް ހުންނަ ނިކަން އަޚްލާޤު ރަނގަޅު ޒުވާނެކެވެ. އެހެންކަމުން، އޭނާ ވަޒީފާ އަދާކުރާ އޮފީހުގެވެސް ބަޠަލަކީ އޭނާއެވެ. ހުރިހާ އަންހެން ކުދިންވެސް އެކަކު އަނެކަކަށް ބަޙުޘް ކުރާނީ ޒީހާންގެ ރަނގަޅު އަޚްލާޤާއި މަޑުމައިތިރި މިޒާޖާ ބެހޭގޮތުންނެވެ.

[އަހަރެން ބޭނުންވަނީ ޒީހާންކަހަލަ މަޑުމައިތިރި ސްމާޓް ފިރިހެނެއް....މިބުނީ އަހަރެންގެ ހުވަފެނަކީ ޒީހާންއޭ......] ޒީހާނާ އެއް އޮފީހެއްގައި މަސައްކަތްކުރާ އަންހެން ކުއްޖެއް ކަމަށްވާ ފިސާނާ، އޭނާގެ ރައްޓެއްސެއް ގާތު ބުންޏެވެ.

[ހީވޭތަ ފިސާއަށް ވާނޭހެން...ހިއެއްނުވޭ، އެފަދަ ނަޒަރަކުން އަންހެނަކާ ދިމާއަށް ބަލާހެނެއްވެސް.] ފިސާނާގެ ރަޙްމަތްތެރި ނަދީމާ ބުންޏެވެ.

[އަދި ބޮޑުނުވަނީ ކަމަށްވާނީ...ބޮޑުވާންވާއިރަށް ވާނެ އޮޅުކުރަން.] ފިސާނާ ހީގަތެވެ.

[އޮފީހުގައި އެބައުޅޭތަ ޒީހާން...؟] ނަދީމާ އެއްސެވެ. ނަދީމާއަކީ ލާނެތްކަމުގެ އިންތިހާއެވެ.

[މިހާރު އޮފީހުން ބޭރަށްދިޔަތާ އިރުކޮޅެއްވެއްޖެ. ޓައީވެސް ނަގާ ޖީބަށްލައިގެން ދިޔައީ.....] ފިސާނާއަށް މިހެން ބުނެވުނުތަނާހެން ޒީހާން އޮފީހަށް ވަދެގެން އަންނަތަން ފެނި، ނަދީމާ ފިސާނާގެ ގައިގައި ކޮއްޓާލިއެވެ.

[ވާހް....ސަޅި....ހާދަ ހިތްގައިމޭ.] ފިސާނާއަށް ހިތާހިތާކިޔާލެވުނެވެ.

[ޒީހާން....ފިސާނާ ސަލާމް ބުނި....] ލާނެތް ނަދީމާ ޒީހާން ހުއްޓުވިއެވެ. ނަމަވެސް، ނަދީމާ އެފަދަ ލާނެތް ކަމެއް ކޮށްފާނެ ކަމަކަށް ފިސާނާ ހުރީ ވިސްނައިގެން ނޫންކަމުން، ލަދުން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާ ނިކަން ބާރަށް ނަދީމާގެ ގައިގައި ވިކައިވެސްގަތެވެ.

[ވަޢަލައިކުމުއްސަލާމް....] ފިސާނާއަށް ލުއި ހިނުތްނުވުމެއް ހަދިޔާ ކުރުމަށްފަހު، ޒީހާން، އޭނާގެ ސެކްޝަނާ ދިމާއަށް ހިނގައިގަތެވެ.

[ނަދީ ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް. ލަދުން ހަލާކުނުވީ ކިރިޔާ.] ފިސާނާ ފުން ނޭވާއެއްލިއެވެ.

[ފިސާ ނުބުނަންތަ، ސަލާމް ބުނާށެކޭ.] ނަދީމާ ހީގަތެވެ. ސަމާސާ ފާޑަކަށެވެ.

[ނުބުންޏަސް ބުނެވިއްޖެއެއްނު....ތިހެން ސަމާސާ ކުރަންވެސް، އޭނާގެ ހިތް އަހަންނަށް ނަގާފައި ދީބަލަ.] ފިސާނާ ހުރީ ނަދީމާގެ ސަމާސާއާ ނިކަން ގަޔާވެފައެވެ.

[ކެތްކޮށްގެން ހުންނާތި. ތިކަންވެސް މާލަހެއްނުވެ ކޮށްދޭނަން.] ނަދީމާ ބުންޏެވެ. ހީގަންނަމުންނެވެ.

މިހާރު މާއިޝާއާއި އަދުހަމްގެ ކައިވެންޏަށް ހަތަރުމަސްފުރި ފަސްވަނަ މަހަށް ފެށުނީއެވެ. އަދިވެސް އަދުހަމް މުޅިން ބަދަލެއް ނުވެއެވެ. އޭނާ ކުރިއެކޭވެސް އެއްފަދައިން ލަމްހާއާ ދޭތެރޭ ވިސްނައެވެ. އެކަން މާއިޝާވެސް ދަނެއެވެ.

[ކުއްޖަކު ހޯދަންވީކަންނޭނގެ. އޭރުން ހުރިހާ ކަމެއްވެސް ޙައްލުވެދާނެ.] މާއިޝާ ފުރަތަމަފަހަރަށް ކުއްޖަކު ބޭނުންވާކަން އަދުހަމްގެ ކުރިމަތީގައި ފާޅުކުރިއެވެ.

[އަދި މާއަވަސް ކުއްޖަކު ހޯދަން. އަހަރެން ކުއްޖަކު ބޭނުންވަނީ އަދި ދެތިންއަހަރު ފަހުން.....] އަދުހަމް ބުންޏެވެ. މާއިޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެހިނދު، އޭނާގެ ހިތަށްއަރަމުންދިޔައެވެ. [އަދިވެސް އަދުހަމް މި ކައިވެނި ދާއިމްވާން ބޭނުން ނުވަނީތާއެވެ. އެހެން ނޫންނަމަ، ކުއްޖަކު ހޯދުމަށް އެހާ ދިގު މުއްދަތެއް ނަގަންވީ ކީއްކުރަން ހެއްޔެވެ؟] މިހެން ހިތަށް އެރުމާއެކު އިސާހިތު މާއިޝާ ފެންކަޅިވެއްޖެއެވެ.

އަދުހަމް މާއިޝާގެ މޫނަށް ބަލައިލީ މާއިޝާ ބަސް ހުއްޓިފައި މާގިނައިރުވީމައެވެ.

[މާއިޝާ ރޮނީތަ؟] އަދުހަމް މާއިޝާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

[އުނހު...ނުރޮން....] މާއިޝާ އިސްޖަހާލިއެވެ. އަދުހަމް ލުއި ހިނިތުންވުމަކާއެކު، ދެފަރާތަށް ބޯހޫރާލިއެވެ.

[މާއިޝާ....ކުއްޖަކު ހޯދައިގެން މާއިޝާއަށް އަދި ކުއްޖަކު ބަލާކަށްވެސް ނޭނގޭނެ. ކައިވެނީގެ ފުރަތަމަކޮޅު ދަރިޔަކު ލިބުނީމާ، ދެމަފިރިން އެކަކު އަނެކަކާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުވާނެ. މުޅިންވެސް އެދަރިފުޅުގެ ކަންތަކާ ވިސްނޭނީ. އަހަރެން މިހެން ބުންޏަސް، ދެން މާލަހެއްނުވެ ކުއްޖަކާ ދޭތެރޭ އަހަރެން ވަރަށް ފުންކޮށް ވިސްނާނަން.] އަދުހަމް މާއިޝާގެ ހިތްހަމަޖައްސާލަދިނެވެ. މާއިޝާ އަދުހަމްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[އައްސަލާމް ޢަލައިކުމް....ހޫނ...ހޫނ...ހާދަ ރޮމޭންޓިކޭ....] ދިމްނާގެ އަޑަށް މާއިޝާ ސިހިފައި އަދުހަމްގެ ކޮނޑުން ބޯނެގިއެވެ.

[ވަޢަލައިކުމުއްސަލާމް....އާދޭ...އެކަނިތަ؟] ސަލާމް ބަލައިގަތުމަށްފަހު މާއިޝާ ބުންޏެވެ.

[އެކަނިވެރިން އުޅޭނީ އަބަދުވެސް އެކަންޏެއްނު. އަހަރެން ބޯއަޅާލާނެ ކޮނޑެއްވެސް ނުލިބޭވިއްޔަ. ލިބުނު ދުވަހަކުން އެކަންޏަކު ނާންނާނަމޭ.] ހީގަންނަމުން ދިމްނާ ބުންޏެވެ.

[ނުލިބިގެންތަ؟ ދިމް ބޭނުންނުވަނީނު...ހިތް ފިދާ ތިވަނީ އެންމެ މީހަކަށްޓަކާވިއްޔަ....]

[އަހަންނާ ދިމާއަށް ތިހެން ބުނަން އެންމެ އައުލާކަންބޮޑު މީހާތީ.....މާއިޝާވެސް ކައިވެނިކުރީ އެންމެ ލޯބިވާ މީހާޔާ....އޭގެކުރިން ކިތައް ކިތައް ހުށަހެޅުން ލިބި ދޫކުރެވުނުކަން ހަނދާން އެބަހުރިތަ؟ އެފަދައިން އަހަރެންވެސް ބޭނުންވަނީ އަހަރެން އެންމެ ލޯބިވާ މީހާ.] ދިމްނާ މާއިޝާއާ ދިމާކުރިއެވެ. މާއިޝާއަށް ބަލައިލެވުނީ ފިރިމީހާގެ މޫނަށެވެ. ހިނިތުންވެލަމުން ފާޚާނާއަށް ވަދެފައި އެބަ އަންނަމޭ ބުނެފައި ގޮސް އަދުހަމް ކޮޓަރިއަށް ވަދެއްޖެއެވެ.

ލަމްހާ އޮތީ ކޮޓަރީގައި ވާހަކަފޮތެއް ކިޔާށެވެ. މިހާރަކަށް އައިސް ފޮތް ކިޔުމަކީ، އޭނާގެ ޠަބީޢީ ކަމަކަށްވެފައިވާ ކަމެކެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދެނީ ކޮންމެވެސް ފޮތެކެވެ. އެހެންކަމުން، އޭނާގެ މަންމައާއި ބައްޕަ ކޮންމެ ދުވަަހަކު ފޮތެއް ކަހަލަ ގޮތަކަށް ގަނެގެން ގެނެސް، އޭނާގެ ފޮތް ހަރުގަނޑަށްލައެވެ. މިހާރު އޭނާގެ ކޮޓަރި، ކުޑަވަރެއްގެ ލައިބްރަރީއަކާ އެއްފަދައެވެ. ކޮންމެ ދިމާއަކަށް ބެލިޔަސް، ފެންނަނީ ފޮތެކެވެ.

[ދަރިފުޅާ...ދަރިފުޅު ދެކިލަން އައިސް މެހްމާނަކު އެބައިން.] ދޮރު ހުޅުވާފައި ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން، ޒައިނަބް ވާހަކަ ދެއްކިއެވެ.

އެއީ ކާކުހޭވެސް އަހާނުލާ ލަމްހާ ބުނީ ކޮޓަރިއަށް ވެއްދުމަށެވެ. ހިނިތުންވެލުމަށްފަހު، ޒައިނަބް ހިނގައިގަތެވެ. ލަމްހާ ފޮތުން އޭނާއަށް ކިޔުނު ހިސާބު ފާހަގަކުރުމުގެ ގޮތުން، ކަނެއް ލަންބާލުމަށްފަހު، ފޮތް ލައްޕާލިއެވެ. އެވަގުތު މެހްމާނާއެކު މަންމަ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[އައްސަލާމް ޢަލައިކުމް...ލަމްހާ....] އެތެރެއަށް ވަނުމުގެ ކުރިން ދޮރުމަތީގައި ހުއްޓިހުރެ މެހްމާން އާދެ، ޒީހާން ލަމްހާއާ ސަލާމްކުރިއެވެ.

[ވަޢަލައިކުމުއްސަލާމް...ޒީހާން...ވަދެ އިށީނދޭ....] ލަމްހާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ޒީހާން އިށީނުމުގެ ކުރިން އޭނާގެ އަތުގައިއޮތް ޕާރުސަލް، ލަމްހާ އަތަށްދިނެވެ.

[ތޭންކްސް....] ލަމްހާ ޕާރުސަލްގައި ހިފަމުން ޒީހާންގެ މޫނަށް ބަލައިލިއެވެ. އޭރު ޒީހާންގެ ހުރިހާ ނަޒަރެއްވެސް ވަނީ ލަމްހާގެ ރީތި ލޮލަށެވެ. ގިނަ ފިރިހެން ކުދިން ލަމްހާގެ ރީތިކަމާއި ޗާލޫކަން ސިފަކުރާއިރު، އެންމެ ފުރަތަމަވެސް ކިޔާނީ އައިޝްވާރިޔާގެ ލޮލާ އެއްވެސް ތަފާތެއް ނެތް ލޮލެއްގެ ވާހަކައެވެ.

[މަންމަ އެބަ އަންނަން ޒީހާނަށް ކޮންމެވެސް އެއްޗެއް ހިފައިގެން.] ޒައިނަބް ނުކުތެވެ. ޒީހާން އެނދުގެ މަގަތުގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

[ވަރަށް ފޮތް ކިޔަންދޯ....ހީވަނީ ލައިބްރަރީއެއްހެން.] ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގާލަމުން ޒީހާން ބުނެލިއެވެ.

[ކުރިން އެހާ ޝައުޤުވެރިކަމެއް ނުހުރޭ. އެކަމަކު މިހާރު ދުވަހަކު ފޮތެއް ކަހަލަ ގޮތަކަށް ކިޔާލެވޭ. މިހާރު މަންމައާއި ބައްޕަ ކޮންމެ ދުވަހަކު ފޮތެއްކަހަލަ ގޮތަކަށް ގެނެސްދޭ. ސާދުނާވެސް އެވަރަށް ފޮތް ގެނެސްދޭނެ.] ލަމްހާ ބުންޏެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އެއްފަހަރު ނޫނީ ދެފަހަރު ޒީހާން އެގެއަށް ޒިޔާރަތް ކުރެއެވެ. ބައެއްފަހަރު ދެތިންގަޑިއިރު ވަންދެންވެސް ތަފާތު މަޥްޟޫޢުތަކަށް ވާހަކަ ދައްކަން ލަމްހާ ގާތު އިނދެއެވެ.

[ހާދަ ރީއްޗޭ ލަމްހާ. އޭނަ ފެންނަން އިނިއްޔާ ގަޑި ހޭދަވާ ގޮތެއްވެސް ނޭނގެ.] ޒީހާން ވާހަކަ ދެއްކީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނާޒިމާއެވެ.

[ކޮން ލަމްހާއެއް...ތިބުނާ ރީތި ކަމެއްވެސް އެނގިދާނެތާ. އޭނަ އަހަންނަށް ދައްކާލަބަލަ.] ނާޒިމް ބުންޏެވެ.

[މާދަމާރޭ އަހަންނާއެކު އެގެއަށް ދާންވާނެ. ޔަޤީން، ނާޒިމްވެސް ތަލިން ކުޅުހިކޭނެ.] ޒީހާން ބުންޏެވެ.

[ތިހެންވީއިރު އަހަރެން ތިގެއަށް ދާނީ ފެންފުޅިއެއްވެސް ހިފައިގެން.] ނާޒިމް ސަމާސާކޮށްލިއެވެ.

[ފުޅިއެއް ކީއްކުރަން، ތާނގީއެއް ގެންދިޔަސް ރަނގަޅުވާނެ.] ޒީހާންވެސް ނާޒިމްގެ ސަމާސާގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން