2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިނުވާކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން"ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށެވެ.

ރައީސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްއިން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމާމެދު ރައީސް މައުމޫން މިހާތަނަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު އޮންނައިރު، އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިޢުލާން ކުރަށްވާފައިވާ ހަމައެކަނި ކެނޑިޑޭޓަކީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަމަށް ސިޔާސީ ގިނަ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އަދި އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ ރައީސް ނަޝީދުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަނެއްކޮޅުން ރައީސް ޞާލިޙުގެ ފެކްޝަނުން އަބްދުﷲ ޝާހިދު ވެރިކަމަށް ނުކުންނަވަން މަސައްކަތްކުރާކަމުގެ އަޑުތައް ވެސް އިވޭލެއް މަދެއް ނޫނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް މީގެ ދުވަސްކޮޅެއް ކުރިން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ވާހަކަ ދައްކަަވަމުން ވިދާޅުވެފައި ވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނުކުންނާނެ ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ މަތީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން މިހާރުވެސް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުން ގެންދަވާ ކަމުގެ ތުހުމަތު ވެސް ކުރަށްވާފައެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރަށްވާނެކަން ވަރަށް ބޮޑަށް ޔަގީން ވެއެވެ. އަދި ޕީޕީއެމްއިން ރައީސް ޔާމީންއަށް ވާދަނުކުރެއްވޭނަމަ އެޕާޓީން އިންތިހާބުގައި ވާދަކުރައްވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫންއެވެ. ޣައްސާނުގެ ކުރިމަގު އޮތީ އެ ޕާޓީގައިކަން ރައީސް ޔާމިން ވަނީ ތަފާތު މުނާސަބާތަކުގައި ވިދާޅުވެފައެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ގޮނޑިއަކީ ވެސް ރައީސް ޔާމީން މާ ކުރިން ޣައްސާނަށް ކަށަވަރު ކޮށްދެއްވާފައިވާ ގޮނޑިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން