ރައީސް ޞާޅިހް އަދި އެޑިއުކެޝަން މިނިސްޓަރ އައިޝަތު އަލީ
ރައީސް ޞާޅިހް އަދި އެޑިއުކެޝަން މިނިސްޓަރ އައިޝަތު އަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމްކުރިތާ އެއް އަހަރު ފުރުމާ ދިމާކޮށް ޕީޕީއެމާއި ޕީއެންސީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި މުޒާހަރާ ތަކުގެ ތެރެއިން ރައީސް އަވަހާރަކޮށްލަން ގޮވާލި މުޒަހަރާއެއްގައި ބައިވެރިވި ނ. ލަންދޫ ސްކޫލުގެ މަސައްކަތު މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދަންޖައްސައި އަވަހާރަކޮށްލަށް ގޮވާލި މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ ކަމުގެ ތުހުމަތުގައި ސިވިލް ސާވިސްގެ ގަވާއިދާ ހަވާލާދީ އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކޮށްފައި ވީ ނަމަ ވެސް މުސާރަ ހިނގާނެ ކަމަށް އޭނާއަށް ފޮނުވި ލިޔުމުގައި ބުނެފައިވެއެވެ.

ވަޒީފާއަށް ނުކުތުން މަނާކޮށް އޭނާ އަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި ލިއުމުގައި ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި "ރައީސް ދަންޖައްސައި މަރާލަން" ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ އެ ތަހުގީގު ނިމެންދެން ކަމަށް ވެސް ލިއުމުގައި ބުނެފައި ވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުވި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. އެކަމަކު އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވުން މައްސަލައެއްގެ ގޮތުގައި ނަގައި ފިޔަވަޅު އަޅާތީ މި ސަރުކާރުގެ ވައުދަކީ ނާއިންސާފުން އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު ނޭޅުމެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ ކުރީގެ ސަރުކާރުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ އެތައް ބަޔަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. އެ މުވައްޒިފުންނަށް އަނބުރާ ވަޒީފާ ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޖައުފަރުރަޝީދު

04-Dec-2020

ފަލަޑޭ ބުނީ މަސްދަތުރެކޯ! މަސްދަތުރު ދާ މީހުން ސަސްޕެންޑް ކުރަން ފެށީ? ނުބައި ނުލަފާކަން ދޯ!



ޓްރެންޑިން