ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްގައި ހިންގިކަމަށް ބުނާ ތެލުގެ ވައްކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް އެފްއެސްއެމްގެ މުވައްޒަފު ސަސްޕެންޑްކޮށްފިއެވެ.

އެފްއެސްއެމްއިން ބުނީ 8 މިލިއަން ރުފިޔާގެ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފު މިދިޔަ ބުރާސްފަތިދުވަހު ސަސްޕެންޑު ކޮށްފައިވާކަމަށެވެ.

އެފްއެސްއެމްގެ ތެޔޮ ބައުޒަރު ދުއްވާ މުވައްޒަފަކު ސަސްޕެންޑްކޮށްފައި މިވަނީ، ތެލުގެ ވައްކަން ހިންގީ އެފްއެސްމްގެ މުވައްޒަފަކާ ގުޅިގެންކަން އެނގެން އޮތުމުން، އެކަން ބަލައިދޭން އެމްޕީއެލް އިން އެފްއެސްމަށް ހުށަހަޅައިފައިވަނިކޮށެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޕީއެލަށް ތެޔޮފޯރުކޮށްދީފައިވާ ހުރިހާ ބިލްތައް ބަލައި ކުންފުނިން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވީ ކޯވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުގެ ވިޔަފާރިއަކީ ސޮއި ފޯޖުކޮށް، ހިންގާފައިވާ ކަމެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިމައްސަލަ ފެންމަތިވެފައިވަނީ ކޯވިޑް-19ގެ ތެރޭގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ކުރި އޮޑިޓްތަކުންކަމަށެވެ. އެގޮތުން ކުންފުނިން ގަނެފައި ނުވާ ތެލަށް ވެސް ބިލްތަކެއް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިކަން ކުރި މީހުން ކުށަށް އިއުތިރާފްވެ، އެކަން ހިންގި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި މިމައްސަލައަކީ ވައްކަމުގެ މައްސަލައެއްކަމަށް ވުމުން މިހާރު މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއާއި، ފުލުހުންނާއި އޮޑިޓަ ޖެނެރަލަށް ހުށަހަޅާފައިވަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިމައްސަލަ ތަހުގީގުކުރަމުންދާތީ މައްސަލައާ ގުޅުންހުރި މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާކަމަށެވެ.

ލޮކްޑައުން ތެރޭގައި އެމްޕީއެލް ތެރޭގައި ހިނގި ތެލުގެ ވައްކަމުގެ ތެރެއިން 8 މިލިއަން ރުފިޔާ ބަޔަކު ވަގަށް ނަގާފައިވާކަމަށް މިހާތަނަށް ތިލަ ވެފައިވާ މައުލޫމާތުތަކުން އެނގެން އެބައޮތެވެ. އެމައްސަލަ މީޑިއާއާއި ހިއްސާ ކުރެއްވުމަށްފަހު ކުންފުނީގެ ޗެއަރމަން ޒަކީ ވަނީ އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން