ޞާދިރު ޢަލީދީދީ   2 ޑިސެމްބަރު 2020 - 13:59
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 18

...............

[މާދަމާރޭ އަހަންނާއެކު އެގެއަށް ދާންވާނެ. ޔަޤީން، ނާޒިމްވެސް ތަލިން ކުޅުހިކޭނެ.] ޒީހާން ބުންޏެވެ.

[ތިހެންވީއިރު އަހަރެން ތިގެއަށް ދާނީ ފެންފުޅިއެއްވެސް ހިފައިގެން.] ނާޒިމް ސަމާސާކޮށްލިއެވެ.

[ފުޅިއެއް ކީއްކުރަން، ތާނގީއެއް ގެންދިޔަސް ރަނގަޅުވާނެ.] ޒީހާންވެސް ނާޒިމްގެ ސަމާސާގައި ބައިވެރިވިއެވެ.

ޒީހާން މިމޭރުމުން ލަމްހާއާ ދޭތެރޭ ވިސްނަމުންދާއިރު، ލަމްހާގެ ޚިޔާލާއި ފިކުރުތައް ހުރީ ކޮންގޮތަކަށްބާއެވެ. ޔަޤީނެވެ. ލަމްހާގެ ހިތުގައިވާ އަދުހަމްގެ ލޯތްބަކަށް އަދި ކުޑަވެސް ބަދަލެއް ނާދެއެވެ. އެ ލޯބި އޭނާގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ޢިޝްޤީ ޒާތަށް ޒީހާން ލަމްހާއާ ދޭތެރޭ ކިތަންމެވަރަކަށް ވިސްނި ކަމުގައިވިޔަސް، ލަމްހާ އެފަދަ ނަޒަރަކުން އަދުހަމް ނޫން މީހަކާ ދިމާއަށް ބަލައިވެސްނުލާނެއެވެ. އޭނާ ޒީހާން ދެކެނީ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައެވެ.

ކުރީ ދުވަހެއްގައި ލަމްހާމެނާއެކު ސައިބޯން އިންދާ ފެނުނުފަހުން އަދުހަމަށް ޒަހީން ފެނުނީ އަދުހަމް ބައްޕަގެ ފިހާރަތެރޭގައި ހުއްޓައެވެ. ޒަހީން ފެނުމާއެކު، އަދުހަމް ޒަހީންގެ ގާތަށް ގޮސް ޙާލު އަޙުވާލު އޮޅުންފިލުވައި ހެދިއެވެ. ޒަހީންވެސް މަދްރަސާ ނިމުނުފަހުން އަދި ބައްދަލުނުވެޔޭ ބުނެފައި ސަޔަކަށް ދަޢުވަތު ދިނެވެ.

[އަވަހަށް ހިނގާ، އަހަރެން ބޭނުމީ ތިގެއަށް ގޮސް ސައިބޯން.] އަދުހަމް ބުންޏެވެ.

[މައްސަލައެއް ނެތް، އަވަހަށް ހިނގާ...ހޮޓާތަކަށް ނުދަނީތަ މިހާރު؟] އަދުހަމާއެކު ގޮސް ސައިކަލަށް އަރަމުން ޒަހީން އެއްސެވެ. އަދުހަމް ސައިކަލް ދުއްވާލިއެވެ.

[ނޫނޭ ހޮޓާތަކަށްވެސް ދަން. ތިގެއަށްވެސް ނުދާތާ ލައްކަ ދުވަސް ވެއްޖެއެއްނު. ޒަހީންގެ އަންހެނުންނާވެސް ބައްދަލުކުރެވޭނީ، ތިގެއަށް ދިޔައީމައެއްނު.] އަދުހަމް ބުންޏެވެ.

[ކޮންތާކު އިން އަންބެއް...އަދި ކިރިޔާ ސެޓްވީ. އެކަމަކު ދެން މާގިނަ ދުވަހެއްނުވެ ކައިވެނިވެސް ކުރެވިދާނެ.] ޒަހީން އޮޅުންފިލުވައިދިނެވެ.

[ކާކާ...ލަމްހާ އަދި މެރީ ނުކުރަނީތަ؟] އަދުހަމް ސައިކަލް ބުރަކި ޖައްސާލިއެވެ.

[ބަލަ އަހަރެން އިންނަން އުޅެނީ ލަމްހާއަކާ ނޫނޭ. އޭނަގެ ބެސްޓް ފްރެންޑް ސާދުނާޔާ. އަދުހަމް ލަމްހާ ދަންނަންތަ؟] ޒަހީން ކުޑަކޮށް ޙައިރާންވިއެވެ.

[ކުރިން ދަންނަން. އޭނަ އުޅެނީ ކައިވެނިކޮށްގެންތަ؟] އަދުހަމްގެ ހިތް އަވަސްވިއެވެ.

[އަދި ނުކުރޭ. ސާދުނާގެ ފަރާތުން އަހަންނަށް މަޢްލޫމާތު ލިބުނު ގޮތުން، އެއީ ވަރަށް ބަދުނަޞީބު ކުއްޖެއް. އޭނާ ނުކުޅެދޭ ކުއްޖަކަށްވީ ދާދިފަހުން އިންޑިޔާގައި ދިމާވި އެކްސިޑެންޓަކަށްފަހު. މިހާރު އެކުއްޖާއަކަށް ފުރޮޅުލީ ގޮނޑީގެ އެހީގައި ނޫނީ އެއްވެސް ތާކަށް ނުދެވޭ. އެހެންވެ އޭނަވަނީ އޭނަ އެންމެ ލޯބިވާ މީހާޔާވެސް ވަކިވެ، އެ ލޯބި ޤުރްބާންކޮށްލާފަ.]

ވާހަކަ މިހާ ހިސާބަށް ދިޔުމުން، އަދުހަމައަށް ކެތެއް ނުކުރެވުނެވެ.

[ދެން ހުއްޓާލާ...ޒަހީން...ލަމްހާ....]ހިތަށްކުރި ފުން އަސަރެއްގެ ސަބަބުން އަދުހަމް ތުރުތުރުއަޅަން ފެށިއެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.

[ކިހިނެއްވީ؟ އަދުހަމް ރަނގަޅަށް ލަމްހާ ދަންނަންދޯ؟] އަދުހަމްގެ މޫނުމައްޗަށް އެރި ކުލަވަރު ބަލަން ހުރެފައި ޒަހީން އެއްސެވެ.

[އާނ، އޭނަ ޤުރްބާންކޮށްލީ އަހަރެންގެ ލޯބި.....އޭނަ އިންޑިޔާގައި ހުރެފައި އަހަންނަށް ސިޓީ ފޮނުވާފައި ބުނީ، އޭނަ އިންޑިޔާގައި މީހަކާ އިން ވާހަކަ...ކީއްވޭބާ އޭނަ އެގޮތަށް ކަންތައް ކުރީ....] އަދުހަމްގެ ދެލޮލުން އެއްވެސް އިޚްތިޔާރަކާނުލާ ކަރުނަ ފައިބައިގަތެވެ.

[ނުކުޅެދޭ ޙާލުގައި އަދުހަމާއެކު ދިރިއުޅުން ޙިއްޞާ ކުރަން އޭނާ ބޭނުންނުވީޔޯ.....އެޙާލުގައި އޭނާއަށް އަދުހަމަށް ލޯބި އެންމެ ފުރިހަމަ ގޮތުގައި ނުދެވިދާނެތީޔޯ.....މިހާރު އޭނާ ކުރާ ހިތާމަތަކަށްވުރެން ނުކުޅެދޭ ޙާލުގައި އޭނަޔާ ކައިވެނިކޮށްގެން ހުރެފައި، ފޫހިވެގެން އޭނަގެ ބޮލުގައި ކޮޅުފައިންޖަހާފައި އަދުހަމް ހިނގައްޖެއްޔާ އޭނަގެ ހިތަށް ބަރުދާސްތު ނުކުރެވޭވަރުގެ ހިތްދަތިކަމެއް ތަޙައްމަލް ކުރަން ޖެހިދާނޭތީޔޯ.] ޒަހީން ސާދުނާ އޭނަޔަށް ކިޔާދިންގޮތަށް އަދހަމަށް އޮޅުންފިލުވައިދިނެވެ.

[ކީއްވެބާ އޭނަ އަހަންނަށް އިތުބާރު ނުކުރީ. އަހަރެން އޭނަދެކެވާ ލޯބި އޭނަޔަށް އިޙްސާސް ނުކުރެވެނީބާ؟] އަދުހަމްގެ އަޑުގައިވެސް ތުރުތުރުލުމެއް ހުއްޓެވެ. ޙަޤީޤަތުގައި އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކޮށްފިއެވެ.

[އޭނަޔަށް އެނގޭ އަދިވެސް އަދުހަމް އޭނަދެކެ ލޯބިވާކަން. އަދުހަމް އެކަންޏެއް ނޫނޭ، އޭނަވެސް އަދުހަމްދެކެ ހާދަ ލޯބިވެޔޭ. ސާދުނާ ބުނީ ދޭތެރެ ދޭތެރެއިން އަދުހަމްގެ ހަނދާންކޮށްފައި ރޮއިގެންފާނޭ....ބައެއްފަހަރަށް އޭނަގެ މަންމަ އަދުހަމް ބަލައިދާންވެސް އުޅެޔޯ.....] ޒަހީން އިތުރަށް އޮޅުންފިލުވައިދިނެވެ.

އަދުހަމްގެ ހިތް ހީވީ ވިރިގެން ފޭބިހެންނެވެ. ފިރިހެނަކަށްވިޔަސް، އޭނާޔަކަށް އޭނާގެ ހިތަށް ބާރެއް ނުފޯރުވުނެވެ.

[ޒަހީން...އަހަރެން ހާދަ ލޯބިވި އަދިވެސް ލޯބިވާ ކުއްޖެކޭ އެއީ....އަހަރެން ބޭނުން އޭނައަށް ގުޅަން.] އަދުހަމްގެ އަޑު ބެދިއްޖެއެވެ. އޭނާ ބޭނުންވީ ހަމަ އެވަގުތުވެސް ލަމްހާއާ ބައްދަލުކުރުމަށެވެ. ނަމަވެސް، ޒަހީން ނަޞޭޙަތްތެރިވީ އިހަށް ހަމަޖެހުމަށެވެ.

ފުރަތަމަ ސާދުނާއާ ބައްދަލުކުރުމަށް ޒަހީން ޚިޔާލުދިނެވެ. އެހެންކަމުން، އެގޮތަށް އެއްބަސްވެ، ސާދުނާއާ ބައްދަލުކުރަން ދާން ނިންމި ކަމުގައިވިޔަސް، އެއީ ސާދުނާ އޮފީހުގައި އުޅޭނޭ ވަގުތަށްވުމުން، އެކަންވެސް ޖެހުނީ ފަސްކުރާށެވެ.

އެހެންކަމުން، ހިތް ނުތަނަވަސްވެ ހާސްވެފައިވާ ޙާލުގައި އަދުހަމް ފުރަތަމަ ދިޔައީ ގެއަށެވެ. ކޮޓަރިއަށްވަދެ، ކޮޓަރިތެރެ ތަރުތީބު ކުރަންހުރި މާއިޝާއާވެސް އަނގައިންވެސް ނުބުނެ އެނދުގައި އޮށޯތެވެ.

[އަދޫ....ހާދަ ފިކުރުބޮޑުވެފައި....] މާއިޝާ އައިސް އެނދުގެ މަގަތުގައި އިށީނދެލަމުން ބުންޏެވެ. ނަމަވެސް، އަދުހަމް އަނގަޔަކުން ނުބުންޏެވެ. ތަކުރާރުކޮށް މާއިޝާ ސުވާލުކުރަން ފެށުމުން ބޭއިޚްތިޔާރުގައި އޭނާއަށް ރުޅިވެސް އާދެވުނެވެ.

[ކިހާބޮޑު ކަމެއް...މިތަނުން ނުކުމެގެންދޭބަލަ....] އަދުހަމްގެ މިޖުމްލައާއެކު މާއިޝާއަށް ނިކަން ފުން އަސަރުތަކެއް ކޮށްފިއެވެ. އޭނާ ކަރުނައިން ފުރިފައިވާ ލޮލަކުން އަދުހަމަށް ބަލަމުން ކޮޓަރިން ނުކުތެވެ. އޭނާއަށް ރޮއިގަނެވުނީ ކޮޓަރިން ނުކުމެވުމާއެކުގައެވެ.

އެދުވަހެވެ. އޮފީސް ނިންމާފައި ޒީހާން ޤަޞްދުކުރީ ރަޙްމަތްތެރިޔާއަށް ލަމްހާ ތަޢާރަފްކޮށްދިނުމަށްޓަކައި ލަމްހާމެންގެ ގެއަށް ވަދެލާފައި ގެޔަށްދާށެވެ.

[ނާޒިމް...ހިނގާ ދާން...އަހަރެން ނާޒިމަށް ލަމްހާ ތަޢާރަފްކޮށްދޭނަން....އެކަމަކު ބުނަން، އެގެއަށް ގޮސް ނާޒިމް އަނގަ ގަދަކޮށްގެން ނުވާނެ.] ނާޒިމް ގޮވައިގެން ހެންވޭރު ބަހާރަށް ދިޔުމަށްޓަކައި، ޒީހާން އެރީ ޓެކްސީއަކަށެވެ.

[އަހަރެން ގާތު އަނގަގަދަ ނުކުރާށޭ ތިބުނީ ކީއްވެގެންތަ؟] ޑްރައިވަރު ކާރު ދުއްވާލުމާއެކު ނާޒިމް އެއްސެވެ.

[ނާޒިމް ގޮސް އަހާފާނެވިއްޔަ.....މީހޭ ލަމްހާއަކީ. އަހަރެންގެ ވާންއުޅޭ....އަކީ.....އެހެން އަހައިފިއްޔާ މުޅިން އަހަރެން ފަޟީޙަތްވީނު.] ޒީހާން ހީގަތެވެ.

[ޒީހާން ތިއުޅެނީ ކިހިނެއް ލޯބި ހޯދަންތަ؟ ޒީހާން ލޯބިވާކަން އޭނައަށް އަންގައިގެންނުވޭ...ވަރަށް ހެއްވާ....] ނާޒިމް ބޯހޫރާލިއެވެ.

[ފުރަތަމަ ފެންނައިރަކަށް ލޯބިވެޔޭ ބުނާކަށް ނުވާނޭ...ނާޒިމް ހާދަ ތަޖްރިބާއެއްނެތޭ...އެނގޭތަ، ފުރަތަމަ ލޯބި ފާޅުކުރަންޖެހޭނީ ޢަމަލުން....އެއަށްފަހު، ދެން ބަލާނީ އޭނަގެ ޢަމަލާއި އަހަރެންގެ ޢަމަލު ދިމާވޭތޯ...ދިމާވެއްޖެއްޔާ، ދެން އެވީ ބަހުން ލޯބި ހުށަހަޅަން....އޭރަކުން ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނޯންނާނެ....] މަޑުން ހުއްޓަސް ޒީހާންގެ ތަޖްރިބާ ރަނގަޅެވެ. އެހެންކަމުން، ނާޒިމްގެ އަނގަ ބަންދުވިއެވެ.

[ކީއްވެ އަނގައިން ނުބުނެ ތިއިންނަނީ.....އަނގަ ބަންދުވީދޯ....] ޒީހާން ގާތަށް ހިނިއައެވެ.

ޒީހާނަށް މިހެން ބުނެވުނު ވަގުތު ކާރު އައިސް ދެމީހުންގެ މަންޒިލަށް މަޑުކޮށްފިއެވެ. ޒީހާން ދިހަރުފިޔާގެ ނޫޓެއް ޑްރައިވަރަށް ދިނުމަށްފަހު ކާރުން ފޭބިއެވެ.

[ޒީހާން ތިބުނާފަދަ ރީތިކަން ފެނި އަހަރެންވެސް ހިތް ކިޔާފާނެކަންނޭނގެ...ބިރެއްނުގަނޭތަ އަހަރެން ހިތްކިޔާފާނެތީ.] ޒީހާނާ ދިމާކުރަމުން، ޒީހާންގެ ފަހަތުން ނާޒިމް އެގެއަށް ވަނެވެ.

ބޮޑު ކޮޓަރީގައި ލަމްހާއާއި އޭނާގެ ބައްޕައާއި މަންމަގެ އިތުރުން ރަޙްމަތްތެރިޔާ ސާދުނާވެސް އިނެވެ. ޒީހާން ވަނުމާއެކު، އެންމެންގެ މޫނުމަތީގެ ކުލަވަރު އަލިވެގެންދިޔައެވެ.

[ދެކުދިންވެސް އައިސް އިށީނދޭ....] ޒައިނަބް ތެދުވެ، ސޯފާއިން ޒީހާނާއި ނާޒިމަށް ތަން ދެއްކިއެވެ. ނާޒިމް، އެ ސޯފާގެ އަނެއްކޮޅުގައި އިން ލަމްހާއަށް ބަލައިލިއެވެ.

އެހިނދު އޭނާގެ ހިތަށްއެރިއެވެ. ޒީހާން ބުނީ ރަނގަޅަށެވެ. ލަމްހާއަކީ ރީތި ހުސްކޮށްފައިވާ އަންހެން ކުއްޖެކެވެ.

[ޒީހާން، މިގެއަށް ތިހާ ގިނައިން އަންނައިރުވެސް ޒީހާންގެ ޢާއިލާއާ ބެހޭގޮތުން (ތަޢާރަފެއް) އެއްވެސްވަރަކަށް ކިޔައެއް ނުދެމެއްނު....] ލަމްހާގެ ރީތިކަމާއި ފުރިހަމަކަމަށް ވިސްނި، އެޚިޔާލުގައި އިން ނާޒިމްވެސް ސިހުނީ ކުއްލިއަކަށް ލަމްހާގެ ބައްޕަ ޖާވީދު ވާހަކަ ދައްކަން ފެށީމައެވެ. އޭނާ ވާހަކަ ދެއްކީ ޒީހާނާއެވެ.

[އަޅުގަނޑުގެ މަންމައަކީ ހެންވޭރު މަސްޓް ޒުހުރާ އާދަމް. އަޅުގަނޑުގެ މަންމަގެ ނުހުންނާނެ އިތުރު ކުއްޖަކުވެސް. އަޅުގަނޑުގެ ބައްޕަ އަޅުގަނޑެއް ނުދަންނަން. މަންމަ އަޅުގަނޑަށް ބަލިވެއިނީއްސުރެން ވިހެއުމަށްފަހު ގަދަވެ، އަޅުގަނޑުގެ ޢުމުރުން އަށްއަހަރު ފުރެންދެން އުޅުނީ އައްޑޫގައި. މަންމަ ގާތު އަޅުގަނޑު ވަރަށް ގިނައިން ބައްޕަގެ ވާހަކަ އަހަން. އަބަދުވެސް މަންމަ ދެނީ އެއް ޖަވާބެއް...ބައްޕަ އެބައުޅެޔޭ. އެއީ މިރަށު މީހެކޭ. ބައްޕަ އަދި އަހަންނާ ދިމާވާނޭ.] ޒީހާން އިސްޖެހިއެވެ. ޒީހާންގެ މިޖުމްލައިން ޖާވީދުގެ ދެލޯ ބޮޑުވެ، އަނގަވެސް ތައްމިނަށް ހުޅުވުނެވެ.

ވާހަކަ ދެއްކިއިރު ޒީހާން ހުރީ ރަނގަޅަށް ޖާވީދަށް ވަމުންދިޔަގޮތް ބަލަހައްޓައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން