ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަނީ ފުލުހުންގެ ޤާނޫނަށް ގެންނަ އިސްލާހަކުން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ ނަން އިއްވާ ބޭރުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ޤާނޫނަށް ގެންނަ އިސްލާހުތަކަކުން ކޮމިޝަންޑް އޮފިސަރުންތަކެއް މަޤާމުން ވަކިކުރުމަކީ ތާޢީދުކުރައްވާކަމެއް ނޫންކަމަށެވެ. އަދި ބަޔަކު މަސައްކަތްކުރަމުންދަނީ ފުލުހުންގެ އިސް މަޤާމްތަކަށް ވަކި ބަޔަކު ގެންނަންކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ މިއަދުގެ ޖަލްސާގައި އޭނާގެ ނަން އިއްވާ ބޭރުކޮށްލީ، ފުލުހުންގެ ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް ތާޢީދުނުކުރާނެކަމަށް ވިދާޅުވުމުންކަމަށެވެ. އަދި އެހެން ބުނުމުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އޭނާއާ ޒުވާބުކުރަން ފެއްޓެވިކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ބަދަލު ހިފުމަށް ތާ އަބަދު މަސައްކަތް ކުރުމަކީ އޭނާ ޤަބޫލުކުރަށްވާ ކަމެއް ނޫންކަމަށެވެ.

މަޖިލިސް ތެރޭގައި ފުލުހުންގެ ވާހަކަތަކާއި 7 ފެބްރުއަރީގެ ވާހަކަތައް ގިނަވެފައި މިވަނީ، ފުލުހުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކެއްގެ ސަބަބުންނެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ 7 ފެބްރުއަރީ 2012 ގައި ފުލުހުން ވަނީ އަމުރަށް ނުކިޔަމެންތެރިވެފައި ކަމަށެވެ. އަދި އެއީ ނުވާކަމެއްކަމަށް ހަދައިގެން ފުލުހުންގެ ޤާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން