ރިސޯޓްތަކުގެ އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މިޕްރޮގްރާމަކީ ރިސޯޓުތަކުގައި ނަމާދުކުރާނެ އިމާމުން ނެތުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މިއަދު ފެށި ޕްރޮގްރާމްގައި 85 ރިސޯޓަކުން 169 ފަރާތެއް ބައިވެރިވެއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު ހުރި ތަނެއްގައި ހުންނަވައިގެން ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން ރިސޯޓްތަކުގައި މުދިމުން ނެތުމުގެ ދަތިކަމަށް ހައްލެއް ލިބޭނެކަމަށެވެ. އަދި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާ، ހުކުރު އަދި ތަރާވީސް ނަމާދުވެސް ހިމެނޭ ގޮތަށް މި ޕްރޮގްރާމް ކުރިއަށްގެންދާތީ މިނިސްޓަރ މައުސޫމް ވަނީ އިސްލާމިކް މިނިސްޓަރއަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދު ފެށި ޕްރޮގްރާމް ރޯދަމަހުގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، ޕްރޮގްރާމް ނިންމިކަމުގެ ހަނދާނީ ލިޔުން ލިބޭނީ ހުރިހާ ސެޝަންތަކެއް ފުރިހަމަ ކުރުމުންކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވިއެވެ. އަދި ލިޔުން ލިބޭ ފަރާތްތަކަށް އިތުރު ހުއްދައަކާ ނުލާ ހުރިހާ ރިސޯޓްތަކެއްގައި އިމާމުކަން ކުރެވޭނެކަމަށްވެސް މިނިސްޓަރ ޒާހިރު ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދަތުރުފަތުރުގެ ދަތިކަމާއި ވިއްސާރަ ދުވަސްދުވަހު އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ދިމާވާ ދަތިތަކުގެ ސަބަބުން ރިސޯޓުތަކަށް މުދިމުން ގެންދިއުމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން