މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދަނީ
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދަނީ
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައުގެ ތެރޭގައި ގޭގައި ބައިތިއްބައިގެން ފަރުވާ ދެވޭގޮތަށް ކޮމިއުނިޓީ ބޭސްޑް ޓްރީޓްމަންޓް މޮޑެލެއް ތައްޔާރުކޮށް އަންނަ އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ޕައިލެޓް ޕްރޮޖެކްޓްތަކެއް ހިންގުމަށް ނިއްމައިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ކޯނޑިނޭޓަރ މުހަންމަދު ސޮބްރީ ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ގޭގައި ބައިތިއްބައިގެން މުޖުތަމައުގެ އެއްބާރުލުމާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އެ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ޓްރީޓްމަންޓް މޮޑެލް އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އޭގެ ޕައިލެޓް ޕްރޮޖެކްޓްތައް ފެށިގެންދާނެ ކަމަށް ސޮބްރީ ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓް ފެށީމަ މި ވާގޮތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މާލެއަށް އައިސް މި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ، މުޖުތަމައު ތަކުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި މެދު ދެކޭގޮތް ބަދަލުވެގެންދާނެ، ސައިކޯ ސަޕޯޓް ދީގެން އެކަނި މަސްތުވާތަކެތިން ސާފުކުރުން ނޫނީ މަސްތުވާތަކެއްޗާއި ނުލާ އުޅެވޭނެ ޑައިރެކްޝަނަށް ނުދެވޭ، އޭގެ އިތުރުން އެބަ ބޭނުންވޭ އާއިލާގެ އެއްބާރުލުން މުޖުތަމައުގެ އެއްބާރުލުން، ވަޒީފާގެ ފުރުސަތުތައް" ސޮބްރީ ވިދާޅުވިއެވެ.

މީގެ އިތުރުން ސޮބްރީ ވިދާޅުވީ، މާލޭގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން މަަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން ފަރުކޮޅު ފުށީގައި ޑިޓޮކްސިފިކޭޝަން ސެންޓަރުގައި އިއްޔެ ރެއާ ހަމަޔަށް 8 މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، ކ. ހިންމަފުއްޓަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 12 އަންހެނަކު ގެންދިޔުމުގެ މެޑިކަލް ކަންތައްތަކާއި އިދާރީ ކަންތައްތައް ހަމަޖެއްސުމުގެ އިންތިޒާމް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން ސޮބްރީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މެތަޑެންސް މެއިންޓަނަސް ބޭހާއި އެފަދަ އެހެނިހެން ބޭސްތަކެއް އަންނަ އަހަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ބޭހުން ފަރުވާ ކުރަމުން މުޖުތަމައު ތެރޭގަޔާއި ވަޒީފާގެ މާހައުލުގައި އުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއޭގެ ކައުންސިލަރ ހައްވާ ޒިމްނާ ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ އަށް މާލެ ގެންނަ ފަރާތްތަކުން މާލޭގައި ތިބުމަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ތިބޭނެ ތަނުގެ ޚަރަދުތަކާއި ކެއުމުގެ ޚަރަދުތައް ބަލަހައްޓައި އެހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރުމަށް އަތޮޅު ތެރޭގައި އެންޑީއޭގެ ސެންޓަރުތަކެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެންޑީއޭގައި އެކަށީގެންވާ ތަމްރީން ލިބިފައި ތިބި މުވައްޒަފުން ނެތުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މާލޭޕގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުން ކަމަށާއި މި މީހުންނަށް ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއެކު ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން