ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް
ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް
ބިން ހިއްކާފައިވާ ރަށްރަށުން އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ބިން ގަނެވޭނެ އުސޫލެއް އެކުލަވާލާފައިވާކަމަށާއި އެފުރުސަތު ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ، ބަންޑާރަ އިން ހިލޭ ބިންކޮޅެެއްދޭ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ބިމުގެ ކޮންމެވެސް މިންވަރެއް އެ ރަށުގެ ރައްޔިތުން ނޫން އެހެން ރަށްރަށުގެ ރައްޔިތުންނަށް ވިއްކޭނެ އުސޫލެއް ގާއިމްކުރަންޖެހޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ، އެކަމަށް ތާއިދުކޮށް ވާހަކަ ދައްކާ ހަދާ މެމްބަރުން ވެސް އެބޭފުޅެއްގެ ރަށުން އިންޗިއެއް ވެސް ރަށުން ބޭރުގެ ރައްޔިތަކަށް ދިނުމަށް އިންކާރުކުރައްވާ ކަމަށެވެ.

ބަންޑާރަ ގޯތި ދިނުމަކީ ރާއްޖޭގައި ކުރިއްސުރެ އަމަލުކުރަމުން އަންނަ ގޮތެއް ކަމަށާއި، އެކަން މުޅިން އުވާލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ބިމަކީ ކޮންމެވެސް ވަރަކަށް ވިޔަފާރި ކުރެވޭ އެއްޗަކަށް ހެދުމަށްޓަކައި ރަށުގެ ގޮނޑު ދޮށުން ނެއްޓި އެހެން ރަށުގެ ރައްޔިތުންނަށް ވެސް އެ ރަށުގެ ބިމުގައި ދިރިއުޅެވޭނެ ގޮތް ހަދަން އަޅުގަނޑުމެން އެބަޖެހޭ އެ ވިސްނުން ގެންނަން. އަޅުގަނޑު ހިސާބުޖަހާލިއިރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބިމުގައި އަގު މިހާރު އެބަހުރި، އަސްލުގައި ލިބޭނެ ރަށްރަށް އެބަހުރި. އެރަށްރަށް ހުޅުވާލައިފިކަމުގައިވާނަމަ އެރަށްރަށަށް ވެސް ތަރައްގީ އަންނާނެ، ތަނަވަސް މީހަކު ބިންކޮޅެއް ހިފައިގެން އައިސްފިކަމުގައި ވާނަމަ އޭނަގެ ފަރާތުން ފައިދާ ތަކެއް ކުރާނެ، ރަށް ކުރިއަރައި ދިޔުމުގައި އޭނާ ޝާމިލްވާނެ." އަސްލަމް ވިދާޅުވިއެވެ.



މީގެ އިތުރުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ، ރާއްޖޭގައި ބިން ހުރި ރަށްތަކުން ހުރިހާ ރައްޔިތުންނަށް ވެސް ބިން ގަތުމަށް ހުޅުވާލުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ. އެގޮތަށް ބިން ވިއްކިއްޖެނަމަ ލިބޭނެ ފައިދާތަކުގެ ހިސާބު ވެސް ޖަހާފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ހުންނާނެ ރާއްޖޭގެ ބިން ހުރި މިންވަރު ކަނޑައަޅާފަ، މިވަގުތު ވިއްކޭނެ ބޭސް ރޭޓްވެސް ކަނޑައަޅާފަ އެމަޝްވަރާކޮށްލަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ. އަޅުގަނޑު އެދެން މަޖިލީހުން އެފަދަ ފުރުސަތެއް އަޅުގަނޑަށް ތަނަވަސް ކޮށްދެއްވުމަށް." ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމުގެ މި ހުށައެޅުއްވުމަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މިދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލިސް މެންބަރުންނާއެކު އެބައްދަލުވުން ބާއްވައި ދޭނެ ކަމަށެވެ.

ރާއްޖޭގައި ބަންޑާރަ ގޯތި ދޫކުރުން ނުވަތަ ހިލޭ ރަށުން ބިން ދޫކުރުން ހުއްޓާލަންޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވަކާލާތު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު