ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ނުވަތަ ވެކްސިން ފަންޑިންގ ފޯރުކޮށްދިނުމަށް ކަނޑައަޅާ ޝަރުތުތަކާއެކު ވާންޖެހޭ ހަރުކަށި އެއްބަސްވުމާ އެއްގޮތަށް ރާއްޖެއަށް އަމަލުކުރެވިދާނެ ކަމާއިމެދު ސިއްހީ ތަޖުރިބާކާރުން ސުވާލު އުފައްދައިފިއެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޯވިޑް-19 ވެކްސިން ވަކި ބަޔެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް، ވެކްސިން ބޭނުންވާ ހައިރިސްކު މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ކޮވެކްސް ފެސިލިޓީގައި މިހާތަނަށް އައިއިރު 170 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާއިރު، މުއްސަނދި 70 އަށްވުރެ ގިނަ ގައުމެއް އޭގެ ތެރޭގައި ހިމެނެއެވެ.

ކޮވެކްަސް ފެސިލިޓީގެ ދަށުން ވެކްސިން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާއިރު، ރާއްޖެއިން ކަންތައްތަކަށް އެއްބަސްވާންޖެހެއެވެ.

މި ފެސިލިޓީ އުފެއްދުމުގައި ޑަބްލިޔުއެޗްއޯއާއި ގުޅިގެން މަސައްކަތްކުރާ ގަވީ ވެކްސިންސް އެލަޔަންސްއިން އެކުލަވާލާފައިވާ އެއްބަސްވުމުގައިވާގޮތުން، ވެކްސިން ނުވަތަ ވެކްސިން ފޯރުކޮށްދޭން ހަމަޖައްސާ ފަންޑު ބޭނުންކުރަން ޖެހޭނީ ދެފުއްފެންނަ ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން ވެކްސިން ލިބޭ ގައުމުން، އެވެކްސިން 3 ވަނަ ފަރާތަކަށް ފައިދާވާގޮތަކަށް އެއްވެސް ބަޔަކަށް ދީގެން ނުވާނެއެވެ. އަދި ވެކްސިން ފޯރުކޮށްދޭން ހަމަޖައްސައިދޭ ފަންޑުން މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމްގެ އެއްވެސް ކަމަކަށް ހަރަދުކޮށްގެން ނުވާނެއެވެ. އަދި އެފައިސާ އިން މުދާ އިމްޕޯޓްކުރުމުގެ މަސައްކަތެއް ވެސް ކޮށްގެން ނުވާނެއެވެ.

އެއްބަސްވުމުގައިވާ ގޮތުން ފަންޑުތަކުގެ ފުރިހަމަ އޮޑިޓެއް ވަކި މުއްދަތެއްގެ ތެރޭގައި ހަދަންޖެހޭނެ އެވެ. އަދި ގަވީން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އޮޑިޓް ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސައިދޭންޖެހޭނެއެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއިން ވެކްސިން ހޯދުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވާ އިރު ރާއްޖޭގެ ސިއްހީ ތަޖުރިބާކާރުން ދަނީ ރާއްޖެއަށް މިކަންކަން ތަންފީޒުކުރެވޭނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ.

"އަސްތާ! ކޮވެކްސްއިން ވެކްސިންއަށް އެދޭއިރު މިއޮތީ ވަރުގަދަ އެއްބަސްވުމެއްގާ އަހަރެމެންނަށް ސޮއިކުރުވަން ޖައްސާފަ، މިކަންތައްތައް ދިވެހިރާއްޖެއަށް ވާނެބާ؟"ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ސުވާލު އުފައްދަވާފައި ވެއެވެ.



ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތްކުރަމުންދާއިރު، އެމެރިކާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ މިފެސިލިޓީގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޗައިނާވެސް ހިމެނެއެވެ.  އަދި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ގާތްގަނޑަކަށް ހަމަޖެހިފައިވާކަމަށްވެސް މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ މި ފެސިލިޓީގައި ރާއްޖެ ހިމެނެނީ ވެކްސިން ހިލޭ ލިބޭ ގައުމު ތަކުގެ ތެރޭގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން