ޞާދިރު ޢަލީދީދީ   3 ޑިސެމްބަރު 2020 - 12:14
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 19

...............

[އަޅުގަނޑުގެ މަންމައަކީ ހެންވޭރު މަސްޓް ޒުހުރާ އާދަމް. އަޅުގަނޑުގެ މަންމަގެ ނުހުންނާނެ އިތުރު ކުއްޖަކުވެސް. އަޅުގަނޑުގެ ބައްޕަ އަޅުގަނޑެއް ނުދަންނަން. މަންމަ އަޅުގަނޑަށް ބަލިވެއިނީއްސުރެން ވިހެއުމަށްފަހު ގަދަވެ، އަޅުގަނޑުގެ ޢުމުރުން އަށްއަހަރު ފުރެންދެން އުޅުނީ އައްޑޫގައި. މަންމަ ގާތު އަޅުގަނޑު ވަރަށް ގިނައިން ބައްޕަގެ ވާހަކަ އަހަން. އަބަދުވެސް މަންމަ ދެނީ އެއް ޖަވާބެއް...ބައްޕަ އެބައުޅެޔޭ. އެއީ މިރަށު މީހެކޭ. ބައްޕަ އަދި އަހަންނާ ދިމާވާނޭ.] ޒީހާން އިސްޖެހިއެވެ. ޒީހާންގެ މިޖުމްލައިން ޖާވީދުގެ ދެލޯ ބޮޑުވެ، އަނގަވެސް ތައްމިނަށް ހުޅުވުނެވެ.

ވާހަކަ ދެއްކިއިރު ޒީހާން ހުރީ ރަނގަޅަށް ޖާވީދަށް ވަމުންދިޔަގޮތް ބަލަހައްޓައިގެންނެވެ.

[ލަމްހާގެ ބައްޕާ....އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ޙަޤީޤަތް އެނގުމުން، ލަމްހާގެ ބައްޕައާއި މަންމަ ބޭނުމެއް ނުވާނެކަން އަޅުގަނޑު މިގެއަށް ވަދެ އުޅެންވެސް....އަޅުގަނޑު ވަރަށް ބޭނުން ލަމްހާއާއެކު ޙަޔާތުގެ ބައިވެރިއެއްގެ ގޮތުން ދިރިއުޅުން ޙިއްޞާކުރަން.] ސީދާ ޖާވީދުގެ މޫނަށް ބަލަން އިނދެގެން ޒީހާން ބުންޏެވެ. ޖާވީދަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް ޖެހީހެންނެވެ.

[ނޫން...ދަރިފުޅާ، ދުވަހަކުވެސް ތިކަމެއް ނުވާނެ. ލަމްހާގެ ބައްޕައޭ ނުކިޔާ...ބައްޕައޭ ކިޔާ...ޒައިނަބް...އަހަންނަށް މަޢާފްކުރޭ....ދަރިފުޅާ ޒީހާން...ދަރިފުޅުވެސް މި ބައްޕައަށް މަޢާފްކުރޭ....ދަރިފުޅު ހޯދަން އުޅޭ ބައްޕައަކީ މިއީ....ލަމްހާއަކީ ދަރިފުޅުގެ އެއްބަފާ ކޮއްކޮ.....] ޖާވީދަށް ރޮވުނެވެ. އެންމެންވެސް ތިބީ ޙައިރާންކަމާއެކު ޖާވީދާއި ޒީހާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

[އަހަރެންގެ މަޤްޞަދު ޙާޞިލްވެއްޖެ. މިގެއަށް ފުރަތަމަ އައިއިރުވެސް ތީ އަހަރެންގެ ބައްޕަކަމާއި، ލަމްހާއަކީ ކޮއްކޮކަން އަހަރެން ދެނަހުރިން. އަހަރެން ކައިވެނީގެ ވާހަކަ މިދެއްކީވެސް ބައްޕަލައްވާ އެންމެންގެ ކުރިމަތީގައި ތިވާހަކަ ދެއްކުމުގެ މަޤްޞަދުގައި..... ކޮއްކޯ ....އެދުވަހު މަގުމަތިން ދިމާވިއިރުވެސް ބޭބެއަށް އެނގޭ، ތީ މިބޭބެގެ އެއްބަފާ ކޮއްކޮކަން....] ޒީހާން ލަމްހާގެ ބޮލުގައި ފިރުމާލިއެވެ. އޭރު ލަމްހާއަށްވަނީ އުފަލުން ރޮވިފައެވެ.

[ބޭބޭ....އަހަރެން ވަރަށް އުފާވެއްޖެ....ވަރަށް އުފާވެއްޖެ....] ލަމްހާ ޒީހާންގެ ކޮނޑުގައި ބޯއަޅާލިއެވެ.

ކުއްލިއަކަށް ޢާއިލާއަށް މެމްބަރަކު އުފަންވުމުން، ޒައިނަބް ހުރީ މުޅިއަކުން ހިތްހަމަޖެހިފައެއް ނޫނެވެ. ނަމަވެސް، އޭނާ އެކަމެއް ލަމްހާއާއި ޒީހާންގެ ކުރިމަތީގައި ފާޅުކުރާކަށް ބޭނުމެއް ނޫނެވެ.

ޖާވީދު އޭނާގެ އިތުރު ދަރިއަކު ހުރިކަން އޭނާއަށް ސިއްރުކޮށްފައިވުމީ، ޖާވީދުކުރި ކުށަކަށްވިޔަސް، އެކުށުގެ ސަޒާ ޒީހާނަށްދޭކަށް ޒައިނަބް ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ އެވަގުތު މޫނުމަތިން އުފާވެރިކަން ފާޅުކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

ނަމަވެސް، ޒައިނަބްގެ މޫނުމަތިން ފާޅުވެ ފެންނަމުންދަނީ ޙަޤީޤީ އުފާވެރިކަމެއް ނޫންކަން އެނގޭތީ، ޖާވީދު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެކަނިވާއިރަށް އޭނާއަށް ރޯޅި އަންނާނެކަން އޭނާއަށް އެނގެއެވެ. އޭނައަކީ ޒައިނަބްނަމަ، އޭނާވެސް ހިތްހަމަނުޖެހޭނެކަން އޭނާއަށް ޤަބޫލުކުރެވެއެވެ. ރުޅި އައިސްގެން ރުޅިބޭލުމުގެ ފުރިހަމަ ޙައްޤު މިއަދު ޒައިނަބަށް ލިބިފައިވެއެވެ.

ނާޒިމް ގާތުވެސް ބުނެނުލާ ޒީހާން ހިންގި ވަރުގަދަ ކަންތައްގަނޑެއްގެ ސަބަބުން ނާޒިމްވެސް ހުރީ ޙައިރާންވެ އަންތަރީސްވެފައެވެ.

[އަހަރެން ހަމަ ޢަޖައިބުވެއްޖެ، ޒީހާންގެ ކުޅަދާނަކަން ފެނިފައި. ޒީހާންގެ ތިހާ ވަރުގަދަ ސިކުނޑިއެއްވާނެ ކަމަކަށް އަހަރެން ހިއެއްނުކުރަން...] ޙައިރާންވެފައި ހުރި ނާޒިމް، ޒީހާނަށް ތަޢުރީފް ކުރިއެވެ.

[އަހަރެން ފަދައިން ބަދުނަޞީބު ޙާލުގައި ދުނިޔެއަށް އުފަންވެފައި ތިބޭ ކުދިންނަށްވެސް ކެރިގެން ކުރިމަތިލައިފިއްޔާ، ބައްޕަގެ ލޯބި ލިބިދާނެކަން އަހަރެން މި ހާމަކޮށްދިނީ...އަހަރެންގެ މަންމަ އަހަންނަށް މިގެއާއި ބައްޕަ އަދި ލަމްހާ ކޮއްކޮއާއި ލަމްހާ ކޮއްކޮގެ މަންމަ ދެއްކިތާ އަދި ނުވާނެ މަހެއްހާ ދުވަސްވެސް. މަންމަ ގާތު ބުނެފައި އަހަރެން މިމަސައްކަތް ފެށީވެސް.] ޒީހާން ބުންޏެވެ.

[ދަރިފުޅާ...މިއަދުން ފެށިގެން ދަރިފުޅު ހުންނަންވާނީވެސް މިގޭގައި، މިބައްޕަގެ ގާތުގައި. އަޞްލު ދަރިފުޅުގެ މަންމަ ބަލިވެއިންކަން އެނގުމުން، ބައްޕަ އުޅުނިން މަންމަ ހޯދަންވެސް. ބައްޕައަށް މަޢްލޫމާތު ލިބުނީ ދަރިފުޅުގެ މަންމަ ރާއްޖެތެރެއަށް ފުރައިގެންދިޔަ ވާހަކަ.] މިހާރު ޖާވީދު އެހުރީ އުފާވެފައެވެ.

[ނޫނޭ...ބައްޕާ....އަހަރެން މަންމައާއެކު މަންމަގެ ގޭގައި ހުންނާނަން....އަހަރެން މިގެއަށް އައީމަ މަޞްލަޙަތުވެސް ރަނގަޅެއް ނުވާނެ. އަހަންނާއި ކޮއްކޮއަށް ގުޅިގެން އުޅެވޭނެ. އެކަމަކު އަހަރެން ދެކެން މަންމަ މިގެއަށް އަންނަން ވެއްޖެއްޔާ، ޢާއިލާގެ އުފާފާގަތިކަން ބޮއްސުންލާފާނެ....އެކަމަކު...އަހަރެން އެދެނީ އަހަރެންގެ މަންމައާއި ކޮއްކޮގެ މަންމައާ ދެމީހުންވެސް ނިކަން ގުޅިގެން އުޅުން.] ޒީހާން ޒައިނަބްގެ މޫނަށް ބަލައިލިއެވެ. ޒައިނަބް ހިނިތުންވެލިއެވެ.

[ޒީހާން...ދެން ހިނގާ ދާން...] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނާޒިމް ބުންޏެވެ. އޭރުވެސް ލަމްހާ އިނީ ޒީހާންގެ ކޮނޑުގައި ބޯއަޅައިގެންނެވެ.

ސާދުނާއަށް ގުޅަން އުޅެއުޅެ ނުގުޅިގެން އަދުހަމް ސީދާ ލަމްހާގެ ގެއަށްް އައީ އެވަގުތުއެވެ. ފެނުނު މަންޒަރާއެކު އަދުހަމަށް ދޮރުމަތީގައި ހުއްޓެވިއްޖެއެވެ. އޭނާއަށް ފެނުނީ ލަމްހާ އޭނާ ނުދަންނަ ފިރިހެނެއްގެ ކޮނޑުގައި ބޯއަޅާލައިގެން އިންދައެވެ. ފަހަރެއްގައިވެސް އެއީ އޭނާ ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ.

ވުމާއެކު، އެތެރެއަށް ވަންނާކަށް އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. އޭނާ ނުކުތީ ބޭރަށެވެ. ދެން އޭނާ ދިޔައީ ޝިޔާޒްގެ ގެއަށެވެ.

އޭރު ޝިޔާޒް ފެންވަރައިގެން ނުކުންނަނީއެވެ.

[އަނހަ، މާނުވަގުތެއްގައި ކިހިނެއްވީ؟] ކުއްލިއަކަށް އަދުހަމް އައިސް ވަނުމުން ޝިޔާޒް އެއްސެވެ.

[ނިކަން އަވަހަށް އައިސްބަލަ.] އަދުހަމް ހުރީ ހިތް އަވަސްވެފައެވެ.

[ކިހިނެއްވީ؟ މާ ހާސްވެފައި ތިހުރީ؟] ޝިޔާޒް އަވަސްގޮތަކަށް ރީތިވެލައިގެން އަދުހަމްގެ ފަހަތުން ނުކުތެވެ.

[ހިނގާބަލަ އަހަންނާއެކު...] އަދުހަމް އޭނާގެ ސައިކަލަށް އެރިއެވެ. ސައިކަލްގެ ފަހަތަށް ޝިޔާޒް އެރިއެވެ. ސައިކަލް ދުއްވާލުމަށްފަހު، އަދުހަމް ހުރިހާ ވާހަކައެއް ރަޙްމަތްތެރިޔާއަށް ކިޔައިދިނެވެ.

[ހަމަ ތެދެއް...ދެން އަދުހަމް ކިހިނެއް ހަދާނީ؟] ޝިޔާޒްވެސް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ.

[ހަމަގައިމުވެސް އަދިވެސް އަހަރެން ލޯބިވަނީ ލަމްހާދެކެ....ލަމްހާއަށް އެހީވާން އަހަރެން ބޭނުން...] އަދުހަމް ސައިކަލް މަޑުކޮށްލިއެވެ.

[ކިތަންމެ ލޯބިވިޔަސް، މާއިޝާ ދޫކޮށްލާފައި، ނުކުޅެދޭ ކުއްޖަކާއެކު ދިރިއުޅުން ޙިއްޞާކުރާކަށް އަހަންނަކަށް ނުފެނޭ.] ޝިޔާޒް ބުންޏެވެ.

[އޭނަގެ ނުކުޅެދުންތެރި ކަމަކީ އަހަރެންގެ ލޯތްބަށް އެޅޭ ހުރަހެއް ނޫން....އަހަރެން....ކިތަންމެ ލޯބިވިޔަސް، އަހަންނަށް ހީވަނީ މިހާރު އޭނާގެ ޚިޔާލު ބަދަލުވެއްޖެހެން...މިއަދު އަހަރެން އެގެއަށް ވަންނަން ދިމާކުރި ވަގުތު، އެ ފެނުނީ އެފަދަ މަންޒަރެއް....] އަދުހަމް ފެންކަޅިވިއެވެ.

[އެކަމަކު ޒަހީން ބުނި އަދިވެސް އޭނަ އަހަރެންދެކެ ވަރަށް ލޯބިވެޔޭ....އެހެން މީހަކަށް ނޭނގުނަސް، ޝިޔާޒަށް އެނގޭނެ، އަހަރެން ލަމްހާދެކެ ލޯބިވާ މިންވަރު....]

މާޒީގެ އުފާވެރި ދުވަސްތައް އަދުހަމްގެ ހަނދާނަށް އަންނަން ފެށިއެވެ. އޭނާއާ ލަމްހާގެ ލޯބީގެ ދައުރުގައި އުޅުނު އުފާވެރި ދުވަސްތަކުގެ އެންމެ ހިތްގައިމު މަންޒަރުތައް، އޭނާގެ ޚިޔާލީ ސްކްރީނަށް ސިފަވަމުންދިޔައެވެ.

[އަހަރެން ލަމްހާއަށް ގުޅަންވެސް ހާދަ މަސައްކަތެއް ކޮށްފީމޭ. ފޯން އޮފްކޮށްގެން އުޅެނީ.] އަދުހަމް ބުންޏެވެ.

[އަދިވެސް ޓްރައިކޮށްބަލަ....] ޝިޔާޒް ބުންޏެވެ. އަދުހަމް އަނެއްކާވެސް ލަމްހާއާ ގުޅޭތޯ މަސައްކަތް ކޮށްފިއެވެ. މިފަހަރުވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެހެންކަމުން، އަދުހަމް އެދުނީ، އޭނާއާއެކު ލަމްހާމެން ގެއަށް ދިޔުމަށެވެ. ނަމަވެސް، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ، ޝިޔާޒް އެގެއަށްދާކަށް އެއްބަހެއް ނުވިއެވެ. އޭނާ ބުނީ ފުރަތަމަ މާއިޝާއާ ދޭތެރޭ ގޮތެއް ނިންމުމަށެވެ. އެއީވެސް ލޯތްބަކަށްޓަކައި ފިދާވާ އަންހެނެއް ކަމަށް ބުނެ، ނަޞޭޙަތްތެރިވަމުންނެވެ.

[ތިހުރީ ލޯތްބަށްޓަކައި އަދުހަމްވާވަރު. ދެން ވިސްނާލަބަލަ، މާއިޝާ ފަކީރަށްވާނެގޮތް. އެއީ އަންހެނެއް....] ޝިޔާޒް އުޅުނީ އަދުހަމަށް ވިސްނައިދޭށެވެ.

[އަހަންނަށްވެސް އެނގޭ، މާއިޝާ އަހަރެންދެކެ ލޯބިވާކަން. އުނދޯލިވެސް ހެއްލެނީ ދެއަތަށް...އަހަރެންވެސް ވަރަށް މަސައްކަތް ކުރިން، އޭނަދެކެ ލޯބިވެވޭތޯ....އެކަމަކު...އަހަރެންގެ ހިތަކުން ލަމްހާގެ ލޯބި ފަނޑެއްނުވި....] އަދުހަމް ބޯހޫރާލިއެވެ.

[އަދުހަމް....ތިގޮތަށް ނުވިސްނަބަލަ...މާއިޝާއަކީ ދޫކޮށްލާވަރުގެ ކުއްޖެއް ނޫން...އަދުހަމް މާއިޝާއަށް ދެރައެއްދީގެން ނުވާނެ.] ޝިޔާޒް ބުންޏެވެ.

[ތިހާ ހެޔޮއެދެންޏާ، މާއިޝާގެ ހިތްހަމަޖައްސައިދޭން ޝިޔާޒް އުޅޭ....] އަދުހަމް ގާތަށް ކޮންމެވެސްވަރަކަށް ރުޅިއައެވެ. އެހާ އަވަހަށް ރުޅި އިސްުމަކީ، މީގެކުރިން އޭނާގެ ޠަބީޢަތެއް ނޫނެވެ. ނަމަވެސް، ފަހަކަށްއައިސް އޭނާގެ ރަނގަޅު އާދަތައްވަނީ ބަދަލުވާން ފަށާފައެވެ.

މިހާރަކަށް އައިސް ކިތަންމެ ކުޑަކަމެއްގައިވެސް ޝިޔާޒަށް ރުޅި އިސްކުރެވެއެވެ. އެކަން އެންމެ ގާތުން ބަލަމުންދާ އެކަކީ ޝިޔާޒް ކަމަށްވާތީ، އޭނާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

[އަހަންނަށް ކުރެވޭނޭނަމަ، ހަމަގައިމުވެސް އަހަރެން އޭނަގެ ހިތްހަމަޖައްސައިދިނީމުސް. އޭނަ އަދުހަމްގެ ލޯބި ހޯދަން ކިހާ ކެތްކުރޭ އެބަ....] ދެންވެސް ޝިޔާޒް، މާއިޝާއަށް ތަޢުރީފް ކުރިއެވެ.

[އަހަންނަށްވެސް ކުރެވޭނަމަ އަހަރެން މާއިޝާގެ ހިތްހަމަޖައްސައިދިނީމުސް. އެކަމަކު އަހަރެންގެ ހިތާ ދެކޮޅަށް ކިހިނެއްތަ އަހަރެން އެކަން ކުރާނީ....ނުވާނެ...އަމުދުން މިހާރަކު ނުވާނެ...ލަމްހާ އަހަންނަށްޓަކައި ފިދާވޭވެހުއްޓާ، މާއިޝާއާ ކައިވެނި ކުރެވުނީތީވެސް މިހާރު ދެރަވޭ.....] އަދުހަމް ފުން ނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން