ރާއްޖޭގައި މިހާރު ހިންގާ ބައެއް ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ މާފިއާ އުސޫލުންކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ހަސަން އަފީފް މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުޅިވަރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުންނެވެ.

ހަސަން އަފީފް ވިދާޅުވީ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށްދަނީ ޤަބޫލުކުރެވޭ އުސޫލަކުން ނޫންކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބައެއް ޖަމުޢިއްޔާ، ކްލަބްތަކުގެ ހިންގާ ކޮމިޓީތައް ޤާނޫނާއި ހިލާފަށް ބަދަލުކޮށްފައި އެބަހުރިކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަފީފް ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމަށް މުއައްސަސާތަކަށް ހުށަހެޅުމުން މައްސަލަ ބެލޭ ތަން ނުފެންނަކަމަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންގެ ގޮތުގައި އެތައް މެމްބަރުންނެއް ތިބޭއިރުގައި، މަދު ކްލަބްތަކަކަށް ފުރުޞަތު މިދެނީ ވޯޓް ދިނުމަށް، މިއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން. ބައެއް ކްލަބްތަކުގެ ހިންގާ ކޮމިޓީ ބަދަލުކޮށްފައި އެބައޮތް ވަގު ސޮއެކޮށްގެން. މީހުންގެ ވަގު ސޮއެކޮށްގެން ނޭގި އެބަހުރި ބަދަލުކޮށްފައި، މިކަންތައްތައް ބެލެން އެބަޖެހޭ. މިކަންކަން ބަލަން މުއައްސަސާތަކަށް ހުށަހެޅުމުން އެކަންކަން ކުރިއަށްނުދާތީ އެއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ބައެއް އެސޯސިއޭޝަންތައް ހިންގަނީ މާފިއާ އުސޫލުންކަމަށާއި، އެތަންތަނަށް ލިބޭ ފައިސާވެސް ވަންނަނީ މީސްމީހުންގެ ޖީބަށްކަމަށެވެ. އަދި އެފަދަ ފަންޑުތައް ބޭނުންކޮށްގެން ކުޅިވަރު އިންތިކާބުތަކަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް އަފީފް ތުހުމަތުކުރެއްވިއެވެ.

"ކުޅިވަރުގެ ތެރޭގައި މިހާރު މިއޮންނަނީ މާފިއާ އުފައްދާފައި. މިމީހުންގެ އެންމެ ބޮޑު ބޭނުމަކީ ބޭރުގެ ފަރާތްތަކުން އެ ލިބޭ ފައިސާގެ ބޭނުންކުރުން. އެސޯސިއޭޝަންގެ ބަޖެޓަކަށްވެސް ނޫން، ސަރުކާރުގެ ބަޖެޓަކަށްވެސް ނޫން އެފައިސާ ދަނީ. އެތާނގައި ހިންގާ ކޮމިޓީގައި ތިބޭ މީހުންގެ ޖީބަށް އެފައިސާ ވަންނަނީ. އަދި އެފައިސާ ބޭނުންކޮށްގެން އެމީހުން ވޯޓު ގަނެގެން އަބަދުވެސް އެތާނގައި ތިބުމުގެ މަސައްކަތްތަކެއް ކުރެވެމުންދަނީ. ކުޅިވަރަށް އަންނަ އިސްލާހެއް ނެތް، ކުޅިވަރަށް އަންނަ ތަރައްޤީއެއް ނެތް. ރާއްޖޭގެ އެންމެ މަޤްބޫލް ކުޅިވަރު، ފުޓްބޯޅައިގެ ހާލަތަކީ ކޮބައިތޯ؟ ކޮންބައެއްތޯ (ދަނޑަށް) އެތަނަން ވަންނަނީ ކުޅިވަރު ބަލަން. ކޮން ކްލަބްތަކަކުންތޯ އެތަނުގައި އުޅެނީ." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކުޅިވަރާއިބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަންޖެހޭކަމަށާއި، އެސޯސިއޭޝަންތަކުގެ އިންތިހާބު ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދަންޖެހޭކަމަށެވެ.

"އެހެންވީމަ މިއިސްލާހުގައި، ހާއްސަ ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުން މިކަންކަން ކުރުމަށް އަޅުގަނޑު ތާއީދުކުރަން. އެބޭފުޅުން އެވިދާޅުވަނީ ރާއްޖެ ސަސްޕެންޑްކޮށްފާނެއޭ. މިރާއްޖެއެއް ނޫން ސަސްޕެންޑްކުރާނީ، އެތާނގައި ތިއްބެވި ބޭފުޅުން ސަސްޕެންޑްކުރާނީ." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކުޅިވަރުގައި ވިޔަފާރި އުސޫލުން ކަންތައްތަކެއް ކުރެވޭނެ އުސޫލުތަކެއް ޤާއިމްކުރަންޖެހޭކަމަށާއި ސްޕޯޓްސް ކޯޕަރޭޝަންވެސް އަމިއްލައަށް ހިންގޭނެ ގޮތެއް ހޯދަން އެބަޖެހޭކަމަށެވެ. ނަމަވެސް އެކަންކަން ކުރުމަށް އެސޯސިއޭޝަންތަކުގައި ވަކި ހިއްޕާލައިގެން އުޅޭ ފަރާތްތައް އެތަންތަނުން ދުރުކުރަންޖެހޭކަމަށް މެންބަރި ވިދާޅުވިއެވެ.

"ފައިސާ ހޯދޭނެ ގޮތްތައް އެބަހުރި. ކުޅިވަރުތައް ތަރައްޤީކުރެވޭނެ ގޮތްތައް އެބަހުރި. އަޅުގަނޑުމެންނަށް އެމާކެޓް ކުރެވޭނެ ގޮތްތައް އެބަހުރި. މިކަންކަން ކުރުމަށްޓަކައި ކޮންމެހެންވެސް އަޅުގަނޑުމެން މިޤާނޫނު އިސްލާޙުކުރަންޖެހޭ. ކުޅިވަރުތަކުގައި ވަކި ހިއްޕާލައިގެން އެތަންތަން ދޫނުކުރަން މަސައްކަރްކުރާ މީހުން އެބަޖެހޭ އެތަންތަނުން ދުރުކުރަން، ކުޅިވަރުތައް ކުރިއެރުވުމަށް އެބަޖެހޭ މަސައްކަތްކުރަން. މިކަންކަން ކުރަން އުޅެގެން ރާއްޖެ ސަސްޕެންޑެއް ނުކުރާނެ." އަފީފް ވިދާޅުވިއެވެ.



ސަރުކާރުން ކުޅިވަރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ފާހަގަކުރެއްވީ މައިގަނޑު ގޮތެއްގައި އެއް ނުކުތާތަކެކެވެ. އެގޮތުން ބައެއް އެސޯސިއޭޝަންތަކުގައި ވަކި ބައެއްގެ ނުފޫޒު ބޮޑުވުމާއި، އެތަންތަން ކޮރަޕްޓްވެފައިވާ ވާހަކައެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން ކުރައްވާ ތުހުމަތުތައް އެސޯސިއޭޝަންތަކުން ދަނީ ދޮގުކުރަމުންނެވެ. ކުޅިވަރު އެސޯސިއޭޝަން ތަކުން ތުހުމަތު ކުރާ ގޮތުގައި އެމްޑީޕީގެ ބައެއް މެންބަރުން ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރަށްވަނީ ބައެއް އެސޯސިއޭޝަން ތަކަށް އެމީހުން ބޭނުންވާ ބަޔަކު ވައްދައި އެތަންތަން ސިޔާސީ ކުރުމުގެ މަގުޞަދުގައި ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ ސިޔާސީ މީހުން ކުޅިވަރު އެސޯސިއޭޝަން ތަކަށް ވަދެ ކުޅިވަރު ސިޔާސީ ނުކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޢަހްމަދު

05-Dec-2020

ޙަސަން ލަތީފް ތި ބިލް ހުށަހެޅީ އޭނަ ބޭނުންވި ބަޔަކު ޓޓ އެސޯސިއޭށަނަށް ނުގެނެވުނީމަ... ކޯރޓަށް ގޮސްގެންވެސް އެކަމެއްނުވި



ޓްރެންޑިން