ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ، މުސްތޮފާބެއަކީ ވަކި ބޭފުޅެއްގެ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއްނެތި ވަރަށް ސާފުކޮިށް ބައެއް ފަހަރު ތަންކޮޅެއް "ބާޒާރު" ބަހުރުވައިންވެސް ވާހަކަދައްކަވާ ބޭފުޅެކެވެ. އެހާލަތެއްގައި ވިދާޅުވާން ޖެހޭ އެއްޗެއް ފަސްނުޖެހި އަބަދުވެސް ވިދާޅުވެއެވެ. ރައްޔިތުންނާއި ހަމައަށް ބޮޑެތި މައްސަލަތައް އަބަދުވެސް ތިލަކޮށްލައެވެ. ގިނަ ފަހަރު ވާހަކަތައް ހުންނާނީ އަޑެއް ކީއްޔާ ރެނދެއްލާނެއޭ ބުނާހެންނެވެ. ޓްވިޓަރގައި ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުސްތަފާބެ މިފަހަކަށް އައިސް އަބަދުވެސް ދައްކަވާ އެއްވާހަކައަކީ "ފަލަމަޑި" ވަޒީރެއްގެ ވާހަކައެވެ. އެވާހަކަ މާގިނައަކުން ދައްކަވަމުންދާތީ އެކަމުގެ ހަގީގަތް ހޯދާލުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އުފެދުނީއެވެ.

މުސްތަފާބެ ވިދާޅުވާގޮތުން "ފަލަމަޑި" ވަޒީރަކީ ކޮރަޕްޓް ވަޒީރެކެވެ. ސަރުކާރުން ހިންގަމުންދާކަމަށް ބުނާ ވައްކަމުގެ މުގުލުގައި ހުރީ ފަލަމަޑި ވަޒީރުކަމަށް މުސްތަފާބެ ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މުސްތަފާބެ މިފަހަކުން ކުރާ ކޮންމެ ދެޓްވީޓުން އެއްޓްވީޓެއްގައި އެނަން އާދެއެވެ. މިހާރު ދެން މީހަކާ ބައްދަލުވެ ގޮވާލާއިރުވެސް އޮޅިގެން ކިޔޭނީ ފަލަމަޑި ވަޒީރުއޭ ކަމަށް ބެލެވެއެވެ. ނިދީގައިވެސް އެވާހަކަ ދެއްކޭ ވަރަށް މުސްތަފާބޭ ފަލަަމަޑި ވަޒީރުގެ ވާހަކަ އެބަ ދައްކަވައެވެ.

މަޖިލީހުން ބަޖެޓް ފާސްވުމާއެކު މުސްތަފާބެ ވިދާޅުވީ، "ފަލަމަޑި ވަޒީރު ވައްކަންކުރަން އޮތް 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްވެއްޖެކަމަށެވެ. އަދި މިބަޖެޓުން 2 ޔޮޓާއި މަސް ދޯންޏަކާއި ރިސޯޓެއް ކާލާނެކަމަށާއި، ރައްޔިތުންނަށް އޮތީ ކުނިގޮނޑު ހޮވުންކަމަށް" ވެސް މުސްތަފާބެ ވިދާޅުވިއެވެ.

މުސްތަފާބެ މިދައްކަވާ ވާހަކައަކީ މިއީއެވެ. އަމިއްލަ ބާލިހަށް ބަންޑާރަ ކަފަ ލައްވާ ވާހަކައެވެ. އަތުގައި ހޭކޭ އެއްޗެއް އެބުނާ ފަލަމަޑި ވަޒީރަކު ހުންނަވާނީ ދަތުގައި ވެސް ހާކާލައިގެން ކަމަށެވެ.



މުސްތަފާބެ ވިދާޅުވީ މިފަހަރުގެ ބަޖެޓުން ފަލަމަޑި ވަޒީރު 292 މިލިއަން "ދިރުވާލަން" ނިންމާފައިވާކަމަށެވެ.



ފަލަމަޑި ވަޒީރަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން މުސްތަފާބެ ވިދާޅުވީ، ވެންޓިލޭޓަރތައް ކާލުމަށްފަހު، އެމައްސަލަ ނުބެލުމަށްވެސް އަމިއްލައަށް ނިންމެވީ ފަލަމަޑި ވަޒީރުކަމަށެވެ. މިހާވަރުން ދެން މީހަކު ނުބުންޏަސް މުސްތަފާބެގެ ފަލަމަޑި ވަޒީރަކީ ކޮބައިކަން އެނގިދާނެ ކަމަށް ޔަގީން ކުރެވެއެވެ. އެކަމަކު އަދިވެސް މައްސަލައަކީ މުސްތަފާބެއަށް އެބުނާ ވަޒީރެއް ފަލަމަޑި ވަޒީރަކަށް ވީގޮތެވެ. އަދިވެސް ކުޑަތަންކޮޅެއް ކުރިއަށް ވަޑައިގަންނަވާށެވެ.

" ވެންޓިލޭޓަރތައް ކާލައިގެން ހުރި ފަލަމަޑި ވަޒީރު އެ ހުރީ އެއީ ބަލައިގެން ނުވާނެ މައްސަލައެއްކަމަށް އޭނާ އަމިއްލައަށް ނިންމައިގެން. އެއީ މިބަޖެޓް އިން ބަންނަން އޮތް ޔޮޓާއި ގައްދޫގައި އަޅަމުންދާ ގެސްޓްހައުސްއާ އިތުރު ރިސޯޓްގެ މަސައްކަތް ނިމެންދެން." މުސްތަފާބެ ވިދާޅުވިއެވެ.



މުސްތަފާ ވިދާޅުވީ އިންސާފުވެރިކަމާއެކު ތަހުޤީޤްކޮށްފިނަމަ ފަލަމަޑި ވަޒީރުގެ ގިނަ މައްސަލަތަކެއް ފެންނާނެކަމަށެވެ. އަދި އެކަންކަމުގައި އޭނާއަށް 50 އަހަރުގެ ހުކުމެއް އަންނާނެކަން ޔަޤީންކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.



ފަލަމަޑި ވަޒީރުގެ ބާރުގަދަކަން ހާމަކުރައްވަމުން މުސްތަފާބެ ވިދާޅުވީ، އޭނާ މަޤާމުން ވަކިކުރުމަކީ ނުކުރެވޭނެކަމެއްކަމަށެވެ. އަދި އޭނާ މަޤާމުން ވަކިނުކޮށް މިސަރުކާރު ނުހިންގޭނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

ކޮންމެއަކަސް އެބުނާ ފަލަމަޑި ވަޒީރާއި ގުޅޭގޮތުން މުސްތަފާބެ ތަފާތު ތުހުމަތުތައް ކުރައްވަމުންދާއިރު، އެކަންކަން ކޮންމެހެންވެސް ބަލަންޖެހެއެވެ. ދައުލަތުގެ ބަޖެޓުން ވަޒީރަކު ވައްކަންކުރާކަމަށް މަޖިލީހުގެ ކުރީގެ މެމްބަރަކު ވިދާޅުވާނަމަ އެކަންކަން ތަހުޤީޤްވެސް ކުރަންޖެހެއެވެ. އެހެންނޫންނަމަ ފަލަމަޑި ވަޒީރުގެ އިސްތަށިފުޅުގައި އަބަދު އޮންނާނީ ވައްކަމުގެ ތުހުމަތު އެޅިފައެވެ. ނުކުރިޔަސް ކުރިޔސް މެއެވެ. ނުކުރަންޏާ ނޫނީ ކުރިއަސް ފަޅާ އަރަންޏާ ބުނެވޭވީ "ނުބީހެންޏާ ކަނޑާ ހަމައޭ" އެވެ. ފުންކުރަން ޖެހޭނީ ބީހުނީމަތާއެވެ.

މިހާތަނުން ވެސް މުސްތަފާބެ އަސްލު ވާހަކައިގެ ހަގީގަތެއް މާ ސާފެއް ނުވެއެވެ. ދައްކަވަނީ ވަޒީރަކު ވައްކަން ކުރަށްވާ ވާހަކައެވެ. އެކަމަކު މުސްތަފާބެގެ މިފަދަ ވާހަކަތައް މީހުން ގަބޫލު ނުކުރަނީ މުސްތަފާގެ ކުރު މާޒީ ވަރަށް "ކަޑަކޮށް" ފެންނާން އޮތީމައެވެ. މުސްތަފާބެގެ މިފަދަ ޓްވީޓް ތަކަށް ޖަވާބު ދެއްވާ ބޭފުޅުން ވިދާޅުވަނީ މުސްތަފާބެ އެއުޅުއްވަނީ "ރައްޔިތު އަހަންމަދަށް" ވެގެން ކަމަށެވެ. ރައްޔިތު އަހަންމަދަކީ ކުރީގައި އުޅުއްވި ވަރަށް މަޝްހޫރު ލިއުންތެރިއެކެވެ. އެދުވަސް ވަރަކީ އާންމުކޮށް ގައުމުގައި ހުންނަ މައްސަލަތައް ހައްލު ކުރުމުގެ ނިޔަތުގައި ވެސް އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބޭނުމުގައިވެސް ނޫސްވެރިންނަށް ގަލަން ނުހިންގޭ ސިޔާސީ ވިސްނުމެއްގައި ދޫހަލުވައި ނުލެވޭ ޒަމާނެކެވެ. އޭރު ނޫސްވެރިން ލިޔެ އުޅޭނީ މުޅިންވެސް ސަރުކާރު ޚަބަރެވެ. ފުރާވަޑައިގެންފައި އެނބުރި ވަޑައިގެންނެވި ޚަބަރެވެ. ވިދާޅުވި ޚަބަރެވެ. މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ދުވަސް ވަރެއްގައި ރައްޔިތު އަހަންމަދު ޚިޔާލުފާޅުކުރަން ފެށީ ސަރުކާރުގެ ކަންކަމާ ބެހޭގޮތުންނެވެ. ދެން މާ ބޮޑަށް ޚިޔާލުތައް ފާޅުކޮށް ކޮލަމްތައް ލިޔަން ފެށުމުން ދުވަސްކޮޅެއް ފަހުން އިވުނީ ދެ ރަށެއް ދެއްވި ދެއްވި ވާހަކައެވެ. އެހާހިސާބުން ރައްޔިތު އަހަންމަދު ވެސް ގެއްލުނީއެވެ.

މުސްތަފާބެ އަށްވެސް ވާކަމަށް މީހުން ކިޔާ އުޅެނީ އެފަދަ ގޮތެކެވެ. މުސްތަފާބެ މާ ބޮޑަށް ސަރުކާރަށް އެއްޗެތިގޮވައި އެއުޅެނީ ސަރުކާރުން ކޮންމެވެސް ނާޖާއިޒު ފައިދާއެއް ހޯދަން ވެގެންނެވެ. މާބޮޑަށް ބޭފުޅަކާ ދިމާކޮށްލައިފި ނަމަ އެއުޅުއްވަނީ އެމީހެއްގެ ފަރާތުން ކޮންމެވެސް ރަނގަޅު ކަމެއް ހާސިލު ނުވެގެން ކަމަށް މީހުން ބުނެ އުޅެއެވެ. އެގޮތަށް އަދީބުގެ ރަން ޒަމާނުގައި ވެސް މުސްތަފާވެއަށް ނިކަން "ފަލަކޮށް ބަރުކޮށް" އެތިކޮޅު ލިބުނު ކަމަށް ވެއެވެ. ފޮރުވާން ވެސް ބައެއް ދީފައި ހުރި ކަމަށް ވެއެވެ. ފަހުން އެ އެތިކޮޅު ހޯދަން ދިއުމުން އެވީ ރައްޔިތުންގެ އެއްޗެއްސަށެވެ. އެހެންވީމާ މުސްތަފާބެގެ ފޮށްޓަށްވެސް އެ ހެޔޮވަރުވާނެ ތާއެވެ.

ކޮންމެއަކަށް މުސްތަފާވެ އެ ވިދާޅުވާ ފަލަމަޑި ވަޒީރުގެ ހަގީގަތްވެސް އެނގޭނީ "ބިތުފަންގި" ނެގީމައެވެ. މިގައުމުގެ ސިޔާސީ މައިދާނުގައި ގިނައީ މުޅިންވެސް މުސްތަފާބެއެވެ. ހުސް ހަކުރުދެންޏާ ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނެވެ. އަތުގައި ހޭކެންޏާ ދަތުގައިވެސް ހޭކޭ ބޭފުޅުންނެވެ. ނުބީހެންޏާ ކަނޑާ ހަމައޭ ވިދާޅުވެ އަމިއްލަ ބޮޑުފޮށްޓަށް، ގެއަށް، އެކައުންޓަށް ކަހާލާ ބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު


12

ނަޒިއްޓޭ

05-Dec-2020

މިއީ މިހާތަނަށް 2007 ކުންފެށިގެން ނޫހެއްގައި ލިޔުނު އެންމެ ދެފުއް ފެންނަގޮތަށް ލިޔުންތެެރިޔަކު ލިޔުނު ލިޔުން.މިނިވަން ނިއުސް ގައާއި މިނިވަން ރޭޑިއޯގެ ޓެކްނިކަލް މަސައްކަތް އަދި ރާއްޖޭގެ ޕްރައިވެޓް މީޑިއާތަކަށް ހުއްދަ ދިނުމަށް އެދި 2007 ގަ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހު ސަރުކާރަށް ގޮވާލާ ކުރި އެިހްތިޖާޖްގެ ބަިވެރިއެއްގެ ހައިސިއްޔަތުން ސާބަސަ ދެން މި ލިޔުމަށް


0

ކެކެކެ

05-Dec-2020

ފުރިހަމަ ލިއުމެއް. ފަލަމަޑި ވަޒީރު,, ރީލޯޑު ވަޒީރު,, ފަހަރި ވަޒީރު, ދަގަނޑު ޖަނގިޔާ ވަޒީރު, ފްލެޓް ކާ ވަޒީރު, ހާދަ ފައްކާ ވަޒީރުންނޭ މިއުޅުއްވަނީ.



ޓްރެންޑިން