މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިއްމައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ދެއްވި ޚިޠާބުގައި ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށްވުރެ ހަމަހަމަ ފުރުޞަތުތަކާއި، އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމަޢުން ދެވޭ ސަމާލުކަން އިތުރުވެފައިވީނަމަވެސް މުޖުތަމައުގައި ހަވާސާވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާގޮތުގައި ޝާމިލުވެއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ހުރިކަން އެކަމަނާގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ. މިނިސްޓަރު އާއިޝަތު މުޙައްމަދުދީދީގެ ޚިތާބުގައި ވިދާޅުވީ، މިއީ މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އިތުރަށް މަސައްކަތް ކުރަންޖެހިފައިވާ ދާއިރާއެއްކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ، އަދި މިއީ ރާއްޖޭގައި ޤާއިމުކުރާ މިފަދަ ފުރަތަމަ ސެންޓަރަށްވެގެންދާނެކަމަށެވެ.

"މިއީ ރާއްޖޭގައި މިގޮތަށް ބިނާވެގެންދާނެ ފުރަތަމަ ސެންޓަރު. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ތަނަކަށް ވެގެންދާނެކަން ކަށަވަރު." ޖެންޑަރ މިނިސްޓަރުގެ ޚިތާބުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ޖެންޑަރ މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަރާތްތަކުގެ ޢާއިލާތަކަށްވެސް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެކަންކަމަށް ހައްލު ހޯދައިދިނުމަށް ބޭނުންވާ އެކަށީގެންވާ ނިޒާމްތައް އެކުލަވާލެވިފައިވާ ކަމަށާއި، މި ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އޭޕްރީލްމަހުން ފެށިގެން ކުރަމުންދާ ކަން ޖެންޑަރ މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 3 ވަނަ ދުވަހެވެ. ދުވަހާގުޅިގެން އދ. ގެ ފަރާތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ބިލްޑިންގ ބެކް ބެޓަރ، ޓުވޯޑް ޑިސެބިލިޓީ، އިންކްލޫސިވް، އެކްސެސެބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓް ކޯވިޑް-19 ވޯލްޑް" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން