ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ސަރުކާރުން މިހާރު ދޭ އިނާޔަތަކީ އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާވަރުގެ އިނާޔަތެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ސަރުކާރުން މިހާރު ދެމުން ގެންދަނީ 2000 ރުފިޔާގެ އިނާޔަތެކެވެ. ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ދޭ އިނާޔަތަކީ އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާވަރުގެ އިނާޔަތެއް ނޫން ކަމަށް ބުނެ އެ އަދަދު އިތުރުކުރަން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ނުވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ވީ އެންމެ އަވަހަކަށް އެކަންކުރުމަށް ވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮވިޑް-19 ގައި ހައިރިސްކު މީހުން ކަމަށާއި، އެފަދަ މީހުންނަށް އެކަމާ ގުޅިގެން ދޭ މައުލޫމާތުތައް ރަނގަޅަށް ނުދެވުމުގެ ފުރުސަތު ވެސް އޮންނާތީ އެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންވެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތަކަށް ވާސިލްވެވޭނެ ފަސޭހަ މަގެއް ހޯދައިދިނުން މުހިންމު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެެވެ.

އެގޮތުން ދަތުރުފަތުރު ކުރުމާއި، ތަންތަނަށް ވަދެ ނިކުމެ އުޅުމާއި ހިނގާބިނގާވެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަށް އެޗްއާރްސީއެމުން ދައުލަތަށް ގޮވާލާފައި ވެއެވެ. މީގެ އިތުރަށް ދައުލަތުުގެ ބެލުމުގެ ދަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ކޮމިޝަނުން ހުށަހެޅި ކަންކަން ތަންފީޒު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން