ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހާއްސަ ޕްލޭނެއް އަންނަ އަހަރަށް އެކުލަވާލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

ލ. ގަމަށް ވަޑައިގެން ހައްދުންމަތީގައި ކުރިއަށްގެންދިޔަ 3 މަޝްރޫޢު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ޞާލިހް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ހާއްސަ ޕްލޭނެއް އަންނަ އަހަރަށް އެކުލަވާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ސަރުކާރުން މިކަމަށް އެކުލަވައިލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވަރކްތައް އޮޕްރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ. މަސްތުވާތަކެތީގެ މައްސަލަތައް ޝަރީޢަތުން އަވަސްކުރުމަކީވެސް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު ބައިތަކެއް." ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އާއިލާތަކާއެކު ދިރިއުޅުމުގެ ފުރުސަތުނެތި މަގުމަތިވެފައިވާ ޒުވާނުން، އަނބުރާ މުޖުތަމައުއަށް ގެނައުމަކީ މިއަދު ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އެތައް އަހަރެއް ވެގެން ދިޔައިރުވެސް އަޅާނުލެވި ހައްލު ނުކުރެވި އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން. ސަރުކާރުން މި އަންނަނީ، މިފަދަ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ބިނާކުރަނިވި މަސައްކަތެއްގެ ގޮތުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އަންނަ އަހަރު މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަލުގައި މަސްތުވާ ތަކެތީގެ ނެޓްވޯކްތައް އޮޕްރޭޓް ކުރުން ހުއްޓުވުމާ ކުޑަކުދިންނަށް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން