ދިވެހި ފުލުހުންނަށް ލީތަލް ހަތިޔާރު ނުދިނުމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

އަސްކަރީ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން ރިޓަޔަޑް އަލީ އިހުސާން ވިދާޅުވީ ރާއްޖެއަކީ އާބާދީ މަދު، އަދި ހަތިޔާރު ގެންގުޅުން މަނާ ގައުމެއްކަމަށެވެ. މިފަދަ ގައުމެއްގެ މަދަނީ މުއައްސަސާއަކަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނުދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން އާދޭހާއެކު ދަންނަވާކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މިކަމުން ކުރާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެކަމަށެވެ.

"ދިވެހި ރާއްޖެފަދަ ކުޑަ، އާބާދީ މަދު، އާންމުން ހަތިޔާރު ގެންގުޅުން މަނާ ގައުމެއްގައި މަދަނީ މުއައްސަސާއަކަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުގައި އާދޭހާއެކު ދަންނަވަން." އިހުސާން ވިދާޅުވެފައި ވެއެވެ.

އިހުސާން ވިދާޅުވީ މިހާރު ހުރި ގާނޫނީ އިމުގެ ތެރޭގައިވެސް ފުލުހުންނަށް ލީތަލް ހަތިޔާރު ބޭނުންވާ ހާލަތުގައި އަސްކަރިއްޔާ މެދުވެރިކޮށް އެ ހާލަތުގައި ބޭނުންވާ ލީތަލް ހަތިޔާރު ފޯރުކޮށްދޭ ކަމަށެވެ.

ފުލުހުންނަށް ލީތަލް ހަތިޔާރު ނުދިނުމަށް ގޮވާލާފައި މިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެންނަ އިސްލާހުގައި ލީތަލް ހަތިޔާރު ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ބިލު ދިރާސާ ކުރަމުންދިޔަ ކޮމިޓީން މިހާރު ވަނީ ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން