ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސަރުކާރުގެ އަމާޒަކީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލާމަޒުކަޒުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހައްދުންމަތީގެ ދެ ރަށަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ގަމަށް ވަޑައިގެން، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ކަމަށްޓަކައި ޚާޢްޞަކޮށްފައިވާ ރަސްމިއްޔާތު ބާއްވާފައިވަނީ ގަމު ޒޯން ސްޓޭޑިއަމުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވާފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ގާއިމު ކުރި ސީ.ޓީ. ސްކޭންގެ ޚިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ. ސްކޭންގެ ޚިދުމަތް ފެށުމަކީ ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ގެންނަމުންދާ ބަދަލުތައް ކަމަށެވެ. އެ ގޮތުން، އަމިއްލަ ރަށުގައި ތިބެ، ނުވަތަ އަތޮޅުގައި ތިބެ، ސީ.ޓީ. ސްކޭންގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު މިއަދު ފަހިކޮށްދެވިފައިވާ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވިވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން، އޯ.ޕީ.ޑީ.ގައި އިތުރު ކޮޓަރި ބިނާކުރުމުގެ އިތުރުން ޑިޖިޓަލް އެކްސްރޭއާއި، މެމޯގްރާމްއާއި، ދަތުގެ ފަރުވާ އަދި ފިޒިއޯތެރަޕީ ފަދަ ޚިދުމަތްތައް ގާއިމުކޮށް، ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހޮސްޕިޓަލަށް ގެނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ތަކެތި ބަހައްޓާ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދާ ކަމަށެވެ. އަދި، އެ ތަނަށް ބޭނުންވާ ޑޮކްޓަރުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޞިއްޙީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލ.ގަމުގައި ކެންސަރަށް ފަރުވާދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކަމާގުޅޭ ލިޔެކިޔުންތައް ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބަދަލުކުރެވި، އެ ކަމާގުޅޭ މަޝްވަރާތައް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން އުފެދެމުންދާ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫޢުތަކާއެކު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، އެ މީހުންގެ އަމިއްލަ ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ތަނަވަސް ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށެވެ.އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

މިއަދު އިފްތިތާޙުކުރެވުނު ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމުގެ ޚިދުމަތާމެދު ރައީސް ވިދާޅުވީ، އެއީ ގަމުގެ ރައްޔިތުންނަށް ގިނަ މަންފާތަކެއް ކުރާނެ ޚިދުމަތެއް ކަމަށެވެ. އަދި، މިއީ ތިމާވެށީގެ ގޮތުންނާއި ޚަރަދުގެ ގޮތުން ބަލާއިރު ވެސް ވަރަށް ރަނގަޅު ބަދަލުތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ޚިދުމަތާއެކު ގަމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ޙައްލުވެގެންދާނެ ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށެވެ.މި ރަސްމިއްޔާތު ބޭއްވި ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއީ ފީފާގެ މިންގަނޑުތަކަށް ފެތޭގޮތަށް ބިނާކޮށްފައިވާ ދަނޑެއްކަން ފާހަގަކުރައްވާ، ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒުކުރުމުގެ ސިޔާސަތުތަކުގެ ދަށުން ބިނާކުރެވޭ މިފަދަ ދަނޑުތަކާއި އެހެނިހެން ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އަދި، ސަރުކާރުގެ އަމާޒަކީ ގަމާއި ފޮނަދޫ އިޤްތިޞާދީ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުން ކަން ފާހަގަކުރައްވައި ރައީސް ވަނީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ހައްދުންމަތީގެ ތަރައްޤީއަށް ރާވާފައިވާ މުހިންމު އެކިއެކި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށް ވުރެ ބޮޑު ޙިއްޞާއެއް ވެވޭނެ ދެ ޞިނާޢަތަކަށް ހެދުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެ ދެ ޞިނާޢަތުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ރާވާފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.

. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަމުގައި އަލަށް ބިނާކޮށްފައިވާ މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އެ ތަން ބައްލަވައިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން