ކޯވިޑް ވެކްސިނަށް ފައިސާ ދެއްކީ ސަރުކާރުން ނޫންކަމަށާއި އެއީ އެކުވެރި ދައުލަތްތަކުން ދިވެހި ރައްޔިތުންނަށް ދެއްވި އެހީއެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދެއްވާނެކަމަށް ރައީސް ސާލިހު މިިއަދު ވިދާޅުވުމާއި ގުޅިގެނެވެ.

ލ. އަތޮޅުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޯވިޑް-19ގެ ވެކްސިން ދިނުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ، ދިވެހިންނަށް ހިލޭ ވެކްސިން ދެއްވާނެކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅުކަމަށެވެ. ސައީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވެކްސިން ގަތުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އެކުވެރި ބައެއް ގައުމުތަކުން ކަމަށެވެ. އަދި އެއީ އެގައުމުތަކުން ދިވެހިރައްޔިތުންނަށް ދެއްވި އެހީއެއްކަމަށް ސައީދު ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކިޔަވައިގެން ތިބި މީހުންނަށްވާއިރު، މިފަދަ ކަންކަންް އޮޅުވައެއް ނުލެވޭނެ." ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވިއެވެ.

ކޯވިޑް ވެކްސިން ހިލޭ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއިރު، ރާއްޖެއިން ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދަނީ ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށް ސައީދު ވިދާޅުވިއެވެ.

ފެސިލިޓީއަކީ ކޯވިޑް-19 ވެކްސިން ވަކި ބަޔެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް، ވެކްސިން ބޭނުންވާ ހުރިހާ އެންމެންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ކޮވެކްސް ފެސިލިޓީގައި މިހާތަނަށް އައިއިރު 170 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާއިރު، މުއްސަނދި 70 އަށްވުރެ ގިނަ ގައުމެއް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ގާތްގަނޑަކަށް ހަމަޖެހިފައިވާކަމަށްވެސް މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން