ޞާދިރު ޢަލީދީދީ   4 ޑިސެމްބަރު 2020 - 18:25
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 20

...............

[އަހަންނަށް ކުރެވޭނޭނަމަ، ހަމަގައިމުވެސް އަހަރެން އޭނަގެ ހިތްހަމަޖައްސައިދިނީމުސް. އޭނަ އަދުހަމްގެ ލޯބި ހޯދަން ކިހާ ކެތްކުރޭ އެބަ....] ދެންވެސް ޝިޔާޒް، މާއިޝާއަށް ތަޢުރީފް ކުރިއެވެ.

[އަހަންނަށްވެސް ކުރެވޭނަމަ އަހަރެން މާއިޝާގެ ހިތްހަމަޖައްސައިދިނީމުސް. އެކަމަކު އަހަރެންގެ ހިތާ ދެކޮޅަށް ކިހިނެއްތަ އަހަރެން އެކަން ކުރާނީ....ނުވާނެ...އަމުދުން މިހާރަކު ނުވާނެ...ލަމްހާ އަހަންނަށްޓަކައި ފިދާވޭވެހުއްޓާ، މާއިޝާއާ ކައިވެނި ކުރެވުނީތީވެސް މިހާރު ދެރަވޭ.....] އަދުހަމް ފުން ނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ.

[އެކަމަކު ބުނަން އަދުހަމަކަށްވެސް ޙައްޤެއް ނޯންނާނޭ މާއިޝާއާ ދޭތެރޭ ތިގޮތަށް ކަންތައް ކުރާކަށް. ލަމްހާއަކީވެސް އަންހެނެއް. މާއިޝާއަކީވެސް އަންހެނެއް. އަންހެނެއްގެ ހިތުގައި ޖައްސާފަ، ދާން ތިއުޅެނީވެސް އަންހެނެއްގެ ގާތަށް...އަހަންނަކަށް ހިއެއްނުވޭ، އަދުހަމް ތިބަޔާންކުރާވަރުގެ ލޯތްބެއް، މިޒަމާނުގައި އިންސާނެއްގެ ހިތުގައި އަށަގެންފާނެހެނެއް....އަހަންނަށް ޤަބޫލު ކުރެވޭ ގޮތުގައި، ލޯތްބަކީ ޖަޒްބާތަކަށް ކިޔާ ނަމެއް. އެ ޖަޒްބާތަކީ އެކެއްގެ ފަރާތުން އަނެކާއަށް ލިބޭ އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުންވެސް އުފެދިދާނެ އެއްޗެއް. މިބުނީ މިހާރު އަދުހަމްގެ ހިތުގައިވެސް މާއިޝާއަށް މަޤާމެއް ކަށަވަރުވާންވާނެޔޭ....] އަދުހަމްގެ ޙަޤީޤަތް އެނގިހުރެވެސް ޝިޔާޒް ވާހަކަ ދެއްކީ އަދުހަމާ ދެކޮޅަށެވެ.

[ނުވާނެ ތިހެނެއް....ބުނެބަލަ....ހިލަގަނޑަކުން ފެން ނެރެވިދާނެތަ؟ ކިތަންމެ މަސައްކަތް ކުރިޔަސް، އަހަރެންގެ ހިތުގައި އެހެން މީހަކަށްޓަކައި ޖަޒްބާތެއް ނުއުފެދޭނެ....މާއިޝާދެކެ ލޯބިވެވޭތޯ އަހަރެން ހާދަވަރަކަށް މަސައްކަތް ކޮށްފީމޭ....ކީއްކުރާނީ، އަހަންނަށް މާއިޝާވެސް ފެންނަނީ ލަމްހާގެ ސިފައިގައި.] އަދުހަމް ސައިކަލް ދުއްވާލިއެވެ.

އަދުހަމްގެ ކިބައިން ކުރި ނުލިބޭނޭކަން އެނގޭތީ، ޝިޔާޒް އިތުރަކަށް އަދުހަމްގެ ވާހަކައަކާ ދެކޮޅެއް ނެހެދިއެވެ. އެހެން ނަމަވެސް، އޭނާ އިރުޝާދު ދިނީ ފުރަތަަމަ މާއިޝާ ގާތުވެސް އެވާހަކަ ދެއްކުމަށެވެ.

[ކީއްކުރަންތަ އޭނަ ގާތު ބުނަންވީ...އޭނަ އިންކާރު ކުރިޔަސް، އަހަރެން ލަމްހާ އަހަރެންގެ ޙަޔާތަށް ގެންނާނަމޭ.] އަދުހަމް ގެޔާ ދިމާއަށް ސައިކަލް ދުއްވާލިއެވެ.

[އެއީ އަދުހަމްގެ އަނބިމީހާއަށްވީތީ...އެއީވެސް އަދުހަމް ދެކެ ލޯބިވާ އަންބަކަށްވާތީ....އަދުހަމަށް ނޭނގެނީތަ، މާއިޝާގެ ހުއްދަ ނެތިއްޔާ، އަދުހަމަކަށް ދެއަންބަކަށް ލަމްހާއަކާ ނީނދެވޭނެކަން.] ޝިޔާޒް ހަނދާންކޮށްދިނެވެ.

[ނުރުހިއްޖެއްޔާ...މިނިވަންކޮށްލާނީ...ހަމަގައިމުވެސް އަހަރެންގެ ހިތަށް ޙަޤީޤީ ދިރުން އަންނާނީ، ލަމްހާ އަހަރެންގެ ޒަވާޖަށް ގެނެވުމުން....] އަދުހަމަށް މިހެން ބުނެވުނު ވަގުތު ސައިކަލަށް ގެޔާ ހަމައަށް އާދެވިއްޖެއެވެ.

[އަދުހަމް ގެއަށް ވަދޭ...އަހަރެން އަންނާނަން ބާޒާރުމައްޗަށް ޖެހިލާފައި....] އަދުހަމް ސައިކަލް ޕާކްކުރަން އުޅުމުން، ޝިޔާޒް ބުންޏެވެ. އަދުހަމް ސައިކަލުން ފޭބުމަށްފަހު، ތަޅުދަނޑި ޝިޔާޒްގެ އަތަށްދިނެވެ.

ދަނީއޭ ބުނެފައި ޝިޔާޒް ސައިކަލް ދުއްވާލިއެވެ. އޭގެކުރިން، ވިސްނާނުލާ އެއްވެސް ކަމެއް ނުނިންމުމަށް އޭނާ އަދުހަމަށް ނަޞޭޙަތްތެރިވިއެވެ.

އަބަދުވެސް ފިސާނާގެ އިޝާރާތާ ދޭތެރޭ ޒީހާން ވިސްނައެވެ. އޭނާއަށް ފިސާނާގެ އިޝާރާތާއި ޙަރަކާތްތައް ކަމުދޭވެސްމެއެވެ. ނަމަވެސް، ޖަވާބުގެ އިޝާރާތެއް ކުރާކަށް އަދި އޭނާ ބޭނުމެއްނުވެއެވެ. އޭނާއަކީ ކުރާ ކޮންމެ ކަމެއްގައިވެސް ދުރާލާ ވިސްނާ މީހަކަށްވާތީ، އަދިވެސް ފިސާނާގެ ޙަޤީޤަތް ދެނެގަންނަން އޭނާ ބޭނުންވަނީކަންނޭނގެއެވެ.

ފިސާނާއަކީ ހުރިހާ ގޮތަކުންވެސް އޭނާއާ ގުޅޭ ކުއްޖެއް ކަމަށް އެއޮފީހުގެ އެންމެންހެން އިއްތިފާޤުވެއެވެ. ޚުދު ފިސާނާ އަމިއްލައަށްވެސް އެހެން ބުނެއެވެ. އޭނާގެ ހިތުގައި އުފެދި އަށަގަންނަމުންދާ ޒީހާންގެ ލޯބީގެ ޖަޒްބާތުގެ ސަބަބުންނެވެ.

[އަޅެ ހިތަށްއަރާ، އޭނައަށް އަދިވެސް އަހަރެން އޭނަދެކެ ލޯބިވާކަން ނޭނގެނީބާއޭ...އެނގޭނަމަ، ދެން އެއީ ފިރިހެނެއްވިއްޔަ....ވަރިހަމަނުން އަހަންނަށް އިޝާރާތްކޮށްލިޔަސް.] ފިސާނާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނަދީމާއާއެވެ. މާޔޫސްވެފައި ހުރެއެވެ.

[އަހަރެން ޒީހާން ގާތު ބުނެދެންތަ؟ ސިކުނޑީގައި ބުއްދި ނެތް މީހަކަށް އިޝާރާތަކުން ނުފުދޭނެ.] ނަދީމާ ބުންޏެވެ. ޒީހާން ގާތު އެވާހަކަ ދައްކާހިތުން އޭނާ ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

[ނޫން...އަހަރެން އޭނަދެކެ ކިތަންމެ ލޯބިވިޔަސް، ބޮއްކުރާދޮށަށް އޮޑިއެއް ނުކަނބާނަން. އެއީ އަހަރެމެންގެ އާދަކާދައިގައިވެސް ހުތުރު ކަމެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަ ކަމެއް...އޭނަގެ އިޝާރާތެއް ލިބެންދެން އަހަރެން ކެތްކުރާނަން.] ފިސާނާ ބުންޏެވެ.

[ފިސާނާމެން އަދިވެސް ތިއުޅެނީ ދުނިޔޭގެ ހާދަ ފަހަތުގައޭދޯ؟....މިއީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ޒަމާނެކޭ....އަންހެނެއް ކަމަކު ލޯބިވާ މީހަކަށް ލޯބި ހުށަހެޅުމުގައި ކޮން ހުރަހެއް އޮތީ. ހަމަގައިމުވެސް އަހަރެންނަމަ، ފަހެއް ނުޖެހޭނަން. އިހަކަށްރޭ ޓީ.ވީން ލައިވްކުރި ޖަލްސާގައި ރައީސްގެ ޚިޔާލުފުޅުތައް ފާޅުކުރެއްވި އަޑުއެހިންތަ؟] ފިސާނާއާ ޚިލާފަށް ނަދީމާއަކީ ޒަމާނީ ބަދަލުތަކަށް ލޯބިކުރާ އަންހެން ކުއްޖެކެވެ.

[އާނ އަޑުއެހިން. ތިބުނަން އުޅެނީ، ދިވެހިރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް އޮންނަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ހުށަހެޅުއްވި ޚިޔާލުފުޅުގެ ވާހަކައެއްނު. އެރޭ ރައީސް ހުށަހެޅުއްވި ގިނަ ޚިޔާލުފުޅުތަކަށް އަހަރެންވެސް ތާއީދު ކުރަން. އެކަމަކު އަންހެނުންނަށް ރައީސް ކަމަށް ކުރިމަތިލެވުމާއި، ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމަކަށް އަހަންނަކަށް ތާއީދެއް ނުކުރެވޭނެ.] ނަދީމާ ދެއްކި ވާހަކައެއްގެ ސަބަބުން ކުއްލިއަކަށް ފިސާނާގެ މަޥްޟޫޢުވެސް އޮޅުނެވެ.

ފިސާނާގެ ވިސްނުންހުރީ ޤަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ދުރުވިސްނޭ ގިނަ ބަޔެއްގެ ވިސްނުމާ އެއް ސަފެއްގައެވެ. ޙަޤީޤަތުގައިވެސް ރާއްޖެފަދަ މީސްމަދު ކުޑަ ޤައުމެއްގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުން ލިބިދާނެ ފައިދާއަށްވުރެން ލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނުން ބުއްދިވެރިއެވެ.

[މިއީ ދެން ކޮން ވާހަކައެއް. އަހަރެމެން މިފެށި ލޯބީގެ މަޥްޟޫޢު ސިޔާސީ މަޥްޟޫޢަކަށް ބަދަލުވީ...ދެން ތިވާހަކަ ހުއްޓާލާފައި އަދިވެސް ޒީހާންގެ ލޯބި ހޯދޭނެ އެހެން ގޮތެއް ބުނެބަލަ.] ފިސާނާ މަޥްޟޫޢު ބަދަލުކުރިއެވެ.

[އެންމެ ރަނގަޅު. ފިސާ ހިމޭނުން ހުރޭ. އަހަރެން ޒީހާނަށް ވިސްްނޭނެކަހަލަ އިޝާރާތްތަކެއް ކުރާނަން....ހިނގާ ދެން ގެއަށް ދަމާ....] ނަދީމާ ގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

އަދުހަމް ގެއަށް ވަންއިރު، މާއިޝާ އެނދުގައި ދެފައި ދަމާލައިގެން އޮތެވެ. އޮތްގޮތުން ލަފާކުރެވެނީ، ކޮންމެވެސް ކަމަކާ ހިތް ނުތަނަވަސްވެ ފިކުރުކުރަން އޮތްހެނެވެ. ކޮޓަރި ދޮރުމަތީގައި އިރުކޮޅެއް ވަންދެން ހުއްޓި ހުރުމަށްފަހު، އަދުހަމް މާއިޝާގެ މޫނަށް ބަލައިލިއެވެ. އެހިނދު އޭނާގެ ހިތަށްއެރިއެވެ.

[މާއިޝާއަކީވެސް ރީތި ހުރިހާ ސިފަތަކެއްހެން ލިބިފައިވާ އަންހެނެކެވެ. އެ އޯގާތެރި އަންހެން ކުއްޖާދެކެ އަހަންނަށް ލޯބިވެވި ރަޙުމް ނުއުފެދިގެން އުޅެނީ ކީއްވެގެންހެއްޔެވެ؟

[އަދުހަމް....ކޮން ޚިޔާލެއް؟] ކުއްލިއަކަށް ދޮރުމަތީގައި ހުއްޓިހުރި އަދުހަމް ފެނި، މާއިޝާ ފުންމައިގެން ތެދުވެއްޖެއެވެ. އަދުހަމް އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

[މާއިޝާ....] އަދުހަމް އައިސް މާއިޝާގެ ގާތުގައި އިށީނެވެ. މާއިޝާ އަދުހަމްގެ ލޮލަށް ބަލައިލިއެވެ.

އަދުހަމްގެ ލޮލުންނާއި މޫނުމަތިން ފާޅުވަނީ އޭނާގެ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާކަމުގެ އިޝާރާތެވެ. އަދުހަމްގެ ހިމޭންކަމުން މާއިޝާ ހާސްވާން ފެށިއެވެ.

[ކިހިނެއްވީ އަދޫ....ބުނެބަލަ....] މާއިޝާ އަދުހަމްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[މާއިޝާ.....އަހަންނަށް މަޢާފްކުރޭ....] އަދުހަމް އިސްޖަހާލިއެވެ. އަދުހަމްގެ ފަސްޖެހުމުން، މާއިޝާގެ ހާސްކަމާއި ނުތަނަވަސްކަން އިތުރުވިއެވެ. އެހިނދު އޭނާއަށް ބަދުނަޞީބު އިޝާރާތެއް ލިބެން އުޅެނީ ކަމުގައި އޭނާގެ ހިތް އޭނާއަށް އިންޒާރުދޭން ފެށިއެވެ.

[އޭތް މޮޔަޔާ ތިހެން ހިމޭނުން ނުހުރޭ. ތިހެން ހުއްޓާ ލޯބި ބީވެގެން ހިނގައިދާނެ. އަވަހަށް ސުވާލުކޮށް، ވެގެންއުޅޭ ގޮތެއް އޮޅުންފިލުވާ.] ހިތުގެ އަޑުން މާއިޝާގެ ނަފްސަށް ބިރުވެރިކަން ގެނުވިއެވެ. އޭނާ ދެލޯ ބޮޑުކޮށް، އަދުހަމްގެ މޫނަށް ބަލައިލިއެވެ. އޭރުވެސް އަދުހަމް ހުރީ ހިމޭނުންނެވެ.

ހީވާގޮތުން އޭނާ ފަސްޖެހެނީއެވެ. މާއިޝާ، އޭނާދެކެ ލޯބިވާ މިންވަރާއި އެކަމުގެ ސަބަބުން މާއިޝާގެ ހިތަށް ކުރާނެ އަސަރު ތަޞައްވުރު ކުރެވޭތީއެވެ.

[އަދޫ....ކީކޭތަ އަދޫއަށް ނުބުނެވިގެން ތިއުޅެނީ. ބުނެބަލަ....އަޅެ....އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި....] މާއިޝާ އަދުހަމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

[މާއިޝާ....އަހަންނަށް ވިސްނާލަން ވަގުތުކޮޅެއް ދީފައި ގޮސް ފެން ތަށްޓެއް ހިފައިގެން އައިސްބަލަ.] ވަގުތުން ވަގުތަށް ގޮތެއް ނިންމުމުގައި އަދުހަމް ނުކުޅެދުނެވެ.

ހިތްވަރުކޮށްފައި މާއިޝާ ކޮޓަރިން ނުކުތެވެ. އެކުގައި އުޅެވުނު މަދު ދުވަސްތަކުގެ ތެރޭގައި، އޭނާވަނީ އަދުހަމްގެ ބައެއް އާދަތައް ދަސްކޮށްފައެވެ. ފިރިމީހާގެ ގާތަށް ރުޅިއިސްވާނޭފަދަ ކަމެއް ކުރުމަކީ ވަރަށް އޭނާ ކުރަން ބޭނުންނުވާ ކަމެކެވެ. މާއިޝާގެ ހިތުގައި ޖައްސާލުމަށް އަދުހަމް މިހާރު ފަސްޖެހޭ ޖެހުމަކީވެސް އެކަމުގެ ސާބިތު ހެއްކެކެވެ.

މާއިޝާ ކޮޓަރިން ނުކުތުމާއެކު، އަދުހަމް ގޮތެއް ނިންމިއެވެ. މާއިޝާ ފެންތަށި ހިފައިގެން އައިއިރު، އަދުހަމް އިނީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

[މާއިޝާ....އަހަންނަށް މަޢާފްކުރާނޭ ކަމަށް ހީކުރަން.] މާއިޝާ ދިއްކުރި ފެންތަށީގައި ހިފަމުން އަދުހަމް ބުންޏެވެ. ފުން ނޭވަޔަކާއެކު މާއިޝާއަށް ދެލޯ މަރާލެވުނެވެ.

[މާއިޝާ، ބައެއް މީހުން ބުނާތީ އިވޭ، އެކުގައި ގިނަ ދުވަހު އުޅުމުން ލޯބިވެވިދާނޭ....އެކަމަކު....އަހަރެން އެވާހަކަތައް ޤަބޫލުކުރާނީ ކިހިނެއް....] އަދުހަމް މުޅިން ފުރިހަމަނުކޮށް ހުއްޓާލީ، ހިތާމައިގެ އަސަރު ވެރިވަމުންދިޔަ މާއިޝާގެ މޫނު ފެނުނީމައެވެ. ނަމަވެސް، މާއިޝާއަށް އަދުހަމް އެ ބުނަން އުޅެނީ ކީކޭކަން ރަނގަޅަށް އެނގުނެވެ. ވުމާއެކު، އިސާހިތު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ގިނައިރުތަކެއްނުވެ ބަރާވި ކަރުނަތަކުން ކޯތާފަތް ތެމެން ފަށައިފިއެވެ.

[އަހަންނަށް...ވިސްނިއްޖެ...އިތުރަށް ތިވާހަކަ ނުދައްކާ...އަހަރެން މޮޔަވެދާނެ...އަހަރެންގެ ނަޞީބު ކިހާދެރަ. އިންތިޒާރުކޮށްކޮށް ވަރުބަލިވީއިރުވެސް، އުންމީދުކުރި ލޯތްބެއް ނުލިބުނު.] މާއިޝާއަށް ގިސްލެވުނެވެ.

[އަދޫގެ ހިތުން އަހަންނަށް މަޤާމެއް ނުދެވުނީތީ އަދޫ ތި ޤަޞްދުކުރަނީ އަދޫގެ ދިރިއުޅުމުން އަހަރެން ބޭރުކޮށްލަންތަ؟] މާއިޝާ ގިސްލަ ގިސްލާފައި ރޮމުން އެއްސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން