ރައީސް ފުލުހުންނާއި ބައްދަލުކުރައްވަނީ
ރައީސް ފުލުހުންނާއި ބައްދަލުކުރައްވަނީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް ލިބިފައިނުވާފަދަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް އަންނާނެ ހެޔޮ ބަދަލާމެދު އެމް.ޑީ.ޕީން ދެކޭ ގޮތް ހާމަކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާއި ހަމައިގައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއްކަމަށެވެ.

ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އެ ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުންކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުމަކީވެސް މިޤާނޫނުން ކަށަވަރުކޮށްދޭނެކަމެއްކަމަށް އެމްޑީޕީން ހާމަކުރެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަންކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެމް.ޑީ.ޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން މިހެން ބުނި ނަމަވެސް ފުލުހުންގެ ބިލުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް ބުނެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން