މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ އިޚްލާސްތެރި މަަސައްކަތުގައި ޖަމިއްޔަތުއްސަލަފުން އެހީތެރިވުމަކީ ޖަމިއްޔާގެ އަމާޒެއް ކަމަށް އައްޝައިޚް އަބްދުﷲ ބިން އިބްރާހީމް، ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ އެކި މަސައްކަތްތަކާއި ގުޅިގެން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އެކި ދާއިރާތަކުން މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައއިވެރިވުމާއި އެހީތެރިކަމަށް އެދިފައިވާތީ އެކަމަށް އިޝާރަތް ކުރަށްވައެވެ.



ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދި ކޮށްފައިވާ އިޢުލާންގައި ވަނީ ތަފާތު ތިން ދާއިރާއަކުން އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުން ދުރުކޮށް ހޭލުންތެރިކޮށް އަދި ފަރުވާ ދިނުމުގެ ދާއިރާއިން އެހީތެރިކަމަށް އެދިފައި ވެއެވެ.



"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ އިޚްލާސްތެރި މަސައްކަތުގައި ޖަމިއްޔަތުއްސަލަފުން އެހީތެރިވުމަކީ ޖަމިއްޔާގެ އަމާޒެކެވެ. ދިވެހިރާއްޖޭގެ ޒުވާނުންގެ ބޮޑުބައެއް މިވަނީ މަސްތުވާތަކެއްޗާއެކު އާވާރާކަންމަތީގައެވެ. اللهم سلم!" ޝައިޚް ވިދާޅުވެފައިވެއެވެ.



ސަރުކާރުން ވަނީ ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅިގެން މަަސައްކަތްކުރުމަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުން، މަަސައްކަތް ކުރުމަށް ޝައުގުވެރިވާ ދާއިރާ ބަޔާންކޮށް މިހިނގާ ޑިސެމްބަރު 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އެޖެންސީއަށް ސިޓީއަކުން ނުވަތަ މެއިލްއަކުން އެންގުމަށް އެދިފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކަށް އަލިއަޅުއްވާ ލައްވާ ހައްދުންމަތީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޢާއިލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ، އެ ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބުދީގެން ޙައްލުކުރެވޭނެ ކަމެއްނޫން. އެހެންކަމުން، ސަރުކާރުން މި އަންނަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން.” ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިކަމަށް އެކުލަވައިލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވަރކްތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ޝަރީޢަތުން އަވަސްކުރުމަކީވެސް އެ އެކްޝަން ޕްލޭންގެ ވަރަށް މުހިންމު ބައިތަކެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، ލ އަތޮޅު ކަޅައިދޫގައި ޤާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން.” ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން