ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު
ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު
ރައްޔިތުން އަބަދުވެސް ތިބެން ޖެހިފައިވަނީ 3 ވަނަ ދަރަޖައިގައި ކަމަށް ވިދާޅުވެ ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ކަރަންޓީން ކުރުމުގެ އުސޫލްގެ ދަށުން، މާލެއިން ރަށްރަށަށް ދަތުރުކުރާ ރައްޔިތުން އެ ރަށެއްގައި 10 ދުވަސް ކަރަންޓީންގައި މަޑުކުރަން ޖެހެއެވެ. އެހެން ނަަމަވެސް ރަށްރަށަށް ޒިޔާރަތްކުރާ ދަޢުލަތުގެ މަތީ ފެންވަރުގެ ވަފްދުތަކުގެ ބޭފުޅުން ކަރަންޓީން ފުރިހަމަ ކުރަށްވާކަން ނުޖެހެއެވެ.

އެކަމަށް އިޝާރާތް ކުރަށްވައި ދިޔާނާ ވިދާޅުވީ، އަސާސީ ޚިދުމަތްދޭ ފަރާތްތައް ކަރަންޓީނުން އިސްތިސްނާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އިސްތިސްނާގެ ދަށުން ސަރުކާރުގެ ވެރީންގެ ޢާއިލާތައް ދަތުރުކުރަން ހުއްދަ ނުދެވޭނެކަމަށް ދިޔާނާ ވިދާޅުވިއެވެ.

"އުސޫލުތައް އެންމެންގެ މައްޗަށް އެއް ހަމައިން ނުހިނގުމީ ވަރަށް ބޮޑު ދެރައެއް. އަބަދުވެސް ރައްޔިތުން 3 ވަނަ ދަރަޖައިގަ." ދިޔާނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ހަމަޖައްސާފައިވަނީ، ރާއްޖޭން ބޭރުން އަންނަ މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުން 10 ދުވަހަށް ކަރަންޓީން ކުރުމަށެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައި ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސްކަމުގައި އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރުމަށާއި، މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ދަރަޖަ

07-Dec-2020

މުސްކުޅި ފިރިހެނަކާ އިނދެގެން އެއްވަނަ ދަރަޖަ ހޯއްދަވައިގެން ނޫންތޯ ކަމަނާ ތިޔަ ހުންނެވީ. އޭގެ އަނެކެތި ހުންނާނެ ވަޒީރުކަމާ ހަވާލުވެ.



ޓްރެންޑިން