ޞާދިރު ޢަލީދީދީ   6 ޑިސެމްބަރު 2020 - 11:23
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 22

...............

ޙަޤީޤަތުގައި ލަމްހާއަކީ ޒީހާންވެސް ކޮއްކޮއަކު ބޭނުންވެފައި ހުއްޓާ ލިބުނު ކޮއްކޮއަކަށްވުމުން، އޭނާވެސް ލަމްހާދެކެ ނިކަން ލޯބިވެއެވެ.

[މަންމާ...ބޭބެ އަންނަ ގަޑި އަދި ނުޖެހެނީތަ. ބޭބެ ގާތު އަހަރެން އޮންނާނީ ނުރޯން ކަމަށް ވަޢުދުވެފައި. ގަޑިން ކިހާއިރެއްތަ؟] ލަމްހާ ދެލޯ ފޮހެލަމުން އެއްސެވެ.

[ދޭއްޖަހަން ފަސްމިނެޓަށް ވެއްޖެ....ކިހިނެއްވީ، ހާދަ ހިތް އަވަސްވެފައި. ހީވަނީ ލައިނުގަނެގެން އުޅޭ މީހެއްހެން.] އަދުހަމާއި ޝިޔާޒް ވާހަކަ ދައްކަން ތިބީ އޮފީސް ފެންޑާގައެވެ.

[ބުނަން ވާހަކައެއް...މިހާރުދެން ޝިޔާޒަށްޓަކައެއް އަހަންނަކަށް ލޯތްބާ ދުރުގައެއް ނޫޅެވޭނެ....މިހާރު އަހަރެން ނިންމައިފިން، ކޮންމެވެސް އެއްގޮތެއް ޚިޔާރުކުރަން. އަހަރެންގެ ދިރިއުޅުމުގައި ލަމްހާ އެކަނި ޙިއްޞާކުރުން ނުވަތަ މާއިޝާއެކޭ އެއްފަދައިން ލަމްހާވެސް ޙިއްޞާކުރުން. އެގޮތަށް މާއިޝާ ނުރުހެންޏާ، ޖެހޭނީ މާއިޝާއާ ވަކިވާން.] ލަމްހާގެ ޚިޔާލު ހުރިގޮތެއްވެސް ބަލައިނުލާ، އަދުހަމް ގޮތެއް ނިންމިއެވެ. ޝިޔާޒްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

[ކީއްވެ އާގަމަވެފައި ތިހުންނަނީ. ޝިޔާޒް ކޮންމެވެސް އެއްޗެކޭ ބުނެބަލަ.....] އަދުހަމް ޝިޔާޒްގެ ކޮނޑުގައި ޖެހިގަތެވެ.

[ކީކޭތަ އަހަރެން ކިޔާނީ...އެހެން ނޫނަސް، ތީ އަހަރެންގެ ބަހެއް އަޑުއަހާ މީހެއްތަ؟ ދެއަންބަށް މީހުނާ އިނުމަކީ އަހަރެން ރުހޭ ސިފައެއް ނޫން. އަމުދުން އިނދެ ވަރިކުރުމަކީ އަހަރެން ނިކަން ރުޅި އަންނަ ސިފައެއް. އަހަންނަށް ފެންނަނީ، އަދުހަމް ހަމައެކަނި މާއިޝާ އިޚްތިޔާރު ކުރުން.] ޝިޔާޒް މިފަހަރަކުވެސް އަދުހަމްގެ ނިންމުމަކަށް ތާއީދެއް ނުކުރިއެވެ.

[ނުވާނެ ތިކަމެއް. ތިހެންވީއިރު އަހަރެން ބޭނުމީ އެކަނި ލަމްހާ....]

[އަހަންނަށް ހީވަނީ އަދުހަމްގެ ސިކުނޑިއަށް އެންމެ ފުރަތަމަ ބޭސްކުރަން ވެއްޖެހެން. ނިކަން ވިސްނާލަބަލަ، ލަމްހާއާ އިނދެގެން އަދުހަމަށް ލިބޭނީ ކޮން އުފަލެއް. އަހަރެން ހަމަ ޢަޖައިބުވެއްޖައިން. އޭނައަށް އަދުހަމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއް. ދެން މައްސަލައެއް ނެތް، އަހަރެން ތިކަމާ ބަޙުޘް ކުރާކަށް ނެތިން. އަދުހަމް ބޭނުންގޮތަކަށް ނިންމާ....އެކަމަކު ބުނަން،

[ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެފަހަރަކު ދޭހުގައި

ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ ޢުމުރަށް މުޅިން]

ކުރީގެ މަޝްހޫރު ޅެންބައިތަކުން ޝިޔާޒް، އަދުހަމްގެ ޚިޔާލު ބަދަލުކުރެވޭތޯ އުޅުނެވެ.

[ފަހުންވާނެ ގޮތަކަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫން. މިޙާލަތަށް އަހަންނަށް މުހިންމީ ލަމްހާގެ ލޯބި.....] އަދުހަމް މިހެން ބުނެފައި އޮފީހަށް ވަނެވެ. ފަހަތުން ޝިޔާޒް ވަނަސް، އޭނާ އިތުރަކަށް އެ މަޥްޟޫޢަކަށް ވާހަކައެއް ނުދައްކައެވެ.

އެކަމަކު އޭނާގެ ހިތަށްއެރިއެވެ. އަދުހަމް އެ މާނަކުރާފަދަ ލޯތްބެއް، އޭނާގެ ހިތުގައި އަށަނުގެންފިއްޔާ ރަނގަޅެވެ. އެހެން ދިމާވެއްޖެނަމަ، އަދުހަމް ފުށުން އޭނާއަކަށް ފަސޭހައަކުން ސަލާމަތެއް ނުވެވޭނެކަން އެނގެއެވެ.

އެދުވަހު އަދުހަމް ޤަޞްދުކޮށްގެން ހުރީ އޮފީސް ނިންމާފައި ގެއަށްދާ މަގުމަތީގައި ލަމްހާމެން ގެއަށް ވަދެލާށެވެ. ނަމަވެސް، ފަހުން އޭނާގެ ޚިޔާލު ބަދަލުވިއެވެ. ފުރަތަމަ އޭނާ ބޭނުންވަނީ ލަމްހާއަށް ގުޅާލާފައި ޝަކުވާ ކުރާށެވެ. އެހެންކަމުން، އޭނާ އޮފީހަށް ވަދެ ލަމްހާއަށް ގުޅިއެވެ.

[ލަމް...ކީއްވެތަ އަހަންނަށް...އޮޅުވާލީ....އަހަރެން ބޭނުން، ލަމްހާއާ ބައްދަލުކުރަން...] ލަމްހާ ފޯނު ނެގިއަޑު އިވުމާއެކު، އަދުހަމް ވާހަކަ ދައްކަން ފެށިއެވެ.

[އަހަރެން އޮޅުވައެއްނުލަން...އަހަރެން އެހެން ކަންތައްކުރީ، އަހަރެން އަދުހަމާއެކު އުޅެން ބޭނުންނުވާތީ....ފަހަރެއްގައިވެސް އަނބިމީހާގެ ހިތުގައި ޖައްސަން ނުވިސްނާތި.......އަހަރެންގެ ޙާލަތު ފެންނައިރަށް ޔަޤީން، އަދުހަމް ފޫހިވާނެކަން...އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން އަދުހަމެއް....] ރޮވެން ފެށުމުން ލަމްހާ ފޯން ކަނޑާލިއެވެ.

ވީދެރައިން އަދުހަމަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ކިތަންމެ ދެރަވިޔަސް، އޭނާއަކީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް ލަމްހާއަށް ގުޅިއެވެ.

މިފަހަރުވެސް ލަމްހާ ރޮއި އާދޭސްކޮށްފައި އެދުނީ އަދުހަމް އޭނާއަށް ނުގުޅުމަށެވެ. ނަމަވެސް، އަދުހަމް ފޯނެއް ނުބާއްވައެވެ.

[ތިހެން ނުގުޅާށޭ ބުނީމަ، ނުގުޅާ ހުރެވޭތަ؟ އަހަރެން ކައިވެނިކުރީ ލަމްހާ އަހަންނަށް ދިން ހިތްދަތިކަމުން މިންޖުވުމަށްޓަކައި، މަންމައާއި ބައްޕަ ކުރި އާދޭހެއްގެ ސަބަބުން. ލަމްހާއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ، ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން.] އަދުހަމް ފޯނު ބާއްވާކަށް ޤަޞްދެއް ނުކުރެއެވެ.

[އިރެއްގައި އަދުހަމް އަހަރެންދެކެ ލޯބިވިޔަސް، މިހާރަކު ނުވާނެ. އަހަންނާ އިނަސް، އަހަންނަކަށް އަންބެއްގެ ވާޖިބު ފުރިހަމައަކަށް އަދާކޮށެއްނުދެވޭނެ. އެހެން ނޫނަސް، މާއިޝާގެ ހިތުގައި ޖައްސާފައި ލޯބި ޙާޞިލްކުރާކަށް އަހަރެން ބޭނުމެއް ނޫން.] ލަމްހާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[ތިހުރިހާ ވާހަކައަކާއި ބަހަނާތަކެއް ތިދައްކަނީ، ލަމްހާ އަހަރެންދެކެ ލޯބިނުވާތީ...މިހާރު އެނގި ދަސްވެއްޖެ، ކުރިން ލަމްހާ އަހަންނަށް ދެއްކީ ދަޅަތަކެއްކަން.] އަދުހަމް ހިފީ ލަމްހާގެ ބަލިފައިގައެވެ. ލަމްހާ ވަގުތުން ގަނޑުވިކަހަލައެވެ.

[އަދުހަމް...ތިހެން ނުބުނޭ. އަހަރެން އަދުހަމްދެކެ ވަރަށް ލޯބިވޭ....އަދުހަމް ތިހެން ތިބުނަނީ، އަދުހަމަށް ލޯބި ނޭނގޭތީ. އާނ، ލޯބިވުމުގެ މާނައަކީ، ހިތްއެދޭ މީހާ ކޮންމެހެން ޙާޞިލް ކުރުމެއް ނޫން. ހިތްއެދޭ މީހާގެ ޙައްޤުގައި އަމިއްލަ އުފާތައް ޤުރްބާންކޮށްލުމަކީ، ޙަޤީޤީ ލޯބީގެ ކިހާ މަތިވެރި ހެއްކެއް. އަހަރެން ކޮންމެ ފިޔަވަޅެއްވެސް އެޅީ ލޯބީގެ ޙައްޤުގައި. ލޯބިވާ ބައިވެރިޔާއަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި....] ލަމްހާއަށް ގިސްލެވެން ފެށުނެވެ.

[ލަމްހާ ތިހެން ހެދީމާ، އަހަންނަށް ދިރިއުޅުމެއް ލިބޭނެތަ؟ ނުލިބޭނެ. ދުވަހަކުވެސް އަހަންނަށް އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެ. ލަމްހާ ނޫން މީހަކަށް އަހަރެންގެ ހިތުން ޖާގަ ހޯދޭނެނަމަ، މާއިޝާ އަހަރެންގެ ހިތުން މަޤާމެއް ކަށަވަރު ކުރީސް.] އަދުހަމްގެ އަޑުވެސް ވަނީ ހިތާމައިގެ އަސަރުން ބަރުވެފައެވެ.

[އަދުހަމް...ހެޔޮނުވާނެ، އެފަކީރަށް އެހެން ހަދާކަށް. އޭނަދެކެ ލޯބިވެވޭތޯ އަދިވެސް މަސައްކަތްކޮށްބަލަ. އޭނަ އަދުހަމްދެކެ ކިހާ ލޯބިވޭ.....] ހިތާދެކޮޅަށް ނަމަވެސް، ލަމްހާ މާއިޝާއަށް ހަމްދަރުދީވިއެވެ.

[ލަމްހާ އެއަށްވުރެން ބޮޑަށް އަހަރެންދެކެ ލޯބިވަމެއްނު. އަހަރެންދެކެ ލޯބިވާ މީހަކަށްވުރެން އަހަންނަށް ބޮޑަށް މުހިންމީ އަހަރެން ލޯބިވާ، އަހަރެންގެ ހިތްއެދޭ ބައިވެރިޔަކާއެކު ދިރިއުޅުން ޙިއްޞާކުރަން.] އަދުހަމް ދިފާޢުގައި ބުންޏެވެ.

[އެކަމަކު އަދުހަމް، މާއިޝާ ކީއްކުރަން، އެއްވެސް އަންހެނެއްގެ ހިތުގައި ޖައްސާކަށް އަހަންނަކަށް ލާހިކެއް ނޫން. އެއްވެސް މީހެއްގެ އުފާތަކަށް އަރައިގަތުމަކީ އަހަރެންގެ ޠަބީޢަތެއް ނޫން.] މިހެން ބުނެފައި ލަމްހާ އުޅުނީ ފޯން ބާއްވާށެވެ.

[އަދި އަޑުއަހާބަލަ...ކީއްވެތަ ލަމްހާ އަހަންނަށްޓަކައި ހަމްދަރުދީ ނުވަނީ....] އަދުހަމަށް ރޮވޭގޮތްވިއެވެ.

[ހަމްދަރުދީވާތީއެއްނު، އަހަރެން އަމިއްލަ އަތުން އަހަރެންގެ ލޯބި ޤުރްބާންކޮށްލީ....އަހަރެންގެ ހިތަށް ތަދުކުރަން ތިގޮތަށް ގުޅާފަ، ތިކަހަލަ ވާހަކަ ނުދައްކާތި...ދެން ބާއްވަނީ....] ލަމްހާ ފޯން ބޭއްވިއެވެ.

އެ ފޯންކޯލް ނިމުނުތަނާހެން ގުޅީ މާއިޝާއެވެ. މިފަހަރުވެސް މާއިޝާ ލަމްހާ ގާތު ރޮއި އާދޭސް ކުރިއެވެ. އަދުހަމް އޭނާ ދޫކޮށް، ލަމްހާއާ ގުޅިދާނޭހެން ހީވާތީ ބިރު ހީވަނީއެވެ.

[ކޮންކަމަކާތަ ބިރުގަންނަނީ....ނިކަން ހަމަޖެހިގެން އިތުބާރުކޮށްބަލަ.] ޒީހާން ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ފިސާނާއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ފިސާނާގެ ކޮޓަރީގައެވެ.

[އަޅެ....އަހަރެން ހިތަށްއަރަނީ، އެހެން އަންހެން ކުއްޖަކު ޒީހާން ޖަހައިގެންފާނޭ.]

މިއީ ފަހަކަށްއައިސް ދެމަފިރިންގެ ދޭތެރޭގައިވެސް ދިމާވާ މައްސަލައެކެވެ. އެކަކު އަނެކަކަށް އިތުބާރު ނުކުރުމާއި، ޝައްކު ކުރުމަކީ މިހާރު މިމުޖްތަމަޢުގައި އުޅޭ ނުރައްކާތެރި ވައިރެހެކެވެ. ވަރީގެ މައްސަލަތައް ގިނަވާ އެންމެބޮޑު ސަބަބަކީވެސް އެ ވައިރެހެވެ.

ވީމާ، ޒަވާޖީ ޙަޔާތެއް ބާއްޖަވެރި ކުރަންވިޔަސް، ލޯބީގެ ދައުރަށް ފަށައިގެން އުޅޭއިރުވެސް ދެފަރާތުގެ މެދުގައި ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތުމަކީ މުހިންމު ކަމެކެވެ.

އެހެން ނޫނީ މިފަދަ ކޮންމެ ގުޅުމެއްވެސް އިސާހިތު ބޮއްސުންލާނެއެވެ. މިއީ މިހާރުގެ މުޖްތަމަޢު ނިކަން ވިސްނަންވެއްޖެ ކަމެކެވެ.

ޚާއްޞަކޮށް، މަޝްހޫރު ފިރިންގެ އަނބިންނާއި، މަޝްހޫރު އަނބިންގެ ފިރިން، އިސްވެ ދެންނެވުނު ނުކުތާއަށް ވިސްނުން ބުއްދިވެރިއެވެ.

[އަހަރެން ޖަހައިގަތަސް، އަހަރެންގެ ހިތެއް ފިސާނާ ނޫން މީހަކަށް ނުލިބޭނެ. ފިސާ، އަހަރެން އެބަ ވިސްނަން، ވަރަށް އަވަހަށް ކޮއްކޮ ގޮވައިގެން ލަންކާއަށް ދާން.] ޒީހާން ބުންޏެވެ.

[އަޅެ ވަރަށް ދުވަސްވާނެތަ އެކޮޅުގައި.] ފިސާނާ އެއްސެވެ.

[ކޮއްކޮގެ ފައިގެ އޮޕަރޭޝަން ނިމުނުހާ އަވަހަކަށް އަހަރެމެން އަންނާނަން. ފިސާ ކަންބޮޑުނުވެބަލަ، އަހަންނަކީ ފިސާގެ ޙައްޤެއްކަމަށް ހީކޮށްލަބަލަ.] ޒީހާން، ފިސާނާ އޭނާގެ މޭގައި ލައްކޮށްލިއެވެ. ފިސާނާއަށް ލިބުނު ހިތްހަމަޖެހުމާއެކު، ޒީހާންގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލިއެވެ.

އެދުވަހު ޒީހާން ބައްޕަމެން ގެއަށް ގޮސް، ކޮއްކޮ ލަމްހާއާ ވާހަކަ ދައްކައިގެން، ފުރާނެ ވަކި ދުވަހެއްވެސް ކަނޑައެޅިއެވެ. އަދުހަމާ ދުރަށްދާން ބޭނުންވެފައި ހުއްޓާ އެއީ ލަމްހާއަށް ލިބުނު އުފާވެރި ފުރްޞަތަކަށްވިއެވެ. އެހެންކަމުން، ލަމްހާ އެދުނީ ފުރުން ވީހާވެސް އަވަސް ކުރުމަށެވެ.

[އިރާދަކުރެއްވިއްޔާ، ކޮއްކޮގެ ފައި ރަނގަޅުކޮށްގެން ނޫނީ މިފަހަރު މާލެއަކަށް ނާންނާނަން.] އެއީ ލަމްހާވެސް ކުރާ އުންމީދެވެ.

މިހާރު އޭނާގެ ހުރިހާވެސް ބަލިފަޔަކީ އޭނާގެ ޙާލަތެވެ.

[ބައްޕަ ކޮންތާކުވީ؟] ޒައިނަބް އައިސް އެތަނަށް ވަނުމުން، ޒައިނަބް ގާތު ޒީހާން އެއްސެވެ.

[މިހާރު އަންނާނެ، ޒީހާންވެސް މިއަދު ދާންވާނީ މިގެއިން ކައިގެން...މިހާރު ދަތުރުގެ ހުރިހާ ކަމެއް ރޭވުނީތަ؟] ޒީހާނަށް ޖަވާބުދިނުމަށްފަހު ޒައިނަބް އެދުނެވެ.

[އާނ، ދަތުރަށް ބޭނުންވާނެ ހުރިހާ ފައިސާއެއްވެސް ލިބިއްޖެ. އޮފީހުން ނުލާހިކު ރަނގަޅު އެހީއެއްވެދީފި....ހަތަރު ޓިކެޓް އަހަރެން ނަގައިފިން.] ޒީހާން ބުންޏެވެ.

އެއީ ލަމްހާއާއި ޒީހާންގެ ބައްޕަ ޖާވީދު އައިސް ގެޔަށް ވަން ވަގުތެވެ.

[ދަރިފުޅާ، ކޮބާ ދަތުރުގެ ކަންތައް ހަމަޖެހިއްޖެތަ؟ ބައްޕައަކަށް އެއްވެސްކޮޅަކުން އެއްޗެއް ލިބޭގޮތެއްނުވޭ.] އެތެރެއަށް ވަދެ ސޯފާގައި އިށީންނަމުން ޖާވީދު ވާހަކަ ދެއްކިއެވެ.

[ބައްޕަ ކަންބޮޑުނުވޭ. ދަތުރަށް ބޭނުންވާވަރަށް ފައިސާ އަހަންނަށް ލިބިއްޖެ. އެއްވެސްތާކަށް އެހީ ހޯދަން ބައްޕަ ދާނެ ކަމެއް ނެތް....] ޒީހާން ބުންޏެވެ. ޖާވީދަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. ހަމަ އެވަރަށް އޭނާ ލަދުވެސްގަތެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްކޮށް އެއްލައިލެވުނު ދަރިއެއްގެ މާތްކަމާއި އޯގާތެރިކަން ފެނިފައެވެ.

މާއިޝާ ކޮޓަރިތެރޭ އެނދުގައި އޮވެ ވިސްނަނީއެވެ. އޭނާގެ ބަދުނަޞީބު ދިރިއުޅުމާ ދޭތެރޭގައެވެ. ދޭތެރެ ދޭތެރެއިން ކަރުނުން ދެލޯ ތެމެއެވެ. އަދުހަމްގެ ލޯބި އޭނާއަށް ނުލިބެންވީ ކީއްވެގެންބާއޭ ހިތަށްއަރައެވެ. ގައިމުވެސް އޭނާ އަންބެއްގެ ލޯބި ފުރިހަމައަށް ދެއެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް ފިރިމީހާ ޙިއްޞާ ކުރެއެވެ. ދެމެދުގައިވާ ގުޅުން ބަދަހިކުރުމުގެ ޤަޞްދުގައެވެ. ނަމަވެސް، އޭނާއަކަށް އުންމީދު ފުރިހަމަވެ، މަޤްޞަދު ޙާޞިލެއް ނުވެއެވެ.

ކައިވެންޏަށް ހަތްމަސް ފުރެމުންދާއިރުވެސް، އޭނާއަކަށް އަދުހަމްގެ ހިތަކުން މަޤާމެއް ކަށަވަރެއް ނުކުރެވުނެވެ. އޭނާ ދަރިޔަކު ބޭނުންވެގެން، އެވާހަކަ ދައްކަނީވެސް އެހެން ވެގެންނެވެ. އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ތަޖްރިބާ ގިނަ ރައްޓެއްސެއް ގާތު ޚިޔާލު އަހާލުމުން، އޭނާ ލަފާދިނީ އަވަހަށް ދަރިޔަކު ހޯދުމަށެވެ. އޭރުން ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ވަކިވުމަށް އެޅޭނޭ ހުރަހަކަށްވެސްވާނެއެވެ. އެއީ ޙަޤީޤަތެވެ.

އަންބަކަށްޓަކައި ފިރިއެއްގެ ހިތުގައި އެންމެ ވަރުގަދައަށް ލޯބި އަށަގަންނާނީ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެއިންނައިރުގަޔާއި، ދަރިފުޅު އުފަންވުމަށްފަހު އަންނަ ތިންމަސް ދުވަހުގައެވެ. ފުރަތަމަ ތިންމަސް ދުވަހު ފިރިމީހާގެ ހިތުގައި އަނބިމީހާއަށްޓަކައި ވަރުގަދަ ލޯތްބެއް އަށަގަނެއެވެ. ވެދާނެއެވެ. ފިރިމީހާއާއި ތުއްތު ދަރިފުޅަށްޓަކައި އަނބިމީހާ ނުވަމަސްވަންދެން އުފުލި ބުރަޔާއި ތަޙައްމަލްކުރި ވޭން، ފިރިމީހާއަށް އިޙްސާސް ކުރެވެނީއެވެ.

އަދުހަމް ކޮޓަރިއަށް ވަންއިރުވެސް މާއިޝާ އޮތީ ވިސްނާށެވެ. އަދުހަމް ވަނުމާއެކު ސިހިއްޖެއެވެ. އަދުހަމް ވަންގޮތަށް އެނދުގައި އިށީނެވެ. މާއިޝާ ތެދުވިއެވެ.

[އަދޫ...އަހަރެންދެކެ އަދޫއަކަށް ލޯތްބެއް ނުވެވުނުދޯ. އެކަމަކު...އަހަރެން ވަރަށް ލޯބިވޭ އަދޫދެކެ...އާނ...ވަރަށް ލޯބިވޭ....] މާއިޝާ ބަލައިލީ އަދުހަމްގެ ލޮލަށެވެ. ފުން ނޭވާއެއްލުމަށްފަހު، އަދުހަމް އިސްޖަހާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން