ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު މުސްތަފާ، ނުވަތަ މުސްތަފާބެ މިފަހަކަށް އައިސް ވަރަށް ގިނައިން ސަރުކާރުގެ އެކި ބޭފުޅުންގެ ވައްކަމުގެ ވާހަކައާއި ޚިޔާނާތުގެ ވާހަކަ ދައްކަވައެވެ. މުސްތަފާބެ ޓްވިޓަރގައި މިވާހަކަތައް ލިއުއްވުުމުން ބައެއް ފަރާތްތަކުން ވިދާޅުވަނީ މުސްތަފާބެ އެއުޅުއްވަނީ އެބޭފުޅެއްގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން ކޮންމެވެސް ކަމެއް ހާސިލު ނުވެގެން ކަމުގައެވެ. ބައެއް ފަހަރު އެގޮތަށް ހީވަނީ މުސްތަފާބެގެ ވޭތުވެދިޔަ ދިގު މާޒީގެ ނުވަތަ ހުރިހާ ކަމެއްގައި ވެސް އެ ގެންގުޅުއްވާ ވިޔާފާރީގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެހެނީ މީގެ ކުރިން ވެސް ސަރުކާރުގެ ވެރިންނާ މުސްތަފާބެ އަބަދުވެސް ދެބަސްވެފައި ހުރީ އެފަދަ ކޮންމެވެސް ވިޔާފާރީގެ ކަމެއްގައި ކަމަށް އެކި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުން އެނގި ސާފުވެއެވެ.

އެގޮތުން މުސްތަފާބެ މިފަހަކަށް އައިސް އަބަދުވެސް ފަލަމަޑި ވަޒީރެއްގެ ވާހަކަ ދައްކަވާތީ އެވާހަކަ "ރަސް އޮންލައިން" އަށް ފާހަގަ ކުރެވިގެން މީގެ ކުރިން އެވާހަކަތައް ގެނަސްދީފައިވެސް ވާނެއެވެ. މުސްތަފާބެ ދެއްވާ ފަލަމަޑީގެ ލަގަބު ލިބިވަޑައިގަންނަވަނީ ސަރުކާރުގެ ބޭފުޅުންގެ ތެރެއިން މުސްތަފާބެ ވިދާޅުވާ ގޮތުންނަށް ވައްކަން ކުރަން ވަރަށް ކުޅަދާނަ ނުވަތަ ނާޖާއިޒު މަންފާތައް ނެންގެވުމަށް ކުޅަދާނަ ބޭބޭފުޅުންނަށްކަން އެނގެއެވެ. އެގޮތުން މުސްތަފާބެ އެ ވިދާޅުވާ ފަލަމަޑި ވަޒީރޭ ބުނުމުން މިހާރު އެއީ ކާކުކަން ނޭނގޭ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާވަރަށް މުސްތަފާބެ އެމީގެއްގެ ނަމުން ސީދާ ވިދާޅުވެ އެހާމެ ގިނަގިނައިން އެވާހަކަ ޓްވީޓް ކުރަށްވައެވެ. މުސްތަފާގެ އަޅައިގެންފިއްޔާ އެބޭފުޅަކު ޑޮކްޓަރަށް ވަޑައިގެން މޭގައި ކަށިގަނޑު ޖައްސަވައިގެން އިންވާއިރުވެސް މުސްތަފާބެ ގެންގުޅުއްވާ ޕަޕަރާޒީއަކު އެތަނުގައި ހުރެ މުސްތަފާބެއަށް ޚަބަރުދީ ފޮޓޯ ދީ ހަދާކަން މުސްތަފާބެ ތިލަކުރަށްވާފައިވާ ބައެއް ފޮޓޯތަކުން ކަށަވަރުވެއެވެ.

ނަމަވެސް މިހާތަނާ ޖެހެންދެން ވެސް މުސްތަފާބެގެ އަމާޒު ހުއްޓިފައި ހުރީ ސަރުކާރުގެ ވަޒީރުންނާ ދިޟާއަށެވެ. މުސްތަފާބެ މިހާތަނަށް ދައްކަވަނީ އަބަދުވެސް ފަލަމަޑި ވަޒީރުންގެ ވާހަކައެވެ. އެކަމަކު މިފަހަރު މުސްތަފާބެގެ މިދެންނެވި ދުރުމީއަށް އަރައިގެން ފަލަމަޑީގެ ލަގަބު ލިބިވަޑައިގެންނެވި ބޭފުޅަކީ އެސްޓީއޯގެ އެމްޑީ އަމްރެވެ. އެސްޓީއޯގެ އެމްޑީގެ ގޯސް ވާހަކައެއް މިހާތަނަށް މީޑިއާތަކަށް ތިލަވެފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެހެންވަނީ މީޑިއާތަކަށް "ވަރަށް ބޯކޮށް ފިލި" ޖައްސަވަމުން ގެންދަވާތީއެވެ. ކޮންމެހެން އިސްތިހާރުކޮށްގެން އެއްޗެއް ވިއްކަން ޖެހުނަސް ނުޖެހުނަސް އަދި ނަމެއްގައި މީހަކު ނެރެގެން ގެންގުޅޭ ބައެއް އޮންލައިން ތަކަށްވެސް އެސްޓީއޯގެ އެމްޑީއަށް ފެނިވަޑައިގެންފިނަމަ ވަރަށް "ބޯކޮށް" އެދެއްވާ އެއްޗެއް ދެއްވާ ކަމަށް ވެއެވެ. އަދި ވަކީން ޚާއްޞަކޮށް ރައްޖޭގެ ނަން މަޝްހޫރު ވެގެން ބޮޑެތި ކަމަށް ކިޔާ އޮންލައިންތަކަށާއި ޓީވީ ޗެނަލް ތަކަށް ވެސް އެމްޑީ ވަރަށް "ބޯކޮށް" ފައިސާ ދެއްވާ ކަމަށް އަޑުތައް އިވެއެވެ.



ފަލަމަޑި ވަޒީރަށްފަހު މުސްތަފާބެގެ އަމާޒު މިހާރު އެހުރީ އެސްޓީއޯގެ އެމްޑީއޭއާއި ދިމާއަށެވެ. އެގޮތުން އެންމެ ފަހުން ވިދާޅުވެފައިވަނީ "އެސްޓީއޯ އަމްރު ކުރާ ވައްކަންތައްތަކުގެ" ތެރޭގައި އެސްޓީއޯ އިން އެފްއެސްއެމް އާއި ހަވާލުކުރި 7000 ޓަނުގެ ޓޭންކަރ "އަލިހުރަސް" މިހާރު ނުދުއްވާ ގޮތަށް ހުވަދު އަތޮޅުގައި ބާއްވަން "ލޮކަލިސް" ކުރަނީ ކަމަށެވެ. ބޯޓު ގެ ކެޕްޓަނަކަށް ހުރީ އަމްރުގެ ބަފފައިބެ، ކަމަށް މުސްތަފާބެ ވިދާޅުވެފައި ވެއެވެ. އެހެންވީމާ އަމުރު މިއީ ދެވަނަ ފަލަމަޑި ވަޒީރުކަމަށް މުސްތަފާބެ ވިދާޅުވެއެެވެ.

"ރައީސް ޔާމީން ވަގަކަށް ވީ ރައީސް ޔާމީންގެ ދައުރުގައި ސަރުކާރު ދަވާލީމައޯ ކިޔަނީ! ރައީސް ޔާމީނެއް ނޫން ވައްކަން ކުރީ. އެކަމަކު ނަން ވީ ރައީސް ޔާމީން އެކަނި. ޙުކުމް ކުރީވެސް ރައީސް ޔާމީނަށް އެކަނި! އެބީދައިން ބަލާއިރުގައި މި ދައުރުގައި ހިނގާ ހުރިހާ ވައްކަމެއްގެ ޒިންމާވެސް އުފުލަން ވާނީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ތާ؟!" މުސްތަފާބެ ވިދާޅުވެފައިވެއެވެ.



މީގެއިތުރުން މުސްތަފާބެ ވަނީ އެސްޓީއޯއިން ފެނަކައަށް އަގުބޮޑުކޮށް ތެޔޮ ވިއްކާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތު ތަކެއް ވެސް ކުރަށްވާފައެވެ. މުސްތަފާގެ ވިދާޅުވެފައިވަނީ އެސްޓީއޯއިން ފެނަކައަށް ތެޔޮ ވިއްކަނީ 10 ރުފިޔައަށް ލިޓަރެއްގެ މަގުން ކަމަށާއި ނަމަވެސް "ރަށް ރަށު ޓޭންކަށް" ތެޔޮ އަޅައިދެނީ 6:50 އަށް ކަމަށެވެ.

"ކޮއްކޯ ހުސެން އަމްރު، މަރު ހެޔޮ ނުވާނެ އެސްޓީއޯއިން ތި ވިއްކާހެން ތެޔޮވިއްކަން. ފެނަކައަށް ތިޔަ ވިއްކަނީ 10:00ރ. އަށް ލިޓަރެއް. ރަށްރަށު ޓޭންކަށް 6:50 ރ އަށް. ފުނަދޫއިން 7:00ރ. އަށް. އެސްޓީއޯގެ ތެޔޮ ވައްކަމާހެދި ރައްޔިތުން ހަނާވެއްޖެ. ބަލަ ރައީސް އިބްރާހިމް ޞާލިޙް، ވައްކަން ކުރުން އެއީ އިކޮނަމިކް ޕޮލިސީއެއްތަ؟" މުސްތަފާބެގެ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެހެންމެ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ، ސަރުރުކާރުގެ ކުންފުނިތަކުން މިހާ ބޮޑެތި ގޯސްތައް ހަދާ ވައްކަން ކުރަން ޖާގަދީގެން ހުންނެވުމަކީ "ރައީސަށްވެސް އޭގެން ބައި އަޅައިގެން ބައި ލިބޭ ބައިވެރިއެއް ކަމަށް" ވާތީތޯއޭ ވިދާޅުވެ މުސްތަފާބެ ވަނީ ތުހުމަތު ތަކެއް ކުރަށްވާފައެވެ.

މުސްތަފާބެ ނޫނަސް ބައެއް ސިޔާސީ ބޭފުޅުން ވެސް ތުހުމަތު ކުރަ ގޮތުގައި އެސްޓީއޯ އަމްރަކީ މިސަރުކާރުގައި ވަރަށް ވެސް ބާރު ގަދަ ބޭފުޅެކެވެ. އެބޭފުޅާ ނިންމާ ކަމެއްގައި ސަރުކާރުގެ އެހެން އެއްވެސް ފަރާތަކަށް ވެސް އިދާރާއަކަށް ވެސް ބަސް ވިދާޅު ނުވެވޭހާ ވެސް ބާރު ގަދަ ކަމަށް ވެއެވެ. އެހެންވީމާ މުސްތަފާބެ އެދައްކަވާ ފަލަމަޑީގެ ވާހަކަތަކުގައި ހަގީގަތްތަކެއް އޮތުމަކީ ހަމަ ވެދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން