ޞާދިރު ޢަލީދީދީ   7 ޑިސެމްބަރު 2020 - 11:53
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 23

...............

އަދުހަމް ކޮޓަރިއަށް ވަންއިރުވެސް މާއިޝާ އޮތީ ވިސްނާށެވެ. އަދުހަމް ވަނުމާއެކު ސިހިއްޖެއެވެ. އަދުހަމް ވަންގޮތަށް އެނދުގައި އިށީނެވެ. މާއިޝާ ތެދުވިއެވެ.

[އަދޫ...އަހަރެންދެކެ އަދޫއަކަށް ލޯތްބެއް ނުވެވުނުދޯ. އެކަމަކު...އަހަރެން ވަރަށް ލޯބިވޭ އަދޫދެކެ...އާނ...ވަރަށް ލޯބިވޭ....] މާއިޝާ ބަލައިލީ އަދުހަމްގެ ލޮލަށެވެ. ފުން ނޭވާއެއްލުމަށްފަހު، އަދުހަމް އިސްޖަހާލިއެވެ.

[އާނ...ތިބުނީ ރަނގަޅަށް. ފާއިތުވެދިޔަ ހަތްމަސްދުވަސް ތެރޭގައި މާއިޝާދެކެ ލޯބިވެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން...އެކަމަކު ލޯތްބެއް ނުވެވުނުތާ، ލަމްހާގެ މަތިން ހަނދާންނައްތައެއްވެސް ނުލެވުނު.] މާއިޝާ، އޭނާގެ އަންބެއްގެ މަޤާމަށް އައިފަހުން ލޯބިނުވާކަން ފުރަތަމަފަހަރަށް އަދުހަމް ހާމަކުރިއެވެ. އަދުހަމްގެ އެޖުމްލަ އަޑުއަހަން މާއިޝާއަށް ކެތްކުރެވުނީ ކިރިޔާއެވެ. އިސާހިތު އޭނާގެ ބަޑި ފަޅައިގެންދިޔައެވެ. ނުރޯން ކިތަންމެ މަސައްކަތްކުރި ނަމަވެސް، އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ.

[ތިހެން ނުބުނޭ އަދޫ...] މާއިޝާއަށް ބާރުބާރަށް ރޮއިގަނެވުނީ، ހިތަށް އަސަރުކުރިވަރުން ކެތްނުކުރެވިގެންނެވެ.

[އަހަންނަށް މަޢާފްކުރޭ މާއިޝާ....ލޯތްބަކީ އަހަރެންގެ އިޚްތިޔާރުގައި ވެވޭނެ އެއްޗެއްނަމަ...އަހަންނަށް މާއިޝާދެކެ ލޯބިވެވުނީސް.....] އަދުހަމް އެއިންގޮތަށް އިސްޖަހާލައިގެން އިނދެ ބުންޏެވެ. އަދުހަމް އިންގޮތުން ހީވަނީ ތަޙުޤީޤެއްގެ ކުރިމަތީގައި ބޮޑު ކުށްވެރިޔަކު އިންހެނެވެ.

[އާދޭސްކުރަން އަދޫ...އަހަރެންދެކެ ލޯބި ނުވެވުނަސް، އަދޫ އަހަންނަށްޓަކައި....އަހަރެން އަދޫދެކެ މިވާ ތެދުވެރި ވަފާތެރި ލޯބީގެ ޙައްޤުގައި އަހަރެންގެ ބަނޑުން އަދޫއަށް ބައްޕަ ކިޔާނެ ކުއްޖަކު އުފަންވުމުގެ ފުރްޞަތު ހޯދައިދީ....އޭރުން އަދޫގެ ހިތުން މަޤާމެއް ނުލިބުނަސް، ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް އަހަންނަށް ލިބޭނެ.] މާއިޝާގެ އަޑު ބެދިއްޖެއެވެ. ގަދައަށް ރުއިމުގެ ސަބަބުން އަޑު ކުރަކިވެ، ނޭފަތުންވެސް ފެން ފައިބަން ފަށައިފިއެވެ.

[ނުރޮއި ހުއްޓާލާ...އިރާދަކުރެއްވިއްޔާ، އަހަރެންގެ ފަރާތުން ކޮންމެވެސް އެއް ހިތްހަމަޖެހުމެއް މާއިޝާއަށް ލިބޭނެ.] އަދުހަމްގެ ހިތުގައި ރަޙުމް އުފެދުނެވެ. އޭނާ މަޑުމަޑުން މާއިޝާއާ ކައިރިއަށްޖެހި، މާއިޝާގެ ލޯ ފޮހެލަދިނެވެ.

މާކުރިންވެސް މާއިޝާ ވަނީ އަދުހަމް ގާތު ކުއްޖަކު ބޭނުންވެގެން، އެވާހަކަ ދައްކާފައެވެ. ނަމަވެސް، އެފަހަރު އަދުހަމް ބުނެފައިވަނީ ކުއްޖަކު ހޯދަން އޭރު މާ އަވަސް ކަމަށާއި، އަދި އެދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެސްނުވާ ކަމަށެވެ. ނަމަވެސް މިފަހަރު އޭރާ ތަފާތެވެ. ކުއްޖަކު ބޭނުންނުވާ ވާހަކައެއް މިފަހަރު އަދުހަމެއް ނުބުނެއެވެ. އޭނާ އިޝާރާތްކުރީ އެއުފާވެރިކަން މާއިޝާއަށް ލިބިދާނެ ކަމަށެވެ.

ޖެހިގެން އައި ދުވަހު އަދުހަމަށް އެނގިވެސްނުލާ ލަމްހާމެން ސިލޯނަށް ފުރިއެވެ. އެކަންވީވެސް މާއިޝާއަށް ލިބުނު ކޮންމެވެސްވަރެއްގެ ކާމިޔާބީއަކަށެވެ. އަދުހަމަށް ލަމްހާ ރަށުގައި ނޫޅޭކަން އެނގުނީ ސާދުނާގެ ފަރާތުންނެވެ. ސާދުނާވެސް ލަމްހާދިޔަ ވަކިތަނެއް ނުބުނެއެވެ.

[ހަމަ ނޭނގޭތަ ދިޔަތަނެއް...އިންޑިޔާއަށްތަ؟] އަދުހަމް ސާދުނާ ގާތު އެއްސެވެ. މިފަހަރުވެސް ސާދުނާ ދިނީ އެއްޖަވާބެކެވެ. އޭނާ ބުނީ ދިޔަ ވަކި ޤައުމެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، ލަންކާ ނުވަތަ އިންޑިޔާހެން ހީވާ ކަމަށެވެ. ވުމާއެކު، އަދުހަމް މާޔޫސްވެއްޖެއެވެ. ހަދާނެ ގޮތް ހުސްވި ކަހަލައެވެ.

އަދުހަމް ގެއަށްއައީ ދެރަވެ ގޮތް ހުސްވެފައިވާ ޙާލުގައެވެ. އެހެންކަމުން، އަދުހަމް ފެނުމާއެކު، މާއިޝާ އަދުހަމްގެ އިޙްސާސްތައް ދެނެގަތެވެ. އޭނާ ވީގޮތެއް އޮޅުންފިލުވުމަށް ސުވާލުކުރިއެވެ. އަސަރުކޮށްފައިވާ އަދުހަމް ބުނީ ލަމްހާ އަނެއްކާވެސް ވީނުވީތަނެއް ނޭނގޭ ކަމަށާއި، އެކަމަކުވެސް ލަމްހާ އަދިވެސް އޭނާދެކެ ލޯބިވާނޭ ކަމަށެވެ.

މާއިޝާއަކީ ދުރުވިސްނޭ އަންހެނަކަށްވީތީ، އޭނާ ކެތްތެރިކަން ޚިޔާރުކޮށް، ފިރިމީހާއަށް ހިތްވަރުދީ ވިސްނައިދިނެވެ.

[އަދޫ...ދެރަނުވޭ...ލަމްހާ އަދި އަދޫގެ ޙަޔާތަށް އަންނާނެ...އަހަރެން އަދޫދެކެ ކިތަންމެ ލޯބިވިޔަސް، އަދޫގެ އުފާތަކަށް ހުރަސްއަޅާކަށް ބޭނުމެއް ނޫން. ލަމްހާ އައިހާ އަވަހަކަށް އަދޫގެ ޙަޔާތަށް ލަމްހާ ގެނައުމުގެ އިޚްތިޔާރު އަދޫއަށް އެބައޮތް...އެކަމަކު ދެވަނަ އަންބެއްގެ ގޮތުގައި....[ މާއިޝާ ފިރިމީހާގެ ކޮނޑުގައި ބޯއަޅާލިއެވެ.

އަދުހަމް ހުރީ ބަސްހުއްޓި ގަނޑުވެފައެވެ. ކުއްލިއަކަށް މާއިޝާ ބަދަލުވީތީ، އޭނާ ޙައިރާން ވެއްޖެއެވެ.

[ހަމަތެދެއްތަ ތިބުނީ، މާއިޝާ ޤަބޫލުތަ ދެއަންބަށް ލަމްހާޔާ އަހަރެން އިންނަން....؟]

އަދުހަމް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، މާއިޝާ އަދުހަމްގެ މޭގެތެރެއަށް ބޮނޑިވެލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި އަދުހަމްގެ ދެއަތްވެސް މާއިޝާ ވަށާލިއެވެ. މާއިޝާ އެނދުމަތީގައި އޮށޯވެލިއެވެ. ކޮޓަރީގެ އަލި ފަނޑުކޮށްލެވުމާއެކު، އަދުހަމްވެސް މާއިޝާއާޖެހި ފިތިގެން (ހޫނު އިޙްސާސް ކުރެވޭހާ ގާތުގައި) އޮށޯވެއްޖެއެވެ.

އެރޭވީ މާއިޝާ އުންމީދުކުރިފަދަ ރެޔަކަށެވެ. މާއިޝާއަށް އޭނާ މަންމައަކަށްވާން އުޅޭކަމުގެ އިޙްސާސް ކުރެވުނީ އެރެއެވެ. އެރޭ ހުރިހާ ކަމެއްވެސް ތަފާތެވެ.

އަދުހަމްގެ މަންމައާއި ބައްޕަ މާމަ ދަރިޔަކާ ބެހޭގޮތުން އަދުހަމާ ވާހަކަ ދެއްކީ، ޖެހިގެން އައި ދުވަހުއެވެ.

[ކުއްޖަކު...ދޯ؟ އިރާދަކުރެއްވިއްޔާ...ދެން މާގިނަ ދުވަހެއްނުވެ، ބައްޕައާއި މަންމަގެ އުންމީދުތައް ފުރިހަމަވެދާނެ.] ބައްޕައާއި މަންމަ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އަދުހަމް ބުންޏެވެ. ޙަސީނާއާއި ޒުހޫރު ހިނިތުންވެލިއެވެ. ލަދުވެތިގޮތަކަށް ބަލަހައްޓައިގެން މާއިޝާ އިނީއެވެ. ޙަޤީޤަތުގައިވެސް އޭނާވެސް ހުރީ ވަރަށް އުފާވެފައެވެ.

އެދުވަހަށްފަހު ފާއިތުވާ ކޮންމެ ދުވަހަކީވެސް މާއިޝާއަށް ތަފާތު އިޙްސާސްތަކެއް ކުރެވޭ ދުވަސްތަކެކެވެ. މިހާރު އަބަދުވެސް އަދުހަމްގެ ޢަމަލުތައްވެސް ހުންނަނީ ކުއްޖަކު ބޭނުންވެގެން އުޅޭފަދަ ގޮތަކަށެވެ.

[ޕްރެގްނެންސީ ޓެސްޓެއް ހައްދަންވީނު.] އެއްފަހަރަކު އަދުހަމް ބުންޏެވެ. މާއިޝާ ހިނިތުންވެލިއެވެ.

[އަދި މާ އަވަހެއްނު...ދުވަސް ފާއިތުވީމާ ޓެސްޓް ހަދާނީ....] އުފާވެފައިވާ މާއިޝާ ބުންޏެވެ.

މީގެކުރިން އަދުހަމް ނޫޅޭގޮތްގޮތަށް އުޅެން ފެށުމުން މާއިޝާ ވަނީ އިންތިހާއަށް އުފާވެފައެވެ. ހީވާގޮތުން ރައްޓެހިންނާއި ރަޙްމަތްތެރިންގެ ނަޞޭޙަތުގައި ހިފައިގެން އަދުހަމް މަސައްކަތް ކުރަމުންދަނީ މާއިޝާދެކެ ލޯބިވެވޭތޯއެވެ. ދަރިޔަކު ލިބުމުން، އެކުއްޖަކުދެކެ ވެވޭ ލޯބީގައި ދަރިފުޅުގެ މަންމަވެސް ޝާމިލްވާނެ ކަމަށް ރައްޓެހިން ބުނާތީއެވެ. އެންމެ ގިނައިން އޭނާ ގާތު އެވާހަކަ ދައްކަނީ ޝިޔާޒެވެ.

[އަދި ކިރިޔާއޭ އަދުހަމަށް ހަމަވިސްނުން ލިބުނީ. އިރާދަކުރެއްވިއްޔާ، ވަރަށް އުފާވެރި ޢާއިލާއަކަށްވާނެ. މިހެން މިބުނީ މާއިޝާ އަދުހަމްދެކެ ލޯބިވާ މިންވަރު ހިތަށްއެރީމަ.....] އަދުހަމްގެ ޚިޔާލު ބަދަލުވީތީ ޝިޔާޒް ހުރީ އުފާވެފައެވެ.

ގާތް ރަޙްމަތްތެރިއެއްގެ ޙައިޘިއްޔަތުން ޝިޔާޒް އަބަދުވެސް އަދުހަމްގެ ހުރިހާ އުފާތަކަކާއި ހިތާމަތަކެއްގައިވެސް ޙިއްޞާ ކުރެއެވެ. އަބަދުވެސް އޭނާ އަދުހަމަށް ހެޔޮދުޢާ ކުރެއެވެ.

[ހަމަގައިމުވެސް އަދިވެސް އަހަންނަކަށް މާއިޝާދެކެ ލޯތްބެއްނުވެވޭ. ދެން ނޭނގެ، ދަރިޔަކު ލިބުނީމާ ވާނެގޮތެއް...] ޝިޔާޒްގެ ވާހަކައާ ގުޅުވައިގެން އަދުހަމް ބުންޏެވެ.

[ބަލިވެއިނީއްސުރެ އަދުހަމްގެ ހިތް މަޑުމަޑުން މާއިޝާއަށް ލެނބެން ފަށާނެ. ލޯބިވެސްވެވޭނެ. އަދުހަމްމެން ތި މާނަކުރާ ވަރަށް ލަމްހާ އަދުހަމްދެކެ ލޯބިވާނަމަ، ހީވޭތަ އޭނާ އަންގާވެސްނުލާ ފުރައިގެންދާނެހެން...ނުވޭ ލޯތްބެއް. އެދައްކަނީ ހުސް ދަޅަތަކެއް....ހައްތާވެސް އަވާމެންދުރު....] ޝިޔާޒް ލަމްހާ ކުށްވެރި ކުރުމަށްފަހު ބުންޏެވެ.

މިފަހަރަކު އަދުހަމް ލަމްހާ ދިފާޢުކުރާކަށްވެސް ނޫޅެނެވެ. މިހާރުގެ އަނބިމީހާޔާއެކު އުފާވެރި ޒަވާޖެއް ޙިއްޞާ ކުރަން ބޭނުންވާތީ، އެހެން އަންހެނަކު ދިފާޢުކޮށް ތަޢުރީފު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ޝިޔާޒް، ދެން ތިވާހަކަ ހުއްޓާލާ...އަހަރެން މިހާރު މިދަނީ ލަމްހާގެ ހަނދާންތަކާ ދުރަށްދެވޭތޯ މަސައްކަތް ކުރަމުން....] އަދުހަމް ބުންޏެވެ. އެ އަޑު މާއިޝާއަށްވެސް އިވުނެވެ. މާއިޝާ އުފަލުން މޭގައި އަތް ޖައްސާލިއެވެ.

ކުރިޔަކުން އަދުހަމް ލަމްހާގެ ހަނދާންތަކުން މިންޖުވުމަށް މަސައްކަތްކުރި ކަމެއް އެނގިފައެއް ނުވެއެވެ. މިހާރު އަދުހަމް އެކަމަކު އެމަސައްކަތް ކުރަނީ މާއިޝާއާ ދޭތެރޭ ވިސްނާތީ ކަމަށް މާއިޝާއަށް ޤަބޫލު ކުރެވުނެވެ.

ދުވަސްތައް، މި އާދައިގައި ފާއިތުވަމުން ގޮސް މާއިޝާ އިންތިޒާރުކުރި ދުވަސްވެސް ފާއިތުވެއްޖެއެވެ. މާއިޝާ ހިނިތުންކުރުވާފައެވެ.

[އަދޫ...މިމަހުގެ އަށާރަވެސް ފާއިތުވީނު...މިއަދު އެކާވީސް....ދެން ޓެސްޓް ހަދަން އުޅެންވީކަންނޭނގެ. އެކަމަކު....ނަދީ ބުނި ޕްރެގްނުވިޔަސް، އެކަހަލަ މައްސަލަތައް ދިމާވެޔޯ....އެކަމަކު މީގެކުރިޔަކުން އަހަންނަކަށް މައްސަލައެއްނުޖެހޭ. ބަރާބަރު ދުވަހުން ދުވަހަށްވޭ....] މާއިޝާ އަދުހަމްގެ ކޮނޑުގައި ބޯޖައްސާލިއެވެ.

[އެންމެ ރަނގަޅު....މާއިޝާއަށް ކުރިން ނުކުރެވޭކަހަލަ ތަފާތު އިޙްސާސްތަކެއްވޭތަ؟] އަދުހަމް އެއްސެވެ.

[އާނ، ގަދަވަސް ޖެހުނީމަ އުނދަގޫވޭ. ހެނދުނުގަޑީގައި ވަރަށް މޭނުބައިވެސްކުރޭ.] މާއިޝާ ބުންޏެވެ.

[މިއަދުވާނެ ޓެސްޓް ހަދާލަންދާން.....] އަދުހަމް މިހެން ބުނެފައި ހިނގައިގަތީ، ތައްޔާރުވެގެން ހަވީރު ހުރުމަށް މާއިޝާ ގާތު ބުނެފައެވެ.

އަދުހަމް ދިޔުމާއެކު މާއިޝާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ހަވީރުވާކަށް ދެން މާގިނައިރެއް ނެތެވެ. ވުމާއެކު، މާއިޝާ ކޮޓަރިއަށް ވަދެ، ނަލަހެދިލިއެވެ. މައިދައިތަ ޙަސީނާ ކޮޓަރިއަށް އައިސްވަނީ މާއިޝާ ރީތިވާން ހުއްޓައެވެ.

[ދަރިފުޅާ...ހާދަ ވަރަކަށް ނަލަތިހެދެނީ...ދެކުދިން ތަނަކަށް ދާން އޮތީތަ؟] ކޮޓަރިއަށް ވަންނަމުން ޙަސީނާ ވާހަކަ ދެއްކިއެވެ.

[ޑޮކްޓަރަށް ދައްކަންދާން މިއުޅެނީ.] މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ހާކާލަމުން މާއިޝާ މަންމައަށް ޖަވާބުދިނެވެ.

[ޓެސްޓް ހަދަންދާންދޯ ތިދަނީ...ވަގުތުން ވަގުތަށް މަންމައަށް ޚަބަރުދޭންވާނެ. މަންމަ އިންތިޒާރު ކުރާނަން.] ޙަސީނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަސިިނަަ

07-Dec-2020

ޙލ 😤



ޓްރެންޑިން