ޞާދިރު ޢަލީދީދީ   8 ޑިސެމްބަރު 2020 - 12:32
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 24

...............

[ޑޮކްޓަރަށް ދައްކަންދާން މިއުޅެނީ.] މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ހާކާލަމުން މާއިޝާ މަންމައަށް ޖަވާބުދިނެވެ.

[ޓެސްޓް ހަދަންދާންދޯ ތިދަނީ...ވަގުތުން ވަގުތަށް މަންމައަށް ޚަބަރުދޭންވާނެ. މަންމަ އިންތިޒާރު ކުރާނަން.] ޙަސީނާ ބުންޏެވެ.

ހަވީރު އަދުހަމާއި މާއިޝާ ކްލިނިކަށް ދިޔައީއްސުރެ، ޙަސީނާއާއި ޒުހޫރު ތިބީ އިންތިޒާރުގައެވެ. ޙަސީނާ އިންނަނީ މާއިޝާ ގުޅާފާނޭ ކަމަށް ފޯންވެސް ކައިރީގައި ބާއްވައިގެންނެވެ.

[ކޮންމެހެން ފޯނު ނުކުރިޔަސް، ކްލިނިކުން ނިމިގެން އެކުދިން ގެއަށް އަންނާނެއެއްނު.] ޙަސީނާ އުޅޭގޮތުން ޒުހޫރު ގާތަށް ހިނިވެސްއާދެއެވެ.

[އަހަރެން މާމަ ދަރިފުޅަކަށް އިންތިޒާރު ކޮށްކޮށް ބަލިވިފަހުން އެކުދިން އެކަމާ އުޅުނީ....ދެން އަހަންނަށް ކިހާވަރެއްވާނެ....އެސޮރަށް ދަރިޔަކު ލިބުނީމާ ގެވެސް ހާދަ ފަޅުފިލާނެޔޭ.....] ޙަސީނާ ބުންޏެވެ.

[ޙަސީނާއަށް ހީވަނީތަ، އަހަރެންވެސް ހާދަ ކާފަ ދަރިފުޅަކު ބޭނުމޭ....އިރާދަކުރެއްވިއްޔާ، އަހަރެމެންގެ މަޤްޞަދު ޙާޞިލްވާކަށް ދެން މާގިނަ ދުވަހެއް ނުވާނެ....]

[ތެދެއް ބައްޕާ...ބައްޕާ ހުރިހާ ކަމެއް ނަޞީބުވެރިކޮށް ކުރިއަށްދާނަމަ...އަދި ބައްތިރީސް ހަފްތާ ފަހުން މަންމައާއި ބައްޕައަށް އެހިތްހަމަޖެހުން ލިބޭނެ....] އަދުހަމް މާއިޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން އުފާވެރި ޚަބަރު މަންމައާއި ބައްޕައަށް ދިނެވެ.

[މަންމަ ވަރަށް އުފާވެއްޖެ.] ޙަސީނާ މާއިޝާގެ ބަނޑުގައި އަތް ކާއްތަން ފެށިއެވެ. މާއިޝާވެސް ހުރީ ނިކަން އުފާވެފައެވެ.

[މާބަނޑުދުވަސްވަރު އުޅުން ބަހައްޓަންޖެހޭގޮތް ޑޮކްޓަރު ބުނެއެއްނުދޭތަ؟ ބަނޑުގައިވާ ދަރިފުޅު ރަނގަޅު ޞިއްޙަތެއްގައި ިހެދިބޮޑުވާނީ، ދަރިފުޅަށް ބޭނުންވާނޭ ހުރިހާ މާއްދާތަކެއް ހިމެނޭ ކާނާ ދަރިފުޅަށް ބޭނުންކުރެވިގެން.]

ޙަސީނާ މާއިޝާގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

[ޑޮކްޓަރ އަދޫ ގާތު ހުރިހާ ވާހަކައެއްވެސް ކިޔާދިން....] މާއިޝާ އަދުހަމާ ދިމާއަށް ބަލައިލިއެވެ. އަދުހަމްވެސް ހުރީ ހިނިއައިސްފައެވެ. އަމިއްލައަށް ލިބުނު ހިތްހަމަޖެހުމަށްވުރެން މަންމައާއި ބައްޕައަށް ލިބިފައިވާ އުފާވެރިކަން ފެނުނީމައެވެ.

[ދަރިފުޅު ދެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ. ދޭ އަރާމުކުރަން.] ޙަސީނާ މާއިޝާގެ އަތުގައި ހިފައިގެން ތެދުވިއެވެ.

[ނޫނޭ ޙަސީނާ.....ކޮންމެވެސްވަރަކަށް މަސައްކަތް ކުރަންވާނެ. އެއްޗެތި ދޮވެ ފެންލުންކަހަލަ ބުރަ މަސައްކަތް ނުކުރީމަ ރަނގަޅުވާނެ.] ޙަސީނާގެ ޚިޔާލާ ޒުހޫރު ތަފާތެވެ. ޒުހޫރު ބުނީ ރަނގަޅަށެވެ. ބަލިވެއިނުމާއެކު، އެނދު ހުރަސްބަލިޖެހޭކަށް ނުޖެހެއެވެ. ރަނގަޅު ފައިދާހުރި ކާނާއާއި ޞިއްޙީ އިރުޝާދު ހޯދަންޏާ މަސައްކަތް ކުރުމަކުން އެއްވެސް މައްސަލައެއް ނުކުމެދާނެ ކަމަކަށް ނުބެލެވެއެވެ. ބަލިވެއިންނަ އަންހެން މީހާ ދާއިމަށް ބެޑްރެސްޓް ނަގައިގެން އޮންނަން ވެއްޖެއްޔާ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި މީހާ ދުޅަވެ ފޮއްސިވާގޮތްވެއެވެ. އެކަން މާއިޝާއަށްވެސް ވިސްނޭތީ، އެގޮތަށް އަބަދު އޮށޯވެގެން އޮންނާކަށް މާއިޝާއެއް ބޭނުމެއް ނޫނެވެ. ބަނޑަށް އެންމެފަހުގެ ތަދު އަރަންދެންވެސް ފިރިމީހާގެ ޚިދްމަތްތަކުގައި އަމިއްލައަށް ޝާމިލްވުމަށް އޭނާ ޤަޞްދުކުރެއެވެ. ނަމަވެސް، އެއީ ޞިއްޙީ ޢުޒުރެއް ދިމާނުވާ ކަމުގައިވަނީ ވިއްޔާއެވެ.

[މަންމާ، ބަލިވެއިނަކަސް އަބަދު އޮށޯވެ އޮންނާކަށް ނުވާނެ.] މައިދައިތައާއެކު ހިނގައިގަންނަމުން މާއިޝާ ބުންޏެވެ.

[އަދި ތިކުދިން ވަރަށް ޅަވާނެ. ތީ އަދި އިއްޔެ މެންދުރުގެ ކުދިންނޭ. ނޭނގޭނޭ ކަންކަމުގެ ކުޑަ ބޮޑުމިނެއް. މާ އަނގަ ގަދަނުކޮށްދޭ އޮށޯންނަން.] ޙަސީނާ ކޮޓަރި ދޮރު ހުޅުވާފައި މާއިޝާ ކޮޓަރިއަށް ވެއްދިއެވެ. މާއިޝާ ހިނިތުންވެލިއެވެ.

މާބަނޑު ދުވަސްވަރު ނޫނަސް، އެ މަންމަގެ އޯގާތެރިކަމުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. އަދުހަމްގެ އަޅާލުން ނުލިބޭއިރުގައިވެސް، މައިދައިތަގެ ފުރިހަމަ އަޅާލުމާއި އެއްބާރުލުން ލިބޭތީ، އެކައިވެނީގައި ދާއިމްވުމަށް އޭނާއަށް ހިތްވަރު ލިބެއެވެ.

[މަންމާ...އަހަރެން އެބަ އަންނަން، ފުރުޓާއި ތަރުކާރީ ގަނެގެން...] އަދުހަމް ނުކުތީ ބޭރަށެވެ. އޭނާ ޝިޔާޒަށް ގުޅީ ބޭރަށް ނުކުމެއެވެ.

[ޝިޔާޒް...ކޮންތާކު ތިއުޅެނީ؟] އަދުހަމް އެއްސެވެ.

ގެޔާދިމާ މަގުމަތީގައި....ކިހިނެއް ހަދަންވީ....ހާދަ އުފާވެފަ....] ޝިޔާޒް، އަދުހަމްގެ ވާހަކައިގެ ރާގުން މޫޑު ދެނެގަތެވެ.

[ބައްޕައަކަށްވާތީ، އެ ޚަބަރު ދޭންވެގެން. އައިސްބަލަ މިގޭދޮށަށް.] އުފާވެރި ޚަބަރު ރަޙްމަތްތެރިޔާއަށް ދިނުމަށްފަހު އަދުހަމް އެދުނެވެ.

މިދަނީއޭ ބުނެފައި ޝިޔާޒް ފޯނު ބޭއްވިއެވެ.

އެއީ މާއިޝާ ބަލިވެއިން ޚަބަރު ލިބިގެން ނަދީމާ އައިސް، އެގެއަށް ވަން ވަގުތެވެ. އޭރު އަދުހަމް ހުރީ ބޭރުދޮރާށި ކައިރީގައެވެ. ނަދީމާ ގެއަށް ވަންނަމުން އަދުހަމަށް ގޮވާލިއެވެ.

[އަދުހަމް...ހާދަ އުފާވެފައި...މަރުޙަބާ....] ނަދީމާ އެތެރެޔަށް ވަނެވެ. އުފާވާނެއެއް ނޫންހޭ ބުނެފައި އަދުހަމް ހީލިއެވެ.

ނަދީމާ މާއިޝާގެ ކޮޓަރިއަށް ވަންއިރު މާއިޝާ ދެފައި ދަމާލައިގެން އޮށޯވެ އޮތެވެ.

[ކޮންގްރާ....އިރާދަކުރެއްވިއްޔާ، މާއިޝާގެ ދިރިއުޅުމުގައި ކާމިޔާބުގެ ކުލަޖެހުނީ.....] ނަދީމާ އެނދުގެ މަގަތުގައި އިށީނެވެ.

މާއިޝާގެ މަންމަ ނަސީމާއާއި ބައްޕަ ފިރާޤު ކޮޓަރި ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވަނީ އެވަގުތުއެވެ. ނަސީމާގެ އަތުގައި މޭވާކޮތަޅެއް އޮތެވެ. ފިރާޤުގެ އަތުގައި ނިކަން ރީތިކޮށް ހަދާފައިވާ ކުރުނބާ ކޮތަޅެކެވެ.

[ދަރިފުޅާ...މާބަނޑުދުވަސްވަރު މިކަހަލަ އެއްޗެތި ގިނަގިނައިން ބޭނުންކުރަންވާނެ.] ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން ނަސީމާ ވާހަކަ ދެއްކިއެވެ.

[އަދޫވެސް ހިނގައްޖެ، ތިއެއްޗެތި ގަންނަން. ކިހިނެއްތަ އަހަރެން ތިހުރިހާ އެއްޗެތި ކާނީ...ޚާއްޞަކޮށް، ތިހުރި ފެހި އާފަލުތައް ވަރަށް އުނދަގޫވާނެ ކާން...] މާއިޝާ ބުންޏެވެ.

[ނުބަޔަސް ގަދަކަމުންވެސް ކާންވާނެ. ކޮބައިތަ ޙަސީނާ ގޭގައި ނޫޅެނީތަ؟] މާއިޝާގެ ގާތުގައި އިށީންނަމުން ނަސީމާ އެއްސެވެ.

[ބަދިގެފަރާތުގައި އެބައުޅޭހެން ހީވަނީ. ގަދަކަމުން އަހަރެން ކޮޓަރިއަށް ވައްދާފައި، ހަވީރު ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަންކަންނޭނގެ އެއުޅެނީ.] މާއިޝާ ބުންޏެވެ.

[މަންމަ އަންނާނަން، ބަދިގެފަރާތަށް ޖެހިލާފައި.] ނަސީމާ ކޮޓަރިން ނުކުތެވެ. ފިރާޤުވެސް މާއިޝާގެ ބޮލުގައި އަތް ކާއްތާލުމަށްފަހު، ކޮޓަރިން ނުކުތެވެ.

މިގޮތުގައި މާއިޝާގެ ޙަޔާތުގައި އުފާވެރި ދުވަސްތައް ފާއިތުވަމުން ގޮސް، މާއިޝާގެ ބަނޑަށް ތިންމަސް ފުރުނުއިރު، ލަމްހާވެސް ބޭސްފަރުވާއަށްފަހު މާލެ އަތުވެއްޖެއެވެ. ލަމްހާދެކެ ކިތަންމެ ލޯބިވި ކަމުގައިވިޔަސް، މިހާރު އަދުހަމްގެ ހުރިހާ ފިކުރުތަކެއް ހުސްކޮށްފައިވަނީ، ލިބެންއުޅޭ ދަރިފުޅާއި ދަރިފުޅުގެ މަންމަ މާއިޝާއަށެވެ.

އެހެންކަމުން މިހާރު އޭނާ ލަމްހާގެ ޚަބަރެއް ނުބަލާތާވެސް ތިންމަސް ވެއްޖެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، ލަމްހާ އޭނާއަށް ބޭވަފާތެރިވީއެވެ. އެއްވެސް ކުށަކާނުލައެވެ. އިތުބާރާއި ޔަޤީންކަން ނެތީމައެވެ. ނޫނީ އޭނާއަށް، އަދުހަމް އޭނާދެކެވާ ލޯބީގެ އަގު ވަޒަން ނުކުރެވުނީއެވެ.

އެހެންކަމުން މިހާރަކަށް އައިސް އަދުހަމް ފެންނަނީ މާއިޝާއާއެކު މާ ލޯބިން އުޅޭތަނެވެ. އޮފީހުގައި އުޅެފައިވެސް އޭނާ މާއިޝާއަށް ގުޅައެވެ. ކައިފިންތޯއާއި ބޭނުންވަނީ ކޯއްޗެއްތޯ އަހައެވެ. ބޭރުގައި އުޅެފައި ގެއަށް އަންނަ ކޮންމެފަހަރަކުވެސް އޭނާ ކޮންމެވެސް ހަދިޔާއެއް މާއިޝާއަށް ގެނެސްދެއެވެ.

[މިހާރު އަބަދުވެސް މާއިޝާއާ ދޭތެރޭ ވަރަށް ވިސްނޭ. އޮފީހުގައި އުޅޭ ވަގުތުތަކުގައިވެސް ވަރަށް ޚިޔާލުކުރެވޭ.] އަދުހަމް ވާހަކަ ދެއްކީ ޝިޔާޒާއެވެ. ޝިޔާޒް ހިނިގަނޑެއް ޖަހާލުމަށްފަހު އަތް ޖަހާލިއެވެ.

[މަބުނިތަނަށް އޮޑިދުވީނު.] ޝިޔާޒް އަދުހަމްގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[ތިހެން ބުނާކަށް އަދިނުވޭ. އަދި ނޭނގެއެއްނު މާއިޝާދެކެ ލޯބިވެވެނީ ކަމެއް...އިޙްސާސްތައް ތަފާތުކަންނޭނގެ....] އަދިވެސް މާއިޝާދެކެ ލޯބިވެޔޭ ބުނަން އަދުހަމް ފަސްޖެހެއެވެ.

އަދިވެސް ލޯބިވެޔޭ ބުނަން އޭނާ ބޭނުންވަނީ އެންމެ މީހެއްގެ ގާތުގައެވެ. އެއީ އެމީހަކަށްޓަކައި އޭނާގެ ހިތް ފިދާވި މީހާއެވެ. ހަނދާންތައް އާނުކުރިޔަސް، އަދިވެސް އޭނާ ލަމްހާދެކެ އިންތިހާޔަށް ލޯބިވެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، ލަމްހާ އޭނާދެކެވީ ތެދުވެރި ލޯތްބެއް ނޫނެވެ. ތެދުވެރި ލޯބި އަށަގެންފައިވާ ހިތަކަށް ތިމާ ލޯބިވާ މީހާ، އެހެން މީހަކާއެކު ދިރިއުޅުން ޙިއްޞާކުރާތަން ދުށުމަކަށް ކުޅަދާނައެއް ނުވާނެއެވެ.

[އަހަރެން އަދިވެސް ލޯބިވޭ.] މާލޭގެ ފަސްގަނޑުގައި ފައި ބީހިލުމާއެކު، ރަޙްމަތްތެރިޔާ ސާދުނާ ދިން ޚަބަރުން ދެރަވެފައި ހުރި ލަމްހާއަށް ބުނެވުނެވެ. އޭރު އޭނާގެ ބޮޑު ބޮޑު ދެލޯ ކަރުނުން ބަރާވަމުންދަނީއެވެ.

[ލަމްހާ...ދެން އެހަނދާންތަކާ ދުރަށްދެވޭތޯ މަސައްކަތްކުރޭ....މިހާރު މާއިޝާ އެއިނީ އަދުހަމްގެ ދަރިޔަކަށް ބަލިވެ. ދެން ރަނގަޅުވާނީ، އެދިރިއުޅުމުގެ ތެރެޔަށް ލަމްހާކަހަލަ ވިސްނޭ، އަމިއްލަ ނަފްސަށް ބާރުހިންގޭ މީހަކު ނުވަނިއްޔާ.....] ސާދުނާ ލަމްހާއަށް ވިސްނައިދިނެވެ.

[އެކަމަކު އަހަރެން ހާދަ ލޯބިވެޔޭ....ހިތްވަރުގަދަ މީހަކަށްވާތީ، އަހަންނަށް އަދޫއާ ދުރުގައި ހުރެވެނީތާ....އެކަމަކު އެކަނިވާ ވަގުތުތަކުގައި އަހަރެން ކުރާ ހިތާމަތައް ދެނެވޮޑިގެންވާނީ މާތްﷲ.] ރޮވެން ފެށުމުން ލަމްހާ ސާދުނާގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ލަމްހާ...ހަނދާންތަކާ ދުރަށް ދެވޭތޯ މަސައްކަތް ކުރާނީއޭ....ލަމްއަށް އެއަށްވުރެން މާރަނގަޅު މީހަކުވެސް ލިބިދާނެއެއްނު.] އެއީ ތެދެކެވެ. މިހާރު ލަމްހާއަށްވަނީ އޭނާގެ އިހުހުރިފަދަ ރީތިކަމާއި ފުރިހަމަކަން ލިބިފައެވެ. ފުރޮޅުލީ ގޮނޑީގައި އިން ދުވަސް މިހާރުވަނީ މާޒީވެފައެވެ. މިހާރު ލަމްހާއަކީ ފުރިހަމަ އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން