700 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މީހަކަށް 11 އަހަރުގެ ހުކުމަކީ ކުޑަ އަދަދެއް ކަމުގައި ޤަބޫލުކުރަށްވާ ކަަމަށް އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު، އެކުންފުނި މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް ޝަރީޢަތުގައި ޢިއުތިރާފުވުމުން ދައުލަތުން އެދުނު ގޮތަށް ޝަރީޢަތުން 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވުމާއި ގުޅިގެންނެވެ.

"700 މިލިއަން އަށް ޚިޔާނާތްތެރިވި މީހަކަށް 11 އަހަރަކީ ކުޑަ އަދަދެއް ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ! މިއީ އަޅުގަނޑުގެ ރައުޔު! އެހެން ބޭފުޅުންގެ ރައުޔު ފަހަރުގައި ތަފާތު ވެދާނެ! އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ ކިތަންމެ އެއްބާރުލުމެއް ދިނަސް އެހާ އަދަބު ކުޑަވާންޖެހޭ ސަބަބެއް!" ޝެއިޚް ވިދާޅުވެފައިވެއެވެ.

މިހާރުވެސް 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފައެވެ. މި ހުރިހާ ދައުވާތަކަށް ޒިޔަތު ވަނީ އިޢުތިރާފުވެފައެވެ. ޒިޔަތު ޕީޖީއާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަށް ބިނާކޮށް އޭނާގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވިއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައި ވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދީބުގެ މައްޗަށް 20 އަހަރުގެ ހުކުމެއް އިއްވީ ވެސް އޭނާ ދައުލަތާއެކު ހަދާފައިވާ އިޢުތިރާފުގެ އެއްބަސް ވުމުގެ މައްޗަށް ބިނާކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން