ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ޝަނޫން
ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ޝަނޫން
ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ 10 މަސް ކުރިންނެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ހަމަ އެރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ އެވެ. އަދި މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާ އަށް ހަމަލާދީފައިވާތީ އެވެ.

މި މައްސަލަ ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު 14:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން