ބޮލަށް ވަޅިއެއް ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް
ބޮލަށް ވަޅިއެއް ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް
2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭ ތެރޭގައި އިންދައި ބޮލަށް ވަޅިއެއް ހަރައި މަރާލި ހއ. ތަކަންދޫ އިބްރާހިމީހިޔާ ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ. ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ ކަމަށް ދަޢުވާގައި ވެއެވެ. އަދި ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އަދި މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ، އޭނާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަތަރު މީހުން ވެސް ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ. ނަދީމް މަރާލާފައިވަނީ، ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ދެބަސްވުމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން