ޞާދިރު ޢަލީދީދީ   10 ޑިސެމްބަރު 2020 - 8:52
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 25

...............

[ލަމްހާ...ހަނދާންތަކާ ދުރަށް ދެވޭތޯ މަސައްކަތް ކުރާނީއޭ....ލަމްއަށް އެއަށްވުރެން މާރަނގަޅު މީހަކުވެސް ލިބިދާނެއެއްނު.] އެއީ ތެދެކެވެ. މިހާރު ލަމްހާއަށްވަނީ އޭނާގެ އިހުހުރިފަދަ ރީތިކަމާއި ފުރިހަމަކަން ލިބިފައެވެ. ފުރޮޅުލީ ގޮނޑީގައި އިން ދުވަސް މިހާރުވަނީ މާޒީވެފައެވެ. މިހާރު ލަމްހާއަކީ ފުރިހަމަ އަންހެނެކެވެ.

ނަމަވެސް، އަދުހަމާއި އޭނާގެ ލޯބި، ސިކުންތުކޮޅެއްގެ ކުރިން ހިނގާދިޔަ ޙާދިޘާއެއް ފަދައިން އޭނާގެ ސިކުނޑީގައި ކުރެހި ބިންވަޅު ނެގިފައިވެއެވެ. އެހަނދާންތަކުން މިންޖުވުމަކީ މިއަދު އޭނާއަށް ކުޅަދާނަވާވަރުގެ ކަމަކަށްވަނީ ނުވެފައެވެ. އަދިވެސް އޭނާގެ ހުރިހާ ޚިޔާލާތެއް އެފަރާތަކަށް ހުސްކުރެވިފައިވާ ފަރާތަކީ އަދުހަމެވެ. ދިރޭ ބޯވަޔަކު އެއްޗެއްގައި އޮޅުލައި ހިފާލާ ފަދައިން، އޭނާގެ ހިތުގައި އަދުހަމްގެ ލޯބިވަނީ އަށަގެންފައެވެ. އޭނާގެ ހިތް ބުނާކަހަލައެވެ. ފުރާނަ ހުރިހާ ހިނދަކު، ހިތަކުން އޭނާގެ ލޯތްބެއް ނުފުހެވޭނެއެވެ.

އަދުހަމަކީ އެންމެ ފުރަތަމަވެސް އަދި މިހާރުވެސް އޭނާގެ ހިތުގައި ޢިޝްޤުގެ ޖަޒްބާތު އުފައްދައި، އޭގައި ލޯބީގެ ކުލަޖެއްސި ބައިވެރިޔާއެވެ.

[އަހަންނަށް ކެތްތެރިވެވިދާނެ. އެކަމަކު އަހަރެންގެ ހިތެއް އެހެން މީހަކަށް ނުދެވޭނެ. އެހިތުގެ ޙައްޤުވެރިޔަކީ އަދުވެސް މާދަމާވެސް އަދުހަމް.] ލަމްހާ ފުން ނޭވާއެއް ލައިފިއެވެ. ހީވީ ފެންގަނޑެއްގެ ތެރޭގައި ނޭވާނުލައި އޮވެފައި، ފެންމައްޗަށް އަރައި ނޭވާލީހެންނެވެ.

[ހިތް ނުދެވުނަސް ކައިވެންޏެއް ކުރެވިދާނެއެއްނު.] ސާދުނާ ބުންޏެވެ.

[ތިސުވާލު އަހަރެންވެސް އަހަރެންގެ ހިތާ އެބަކުރަން. ހަމަގައިމުވެސް ހިތާދެކޮޅަށް އެއްކަމެއްވެސް ކުރާކަށް އަހަރެން ޤަޞްދެއް ނުކުރަން.] ލަމްހާ ބުންޏެވެ.

[ތިގޮތުގައި ކެތްވަންޏާ އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ކުޑަވެސް ހިތްވަރެއް ހުރި މީހަކު ހިއެއްނުވޭ ތިގޮތުގައި ދާއިމްވެ ހުރެދާނެހެނެއް....ހަމަގައިމުވެސް އަހަންނެއް ނުހުންނާނަން. ވަރިހަމަ ލޯބީގެ ކަނޑެއްގައި ގެނބުނަސް، އަހަރެން މަސައްކަތް ކުރާނަން ސަލާމަތްވެ، އިސްކޮޅުޖެހޭ ހިސާބަށް ދެވޭތޯ.] ސާދުނާ ބުންޏެވެ.

[އާނ...އާނ...ތިއުޅެނީ އަދި ރަނގަޅަށް ޒަހީންގެ ޢިޝްޤުގައި ނުޖެހިގެން.] ލަމްހާ އެއްމިޔަކަނުން ހީލިއެވެ.

[މިހާރު ރައްޓެހިވީތާ ކޮން ދުވަހެއް. އަދިވެސް ތިބުނާ ޢިޝްޤެއްގައި އަހަރެން ނުޖެހޭތާ.] ސާދުނާ ހީގަތެވެ. ނަފްސަށް ލިބިފައިވާ ހިތްވަރަށްޓަކައި ފަޚްރުވެރިވާފަދަ ހުނުމެކެވެ.

[މާނައަކީ އަދިވެސް ސާދުނާއަށް ޒަހީންދެކެ ލޯބިނުވެވެނީއޭ!؟] ލަމްހާ ބުންޏެވެ.

[ލޯބިވޭ...ވަރަށް ލޯބިވޭ...އިންތިހާއަށް ލޯބިވޭ...އަދިވެސް ބާރަށް ބުނަންވީތަ؟] ޒީހާން ވާހަކަ ދެއްކީ، އޭނާގެ ލޯބިވެރިޔާ ފިސާނާއާއެވެ. އެދެލޯބިވެރިން ވާހަކަ ދައްކަން ތިބީ ދާއިމީކޮށް އެވެރިންގެ މާފޮޅުވާ މަންޒިލް ކަމުގައިވާ ފިސާނާގެ މަޑުތަންމަތީގައެވެ.

[ނޫނޭ....މިރެޔަށް ފުދިއްޖެ. ކޮންމެ ދުވަހަކު، ކޮންމެ ބައްދަލުވުމެއްގައިވެސް ލޯބީގެ ލަފްޒުތަކަކުން އަހަރެންގެ ހިތް ފުރާލަދެނިކޮށް ފުދޭނެ....]

ފިސާނާ ޒީހާންގެ މޭގެތެރެޔަށް ބޮނޑިވެލީ، ފިންޏަށް ހީކަރުވައިގެންފައިވާ މީހަކު ބޯ ރަޖާގަނޑެއްގެ ތެރެޔަށް ބޮނޑިވެލާ ފަދައިންނެވެ. ޒީހާން، އެކެއްގެ ހޫނާއި އަނެކެއްގެ ހޫނާ އެއްކޮށްލުމަށްޓަކައި ފިސާނާގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.

[ލަމްހާގެ ފައި މުޅިން ރަނގަޅުވެއްޖެދޯ؟] އެއޮތްގޮތަށް އޮވެ ފިސާނާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އާނ، ވަރަށް ނަޞީބުވެރި ގޮތަކަށް ދިމާވީ. ލަމްހާ މާލެ އައިތަނާހެން، ކުރީގައިވެސް އުޅުނު އޮފީހުން ވަޒީފާވެސް ހަމަޖެހިއްޖެ.] ޒީހާން ފިސާނާގެ ފަން އިސްތަށިގަނޑުގައި އަތް ކާއްތާލަމުން ބުންޏެވެ.

[ދެން ކޮން ދުވަހަކުންތަ އަހަންނަށް ލަމްހާ ތަޢާރަފްކޮށްދޭނީ....އޮފީސް ކުދިން ވަރަށް ކިޔާ، ޒީހާންގެ ކޮއްކޮއަކީ ރީތިކަމުގެ ދެވަނައެއް ނެތް އަންހެން ކުއްޖެކޭ....އަދި އެކަކު ބުނި އައިޝްވާރްޔާ ރީތިއްޔާ، ލަމްހާވެސް ރީއްޗޭ ބުނަން މަޖުބޫރުވާނެޔޭ....] ފިސާނާ ބުންޏެވެ.

[ތެދެއް ތިބުނީ، ކޮއްކޮޔާމެދު އަހަރެން ފަޚްރުވެރިވަން. ޙަޤީޤަތުގައިވެސް ލަމްހާއަށް ލިބިފައިވަނީ ސާދަވިލޭރެއެއްގެ ހަނދުވެސް ލަދުން އިސްއޮބާލާވަރުގެ ފުރިހަމަ ނަލަކަމެއް.] ކޮއްކޮގެ ނަލަކަމާއި ޗާލޫކަމުގެ ވާހަކަ، ފުރަތަމަ އޮފީސްތެރޭގައި ދެއްކީވެސް ޚުދު ޒީހާނެވެ.

[އަޅެ އަހަރެން ބޭނުން...ލަމްހާއާ ބައްދަލުކުރަން.] ލަމްހާ ދެކެލުމަށް ފިސާނާގެ ޝައުޤުވެރިކަން އިތުރަށް ބޮޑުވީ، ޒީހާންގެ ދުލުން ކޮއްކޮގެ ރީތިކަމަށް ތަޢުރީފް ކުރީމައެވެ.

[ތިކަމަށް ރަނގަޅު ދުވަހެއް ރާވާނަން. މިހާރު ކޮއްކޮ އުޅޭނީ އޮފީހުގައި ނިކަން ބުރަކޮށް. ބަންދު ދުވަހަކާ ދިމާކޮށްފައި އެގެއަށް ދާން ރާވާނީ....] ޒީހާން ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި، ފިސާނާ ޒީހާންގެ މޭގައި ބޯއަޅާލިއެވެ.

[ފިސާ....ކޮއްކޮގެ ފައި ރަނގަޅުވެ، ވަޒީފާގެ ފުރްޞަތު ތަނަވަސްވިޔަސް، ލޯބީގެ މައިދާނުގައި ނިކަން ބަދުނަޞީބު ކުއްޖެއް އެއީ....] ޒީހާން ކޮއްކޮގެ ނާކާމިޔާބު ލޯބީގެ ޙަޔާތާ ބެހޭގޮތުން ސާދުނާގެ ފަރާތުން ލިބިފައިވާ މަޢްލޫމާތުގެ އަލީގައި، އެވާހަކަތައް ފިސާނާއަށް ކިޔާދިނެވެ.

[ލަމްހާ އެވަނީ ޙަޤީޤީ ލޯބި....އަހަރެން ޒީހާންދެކެވާފަދަ ވަރުގަދަ ލޯތްބެއް އެއީ.....] ފިސާނާ މިސާލު ޖެއްސެވެ. ޒީހާން ހީލަމުން، ފިސާނާގެ ނޭފަތުގައި މަޑުމަޑުން ހިފާލިއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން، މާޒީގެ ޞަފްޙާތައް ފުރެމުންދެއެވެ. މިހާރު މާއިޝާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ބައްޕައަކަށް ވުމަށާއި، ކާފަޔާއި މުންނަ އަދި މާމަޔާއި މާފަ (މަންމަ ފަރާތު ކާފަ)އަށް ވުމަށް ބަޔަކު ކުރަމުން އައި އިންތިޒާރުގެ ވަގުތު ކުޑަތަންވަނީއެވެ.

މިހާރު އަދުހަމް އޮފީހުން މަސްދުވަހުގެ ޗުއްޓީއެއް ނަގައިގެން ގޭގައި މާއިޝާގެ ގާތުގައި ވަގުތު ހޭދަކުރާތާވެސް ދެތިން ދުވަސް ވެއްޖެއެވެ. މިހާރު އަދުހަމް ހުރިހާ ވަގުތެއްވެސް ހޭދަކުރަމުންދަނީ މާއިޝާއާއި ލިބެންއުޅޭ އަލަތު ދަރިފުޅަށްޓަކައެވެ.

ޞިއްޙީ އިރުޝާދުދޭ ފަރާތްތަކުގެ ލަފާގެ މަތިން، ކޮންމެ ރެޔަކާއި ހަވީރުވެސް އަދުހަމް މާއިޝާ ގޮވައިގެން ހިނގާލަންދެއެވެ. ވިހެއުމަށް ފަސޭހަވެފައި ލުއިވާނޭ ކަމަށްވާތީއެވެ.

މިއަދުވެސް މާ ރީތިކޮށް ނަލަހެދިލައިގެން އަދުހަމާއި މާއިޝާ ހިނގަމުން އެދަނީ މަޖީދީމަގުން އިރަށެވެ.

[އަދޫ.....ހިނގާ އެފިހާރަައަށް ވަންނަން...] މާއިޝާ މަޑުޖެހިލާފައި ބޭބީ ސާމާނު ވިއްކާ ފިހާރަޔަކަށް އިޝާރާތްކޮށްފައި ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި، އަދުހަމް މާއިޝާގެ އަތުގައި ހިފައިގެން، އެ ފިހާރަޔާ ދިމާއަށް ހިނގައިގަތެވެ. އެއީ އެފިހާރަ ހުޅުވާފައި ލަމްހާއާއި ސާދުނާ ނުކުންނަން ދިމާކުރި ވަގުތެވެ. ލަމްހާ ފެނުމާއެކު، އަދުހަމަށް ހީވީ ގަނޑުވިހެންނެވެ. އޭނާގެ ދެފައި ބިންމަތީގައި ހަރުލިއެވެ. ލަމްހާއަށްވެސް ހުރި ފިޔަވަޅުމަތީގައި ހުއްޓެވިއްޖެއެވެ.

[ލަމް....ހާ....] އަދުހަމަށް ބޭއިޚްތިޔާރުގައި މާއިޝާގެ އަތުން ދޫކޮށްލެވުނެވެ. ނުފެންނަތާ ދުވަސްތަކެއްފަހުން ލޯބިވެރިޔާ ފެނުމުން ލަމްހާވެސް ހުރީ ގަނޑުވެފައެވެ.

[އަދޫ.....] ލަމްހާގެ ލޮލަށް ކަރުނައިގެ އަސަރު ވެރިވާން ފެށުމުން، ލަމްހާ ސާދުނާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އޭރު އަދުހަމަށް ވަމުންދިޔަ ގޮތާއި، ޙަރަކާތް ހުރިގޮތުން މާއިޝާ ހުރީ އިންތިހާއަށް އަސަރުކޮށްފައެވެ.

އިސާހިތު އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. އަދިވެސް އަދުހަމްގެ ހިތުން އޭނާއަށް ޙަޤީޤީ މަޤާމެއް ކަށަވަރުނުވާކަން އެނގުމުން، އޭނާގެ ހިތަށް ވަރަށް ތުރާވެއްޖެއެވެ.

ސާދުނާއާއި ލަމްހާ ގޮސް ލޯމަތިން ގެއްލެންދެން އަދުހަމް ހުރީ ހިލައިގެ ބުދެއް ފަދައިން ގަނޑުވެފައެވެ. ދުލުގައި ބަހެއް ނެތްތާ، ހަށިގަނޑުގައި ޙަރަކާތެއް ނެތިފައެވެ.

އޭނާއަށް ހޭވެރިކަންވެ ޙަރަކާތް ލިބުނީ މާއިޝާގެ ބަޑި ފަޅައިގެންދިޔަ އަޑަށެވެ. ހަމައެއާއެކު، ކުރެވުނު ކަންތަކުގެ ސަބަބުން އޭނާ ނިކަން ދެރަވެއްޖެއެވެ. އާދައިގެ ވަރަށްވުރެން ބޮޑަށް މިހާރު އޭނާ މާއިޝާއަށް ހަމްދަރުދީވެއެވެ.

[ސޮރީ...އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދޭނަން، ހިނގާ ގެއަށް....] އަދުހަމް މާއިޝާގެ އަތުގައި ހިފައިގެން އޭނާޔާ ގާތަށް ލަފާލިއެވެ. އޭރު މާއިޝާއަށް ރަނގަޅަށްވެސް ރޮވެނީއެވެ. މަޖީދީމަގުގެ މެދުގައި ހުރެ މާއިޝާ ރޯން ފެށުމުން، އަދުހަމް ނިކަން ކަންބޮޑުވެ ފިސާރި ލަދުވެސްގަނެއްޖެއެވެ.

އެހެންކަމުން، ޓެކްސީއެއް މަޑުކުރުވައިގެން، ނިކަން އަވަހަށް އޭނާ ޓެކްސީއަށް އަރައިގެން، ގެއަށް ދިޔުމަށްޓަކައި މިޞްރާބު ޖަހައިފިއެވެ.

[މާއިޝާ.....ދެން ހުއްޓާލާ...އަހަރެން މަޢާފަށްވެސް އެދެފީމެއްނު.] އަދުހަމް މާއިޝާ، އޭނާގެ ހަށިގަނޑުގައި ލައްކޮށްލިއެވެ. އޭރުވެސް މާއިޝާއަށް ގިސްލެވެއެވެ. ފެނުނު މަންޒަރުގެ ސަބަބުން ޙަޤީޤަތުގައި އޭނާގެ ހިތަށްވަނީ ނިކަން ފުން އަސަރުތަކެއް ކޮށްފައެވެ. އޭނާގެ ހިތަށް ބޮޑަށް އަސަރުކުރީ، ސީދާ އޭނަ ހުއްޓާ އަދުހަމް ކަންތައްކުރި ގޮތުންނެވެ.

އަދުހަމް، ލަމްހާ ފެނުމުން، އޭނާގެ އަތުން ދޫކޮށްލި ދޫކޮށްލުމާއި، އެހިނދު އޭނާގެ ޙަރަކާތްތައް ހުރިގޮތް މިހާރުވެސް މާއިޝާގެ ލޯމަތިން ތަޞްވީރުވަމުންދެއެވެ.

[އަހަރެން ހިތަށް މިއަދު ކުރިވަރުގެ އަސަރެއް ދުވަހަކުވެސް ނުކުރޭ...އެވަގުތު ހީވީ ހިތް ވިރިގެން ބަންޑުން ވެދާނޭހެން...އެވަގުތު ހިތަށްއެރި އަހަންނަށް އަދުހަމްދެކެ މިހާވަރަށް ލޯބިނުވެވުނުނަމައޭ ....] ގެއަށް އައިސް ކޮޓަރީގެ އެނދުގައި އިށީނދެލެވުމާއެކު، އަނެއްކާވެސް މާއިޝާއަށް ރޮވިއްޖެއެވެ.

[އޭރު އިޙްސާސް ނުކުރެވުނަސް މިހާރު އަހަންނަށްވެސް މާއިޝާ ދެރަވާނޭވަރު އިޙްސާސް ކުރެވޭ. ކަލާނގެ ގަންދީ ބުނަން، މާއިޝާ އަހަރެން މާއިޝާގެ ހިތުގައި ޖެހޭނެފަދަ ކަމެއް ދެނެއް ނުކުރާނަން. އަހަރެން މާއިޝާއަށް ލޯބިދޭނަން...] އަދުހަމް މާއިޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނަމަވެސް، އަދުހަމްގެ މިފަހަރުގެ ވަޢުދުތަކާއި ހުވާތަކަކުން މާއިޝާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނުހެނެއް ހިއެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޝަމާ

13-Dec-2020

ވަރަށް ވަރަށް ރީތި ވާހަކަ އެއް



ޓްރެންޑިން