ޑރ. ނަޒްލާ މުސްތަފާ
ޑރ. ނަޒްލާ މުސްތަފާ
އަންނަ އަހަރުގެ ފުރަތަމަ 3 މަސް ތެރޭގައި ރާއްޖޭގައި އާންމުންނަށް ކޮވިޑް-19 ވެކްސިން ދޭން ފެށޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެޗްއީއޯސީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބުމުން ވެކްސިން ދޭނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށާއި ކަށުކަމާ ކެމީގެ މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ 3 ޕަސެންޓް ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

ދެން ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކޮވިޑް ބަލި ޖެހިގެން ބޮޑު ވަރު ވެދާނެ ފަދަ މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ދެވަނައަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މި މީހުންނަކީ އާބާދީގެ 17 ޕަސެންޓް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ. 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. ކޮވިކްސް އިން ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި އިތުރު ވެކްސިންތައް ވެސް ލިބޭނީ ބައިބަޔަށް ވަކިވަކިން ކަމަށް ނަޒްލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން