(ފޮޓޯ: ޓްވިޓަރ/ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޒަންގ ލިޒޮންގ)
(ފޮޓޯ: ޓްވިޓަރ/ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޒަންގ ލިޒޮންގ)
ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު، ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބޭއްވި މަޝްވަރާތައް މިއަދު ނިންމާލައިފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދްގެ ވާހަކައިގައި ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ޙާލަތުގައި ޗައިނާ ސަރުކާރާއި އެގައުމުގެ ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެއިން ޝުކުރުއަދާކޮށް، ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދުގައި ދަތުރުފަތުރު އަލުން ފެށި، ކުރިއެކޭ އެއްގޮތަށް ވިޔަފާރީގެ ގުޅުންތައް ވެސް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖާވިދު ވިދާޅުވެފައިވެއެވެ.

މިބައްދަލުވުމުގައި ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެޤައުމު ކަމަށާއި، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި، އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާ އަދި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އަލުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭ ގޮތުންނެވެ.

މިބައްދަލުވުން ނިންމާލުމަށްފަހު ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޒަންގ ލިޒޮންގ ވިދާޅުވެފައިވަނީ ދެގައުމުގެ ގުޅުމުން އިތުރު ކުރިއެރުންތަކެއް ދެގައުމަށްވެސް ލިބޭނެކަމަށެވެ. މީގެއިތުރުން މިއަދުގެ މަޝްވަރާތަކުގައި ދެ ޤައުމުންވެސް އެކި ދާއިރާތަކުން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް އެއްބަސްވެވިފައިވާ ކަމަށްވެސް އެމްބެސަޑަރ ފާހަގަކުރައްވާފައިވެއެވެ. 

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން