މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ސަރުކާރެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރ އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ރިފާއު މިހެން ވިދާޅުވެފައިވަނީ ކުރީގެ ވެރިކަމުގައި ފްލެޓް ދޭނެ މީހުންގެ 2500 ފްލެޓްގެ ލިސްޓެއް އެކުލަވާލައިފައި ނުވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ބުނުމާ ގުޅިގެންނެވެ.

"ކުރީގެ ސަރުކާރުން 7000 ޔުނިޓުގެ ފްލެޓަށް އެޕްލައި ކުރާކަށްވެސް ހުޅުވައެއް ނުލާ. ހުޅުވާލީ ފްލެޓަށް އެޕްލައި ކުރަން. 2 ޔުނިޓާ 1 ޔުނިޓުގެ ފްލެޓަށް. ސިނޮހައިޑްރޯ ކިޔާ ކުންފުންޏަކާއި 2500 ޔުނިޓް ހަދަން ހަވާލުކޮށް އޭގެ ލޯން ވެސް ވަނީ ކުރީ ސަރުކާރުން ހަމަޖައްސާފައި." ބޮޗޭ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން 2500 ފްލެޓަށް އިއުލާން ކުރިކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށް ފްލެޓް ކޮމިޓިން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމަށް ލިޔުންދީ ފްލެޓް ލިބިފައިވާ ގިނަ ބަޔަކު ވަނީ މި ސަރުކާރުން ހެދި ލިސްޓުން ޝަރުތު ހަމަނުވެގެން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



"މި ސަރުކާރުން އެ ޕްރޮޖެކްޓްގެ ޑިޒައިންއަށް ބަދަލު ގެނެސް، 1720 ޔުނިޓަށް ހަދާ އަލުން ބިންގާ އެޅުމަކުން މި ސަރުކާރުގެ ޕްރޮޖެކްޓަކަށް ވާނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގެ. މިހާރު އެލިސްޓަގައި ތިބި މީހުންގެ ފްލެޓްތައް ވަގަށް ނަގާފައި ނުވިތާކަށް ޕްރޮޖެކްޓަށް ބަދަލު ގެނައުމުން ޕްރޮޖެކްޓުގެ 85 ޕަސެންޓް ލޯން ބްލޮކްވީ." ރިފާޢު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުން އަޅާފައިވާ 7000 ފްލެޓް އޭގެ ހައްގުވެރީންނަށް ދިނުމުގެ މަސައްކަތް މިސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅައި ފްލެޓްތައް ހަވާލު ކުރެވިފައެއް ނުވެއެވެ. އެކަމަށް މިހާރު ދީފައިވާ ތާރީޚަކީ މިހިނގާ ޑިސެންބަރު މަހެވެ.

މިސަރުކާރުން ބުނަނީ ކުރީގެ ސަރުކާރުން ފްލެޓް ދީފައިވާ މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. މިސަރުކާރުން ޚާއްޞަ ކޮމިޓީއެއް ހަދައިގެން އެމަސައްކަތް ކުރަމުންދާއިރު މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ވަކިވަކިން ގޭގެއަށް ޒިޔާރަތްކޮށް އަލުން ޕޮއިންޓް ދީ ލިސްޓުތައް އިޢުލާން ކުރަމުން ގެންދާއިރު ކުރީން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ ގިނަ ބަޔަކަށް ޕޮއިންޓް މަދުވެގެން ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންގެ ތެރޭގައި ހިމެނިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން