ރައީސްގެ ނައިބު ފައިޞަލް ނަސީމް | ރައީސް އޮފީސް
ރައީސްގެ ނައިބު ފައިޞަލް ނަސީމް | ރައީސް އޮފީސް
މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރު ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި، ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްއަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، އެ ތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. އަދި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ޞިއްޙީ ޚިދުމަތްތެރިން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން