އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫޢެއް
އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫޢެއް
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ރާއްޖޭގައި 107.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ފާސްކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެންވެސް ރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ވޯލްޑް ބޭންކުން މިފަހަރު ފާސްކޮށްފައިވަނީ، އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތު ކުރަން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ވޯލްޑް ބޭންކުން ދަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިގްތިސާދު އާރާސްތުކޮށް ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ މިންވަރު އިތުރު ކުރުމަށްޓަކައި ޤައުމުތަކަށް ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް އުފައްދަން ކޮށްފައިވާ މަސައްކަތަށް ބަލައި، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ކޯވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވޯލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފައިވާ ދެ މަޝްރޫއު ކަމަށް އެ ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އަލަށް ފަށާ މި މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، އެ ހަކަތަ ކަރަންޓް ވިއުގައިގެ ތެރޭގައި ބޭނުންކުރެވޭ ވަރު އިތުރު ކުރުމަށްޓަކައި ކަރަންޓް ވިއުގަ ހަރުދަނާ ކުރުމެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މިއީ އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޖުމްލަ 107.4 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށް ގެންދާނީ ތިމާވެށްޓާބެހޭ މިނިސްޓްރީ އާއި، ފެނަކައާއި ސްޓެލްކޯ ގުޅިގެންނެވެ. މި މަޝްރޫޢުގެ ސަބަބުން ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލަށް ކުރަންޖެހޭ ހޭދަ ކުޑަވެގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން