ގައިދިންތަކެއް މާލޭ ޖަލަށް ވައްދަނީ
ގައިދިންތަކެއް މާލޭ ޖަލަށް ވައްދަނީ
މާލޭގައި ހުންނަ މާލޭ ޖަލާއި ހުޅުމާލޭގައި ހުންނަ ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލެ ޖަލުގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައެވެ.

އޭނާ ވިދާޅުވީ، މާލެއާއި ހުޅުމާލެ ޖަލު އެއްކުރުމުގެ މަޝްރޫއު ބަޖެޓްގައި ހިމަނައި މި މަޝްރޫއުގެ ކޮންސެޕްޓް ޑްރޮވިން ނިމި، ޑީޓެއިލްޑް ޑްރޮވިންގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މި ޖަލު ފުރިހަމައަށް ކުރަހާ، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި ހަމަތަކަށް ފެތޭގޮތަށް ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މި ޖަލު ވެގެން ދާނީ ރާއްޖޭގައި ހެދޭ ސަރަހައްދީ އެންމެ ބޮޑު ޖަލަށެވެ. މި ޖަލު ރިމާންޑް މީހުންނަށާއި އަންހެން ގައިދީންނަާއި ކުޑަކުދިންގެ އިތުރުން ޑިޓެއިނީސް އަށް ހާއްސަ ޖަލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރު އިތުރު މަޝްރޫއެއްގެ ގޮތުގައި ހދ. ނޭކުރެންދޫ ޖަލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި، ހުޅުމާލެ ޖަލާއި މާލެ ޖަލު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ފަށައި 2022 ގެ މެދު ތެރޭގައި ޖަލުގެ އިންފްރާސްޓްރަކްޗަގެ މަސައްކަތް ނިމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން