ކޮވިޑް-19 ގައި މަރުވާ ލަންކާގެ މުސްލިމުން އިސްލާމީ ޝަރީޢަތުގައި ވާގޮތަށް އެޤައުމުގައި ވަޅުލުމުގެ ފުރުސަތު އެ ޤައުމުގެ ސަރުކާރުން ދޭންވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ކޮވިޑްގެ ސަބަބުން މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ލަންކާގެ ރައީސް އެދިވަޑައިގަތުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައި ވާގޮތުގެ މަތީން އެޤައުމުގައި ވަޅުލުމުގެ ފުރުސަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ. އެއީ އިންސާނީ، އަދި ޢަޤީދާއާއި ގުޅުންހުރި ދީނީ ޙައްޤެއް" ޑރ ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މުސްލިމުންނާއި އެހެނިހެންވެސްަ އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލްކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށާއި،އެއްވެސް ގޮތަކުން ޙައްޤު ހޯދައިދޭން ދަތިވެއްޖެނަމަ، މުސްލިމުންގެ ހަށިތައް އެންދިޔަ ނުދީ އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމް ޤައުމަކުން ކުރެވިދާނެ ކަމެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށާއި މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ ކަމަށްވެސް ޑރ ޝަހީމް ކުރެއްވި ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.

ކޮވިޑް 19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލްތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ އާއި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންކަން ހަމަޖައްސައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ލަންކާގެ ރައީސް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި ރައީސް ޞާލިހް މިހާރު ގެންދަވަނީ މިކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަށްވަމުންނެވެ.

މިކަމަށް ރައްދު ދެއްވާ ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ވެސް ވިދާޅުވެފައިވަނީ ކޮވިޑް-19 ގައި މަރުވާ ބޭރުގައުމެއްގެ ބަޔަކު ރާއްޖޭގައި ވަޅުލުމުގެ ފުރުސަތު ދިނުމަށް ތާޢީދު ނުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން